ނުރައްކާތެރި ބައްޔަކަށް ފަރުވާކުރުމަށް މިހާރު ލަންޑަނުގައި ހުރި ބޮލީވުޑުގެ މަޝްހޫރު ފަންނާނު، އިރްފާން ޚާނަށް ޝާހް ރުކް ޚާން އެހީތެރިވިކަމަށް ބުނާ ވާހަކަ ދޮގުކޮށްފިއެވެ. މި ވާހަކަ ދޮގުކޮށްފައިވަނީ އިރުފާނުގެ ފަރާތުން އޭނާގެ ތަރުޖަމާނެވެ.

މީގެކުރިން، މީޑިޔާ އާއި އާންމުންގެ ތެރޭގައި އަޑު ފެތުރުނު ގޮތުގައި ޝާހު ރުކް ވަނީ އިރުފާނާ ބައްދަލުކޮށްފައެވެ. އަދި، ލަންޑަނުގެ ކަންކަން ލުއިކޮށްދިނުމުގެ ގޮތުން، ލަންޑަން ޝާހު ގަނެފައިވާ ގޭގައި އިރުފާނަށް ހުރެވޭ ގޮތްވެސްވަނީ ހަދައިދީފައެވެ.

އެހެންނަމަވެސް، ތަރުޖަމާނު ބުނެފައިވަނީ ބައެއް ފަރާތްތަކުން މި ވާހަކަ ދައްކަނީ އިތުބާރު ނުހިފޭ މަސްދަރުތަކަށް ރިއާޔަތްކޮށް، އެއްވެސް ވަރަކަށް ހަޤީޤަތް ބެލުމެއް ނެތިކަމަށެވެ.

ފެތުރިގެން ދިޔަ ވާހަކަތަކާ ގުޅިގެން ޝާހު ރުކު ނުވަތަ އޭނާގެ ފަރާތުން އެއްވެސް މީހަކު އަދި އެއްޗެއް ބުނެފައި ނުވެއެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި، އިރުފާން ޚާނަށް ޖެހިފައިވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ކެންސަރެކެވެ. "ނިއުރޯ-އެންޑޮކްރައިން ޓިއުމަރ" އެއް އޭނާގެ ހަށިގަނޑުގައި އިން އިރު، އެތައް ބައެއްގެ ހިތް ފަޅާލި ސިޓީއެއް، އޭނާ އާއްމުކޮށްފައިވެއެވެ. ބަލީގެ ސަބަބުން އޭނާ ތަހަންމަލު ކުރަމުންދާ ކަންކަން، ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ދާދިފަހުން ބޭއްވި އައިފާ އެވޯޑުގައި އެންމެ މޮޅު އެކްޓަރުގެ މަޤާމުވެސް ލިބިފައިވަނީ އިރުފާނަށެވެ. އެއީ، ފިލްމު "ހިންދީ މީޑިއަމް" އަށެވެ.