ދޮންކޭލަކީ ސިއްހީ އެތައް ފައިދާއެއް ލިއްބައިދޭ ރަހަ މީރު މޭވާއެކެވެ. އަދި ދޮންކެޔޮ ތޮށިގަނޑަކީ ވެސް ހީނުކުރާ ފަދަ އެތައް ބޭނުމެއް ކުރެވޭނެ އެއްޗެކެވެ.

ދޮންކެޔޮ ތޮއްޓަކީ ދޮންކެޔޮ ކައި ނިންމާފައި އެއްލާލެވޭ ވަރަށް ވުރެ ތަފާތު އެތައް ބޭނުމެއް ކުރެވޭ އެއްޗެކެވެ. ދޮންކެޔޮ ތޮށިން ކުރެވިދާނެ ބައެއް ކަންތައްތަކަކީ:

ހަމުގައި ނަގާފައި ހުންނަ އުންތަކަށް ނިމުމެއް

ނިދުމުގެ ކުރިން ގައިގެ ތަންތަނުގައި ނަގާފައި ހުންނަ އުންތަކުގައި ދޮންކެޔޮ ތޮށިކޮޅެއް ބޭއްވުމަށް ފަހު ބެންޑޭޖު ކޮށްލާށެވެ. ކޮންމެ ރެޔަކު މިގޮތަށް ކަންތައް ކުރުމުން އުން ވެއްޓޭނެއެވެ.

މޫނުގައި ޖަހާ ރޫތައް ފިލުވުމަށް

ދޮންކެޔޮ ތޮށީގައި ހިމެނޭ އެންޓިއޮކްސައިޑްގެ ސަބަބުން ހަންގަނޑަށް ހީނުކުރާ ފަދަ އެތައް ފައިދާއެއްވެއެވެ. މޫނުގައި ރޫ ޖެހިފައި ހުންނަ ތަންތަނުގައި ދޮންކެޔޮ ތޮށީގެ އެތެރެބައި ހޭކުމަށްފަހު ބައިގަޑިއެއް ހާއިރު މަޑުކޮށްލާށެވެ. އެއަށްފަހު މޫނު ދޮވެލާށެވެ. އަސަރު ވަގުތުން ފެންނާނެއެެވެ.

ދަތްތައް ހުދުކޮށްލުމަށް

ދޮންކެޔޮ ތޮށީގެ އެތެރެބައި ދަތްތަކުގައި ކޮންމެ ދުވަހަކު ވެސް އުނގުޅާށެވެ. ދެ ހަފުތާއެއްގެ ތެރޭގައި ދަތްތައް ހުދުވާނެއެވެ.

މަދިރި ހަފާފައި ހުންނަ ތަންތަނަށް ފަރުވާއެއް

މަދިރި ހެފުމުން ހިރުވާ ހިރުވުންތަކަށް މިއީ އެންމެ މޮޅު ހައްލެވެ. މަދިރި ހަފާ ތަންތަނުގައި ދޮންކެޔޮ ތޮށި އުނގުޅުމުން ހިރުވުން ކުޑަކޮށްލާނެއެވެ.

ކޮލެސްޓްރޯލް

ކޮލެސްޓްރޯލް މަތި ނަމަ ކެއުންތަކުގައި ދޮންކެޔޮ ތޮށި ހިމަނާށެވެ. ބައެއް މޭވާތަކަށް ވުރެ ގިނައިން ދޮންކެޔޮ ތޮށީގައި ފައިބަރު ހިމެނެއެވެ. އެހެންކަމުން ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ.

ދޮންކެޔޮ ތޮއްޓަކީ މިހާ މުހިންމު އެއްޗަކަށް ވީ ހިނދު ދޮންކެޔޮ ކައިފައި ތޮށިގަނޑު އެއްލާލުމުގެ ބަދަލުގައި މި ކަންތައްތައް ކޮށްލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަން

    ދޮންކެޔޮ ތޮއްޓަކީ ޑުރަގް ވެސް ހަދާ އެއްޗެއް. ދޮންކޭލަކީ ބިޔަރު ވެސް ހަދާ އެއްޗެއް.

  2. ބަބޫ

    ތޮށި މިރުސްގަސް ބުޑަށް އެޅުމުން ކުޅިރަހަ ގަދަވާނެ. ޕޮޓޭސިއަމް ހުންނާނެ

  3. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    މި ޖެހުނީ ދޮންކެޔޮ ގަންނަން

    • ހުސޭނުބޭ

      އުނހު! ދޮންކެޔޮ ކޮޅު ބައިންދާފައި އޭގެ ތޮށިގަނޑު ގަންނަން ޖެހެނީ!

  4. އަނބު

    ދޮންކެޔޮތޮށި ކެއުމުން ލިބޭ އެއްވެސްފައިދާ އެއްނޯވޭދޯ؟