އިންޑިއާގައި އަންހެނަކު ގޭންގް ރޭޕްކޮށް ފައްޅިއެއް ތެރޭގައި އަންދާލާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެެވެ.

ރިޕޯޓުތައް ބުނާގޮތުން ފަސް މީހުންގެ ގްރޫޕަކުން އެ އަންހެން ރޭޕްކޮށް އަންދާލާފައިވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 35 އަހަރުގެ އެ އަންހެން މީހާ ރޭޕް ކޮށްލާފައިވަނީ އޭނާގެ 6 އަހަރުގެ ދަރިފުޅާއެކު ގޭގައި ހުއްޓައެވެ. އަދި އެ ގޭތެރެއިން އަންހެން މީހާ ނެރެގެން ގޮސް ކައިރީގައި ހުރި ހަޓެއް ތެރެއަށް ވައްދައި ރޭޕުކުރުމަށްފަހު އެގޭ ކައިރީގައި ހުރި ފައްޅިއެއް ތެރެއަށް ވައްދާ އަންދާލީ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

އެ އަންހެން މީހާގެ ގައިގައި އަލިފާން ޖެހި ހިސާބުން އޭނާގެ ފިރިމީހާއަށް މަންޒަރު ފެނިގެން ފުލުހުންނަށް ގުޅި ކަމަށާއި އެހެން ނަމަވެސް ފުލުހުން ފޯނަށް ޖަވާބު ނުދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން އެގައުމުގެ ފުލުހުން ބުނީ ފަސް މީހަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މީހަކު ރޭޕް ކުރުން، މަރާލުން، ހެކި ނައްތާލަން މަސައްކަތް ކުރުން އަދި ހަމަނުޖެހުން ހިންގުމުގެ ދައުވާ ހިމެނެއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ތިބި މީހުންނަށް ވީއެންމެ އަވަހަށް އަދަބު ދެވޭނެ ކަމަށެވެ.

މިއީ އިންޑިއާގައި އަލަށް ހިނގާފައިވާ ހާދިސާއެއް ނޫނެވެ. ކޮންމެ ދުވަހަކު ގޮތަކަށް އެގައުގެ ކުޑަ އަންހެން ކުދިން ހިމެނޭހެން އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ އެތައް މައްސަލައެއް ފެންމަތިވެއެވެ. އެހެން ނަމަވެސް އެދެވޭ ހައްލެއް އެކަމަށް ނުލިބޭތީ ގިނަ ބަޔަކު އަންނަނީ އެކަމާއި ޝަކުވާ ކުރަމުންނެވެ.