2000 ގެ ކުރީގެ އަހަރުތަކުގައި ބޮލީވުޑު ފިލުމުތަކުން އެންމެ ފާހަގަ ކޮށްލެވޭ އެއް ބަތަލާއަކީ ޕްރިތީ ޒިންތާއެވެ. ޕްރިތީގެ ރީތިކަމާއި އެކްޓިންގެ މޮޅު ހުނަރުން އެތައް ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރެކެވެ.

ޕްރިތީ ޕްލާސްޓިކް ސާޖަރީ ހެދިކަމަށް ބޮލީވުޑުގެ އެކްޓަރ ޓުޝާރު ކަޕޫރު ބުނެފިއެވެ. ކަރަން ޖޯހަރުގެ ޗެޓް ޝޯ ''ކޮފީ ވިތު ކަރަން'' ގައި އެކްތާ ކަޕޫރާއި އެކު ތުޝާރު ކަޕޫރު ބައިވެރިވި މި ޝޯގެ ރެޕިޑް ފަޔަރ ރައުންޑުގައި ކަރަން ކުރި ސުވާލަކަށް ޖަވާބު ދެމުން ތުޝާރު ވަނީ ޕްރިތީގެ ފޮރުވިފައިވާ މި ހަގީގަތް ހާމަކޮށްފައެވެ.

މި ޝޯގެ ރެޕިޑް ފަޔަރ ރައުންޑުގައި ''ކޮސްމެޓިކް ސާޖަރީ'' އޭ ބުނުމުން އެންމެ އަވަހަށް ހަނދާނަށް އަންނަނީ ކޮން ފަންނާނެއްތޯ ކަރަން ކުރި ސުވާލަށް އިތުރު ވިސްނުމެއް ނެތި ތުޝާރު ބުނެފައިވަނީ އެއީ ޕްރިތީ ޒިންތާ ކަމަށެވެ.

މިހެން ބުނުމަށް ފަހު އެ ބުނެވުނީ ކީކޭކަން ތުޝާރަށް ވިސްނުމާއި އެކު އެ ވާހަކަ އޮޅުވާލުމަށް ވެސް ތުޝާރު މަސައްކަތް ކުރިއެވެ. ނަމަވެސް ތުޝާރުގެ އެ ބުނުމާއި މެދު މީހުން ވާހަކަ ދައްކަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ތުޝާރު ވަނީ ފަހުން ނޫސްތަކަށް މަޢުލޫމާތު ދީފައެވެ. އޭނާ ބުނީ ކަރަންގެ އެ ޝޯގައި ދައްކާ ވާހަކަތަކަކީ މީހުން ހެއްވާލުމަށާއި މުނިފޫހިފިލުވުމަށް ކިޔާ އެއްޗެހި ކަމަށެވެ. އަދި ފިލުމު ''ސޯލްޖާ'' އިން ފެށިގެން ވެސް ޕްރިތީއަކީ ތުޝާރަށް މަގުބޫލު އެކްޓަރެއް ކަމަށެވެ.

ޕްރިތީ ތުޝާރުއަށް ފޯނުން ގުޅައި އެހެން ބުނުމުން އެކަމާއި ހިތްހަމަ ނުޖެހުނު ކަމަށާއި ރުޅި އައިސްގެން ވާހަކަ ދެއްކި ކަމަށް ވެސް ތުޝާރު ބުނެފައިވެއެވެ. ނަމަވެސް ތުޝާރު ޕްރިތީއަށް އެކަން ވީ ގޮތް ރަނގަޅަށް އޮޅުން ފިލުވައިދިން ކަމަށް ވެސް ބުނެފައިވެއެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންގެ މައްޗަށް ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމުގެ ތުހުމަތު ކުރެވެއެވެ. ނަމަވެސް ގިނަ ފަންނާނުން ވަރަށް ބޮޑަށް އެތުހުމަތުތައް ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު