ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ދެމަފިރިއަކު ކައިވެންޏަށްފަހު، ޕާޓީ ނުބޭއްވެނީސް ވަރިވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ފިރިހެން މީހާ އޭނާގެ އަންހެނުން ވަރިކޮށްފައި ވަނީ ކައިވެންޏަށްފަހު ބާއްވަން ތައްޔާރުވަމުންދިޔަ ކައިވެނީގެ ހަފްލާގައި ލަވަކިޔާނެ މީހަކާއި ގުޅޭގޮތުން ކުރި ބަހުސް ހޫނުވެެގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ހަފްލާގައި ލަވަކިޔާނެ މީހެއް ހޯދުމާއި ގުޅޭގޮތުން ފުރަތަމަ ޒުވާބުކޮށްފައި ވަނީ ފިރިހެން މީހާގެ މަންމަ އާއި އޭނާގެ އަންހެނުންނެވެ. އެންމެ ފަހުން އެ ޒުވާބުގެ ތެރެއަށް ފިރިހެން މީހާ ވަނެވެ. އަދި ޒުވާބު އެންމެ ފަހުން ހޫނުވެ، ވަރިވާ ހިސާބަށް ދިޔައީއެވެ.

ކައިވެނީގެ ތެރޭގައި ދިމާވާ ކުދިކުދި މައްސަލަތަކުގައި ވަރިވާ ހިސާބަށް ދާ ފަހަރު އާދެއެވެ. މިފަދަ މައްސަލަތައް ބައެއް ގައުމުތަކުގައި ވަރަށް ގިނައެވެ.

ކޮވިޑް-19ގެ ފުރަބަންދު ތެރޭގައި ސައުދީގައި ވަރަށް ބޮޑަށް ވަރީގެ މައްސަލަތައް އިތުރުވިއެވެ. ސައުދީގެ ޖަސްޓިސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ކޮވިޑްގައި އާލަމީ ވަބާގެ ތެރޭގައި ސައުދީގައި ވަރިކުރުން 30 އިންސައްތަ އިތުރުވިއެވެ.

އަދި ފުރަބަންދު ތެރޭގައި ކައިވެެނި ކުރުންވެސް އިތުރުވިކަން އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. އެގޮތުން ފުރަބަންެދު ތެރޭގައި 13،000 މީހަކު ކައިވެނި ކުރިއިރު، މިއީ އެ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، ފަސް ޕަސެންޓްގެ އިތުރު ވުމެއް ކަމަށް ވެއެވެ.

މިނިސްޓްރީއަށް އެ މުއްދަތުގެ ތެރޭގައި ވަރިއަށް އެދި 7482 ހުށަހެޅުން ލިބިފައިވާކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު