އައިފޯން ގެންގުޅޭ ގިނަ މީހުން އެޕަލްގެ އެހެނިހެން އުފެއްދުންތައްވެސް ގެންގުޅޭ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

ކޮންސިއުމާ އިންޓެލިޖެންސް ރިސާޗް ޕާޓްނާސް (ސީއައިއާރްޕީ) އިން ހަދާފައިވާ ދިރާސާ "އައިފޯން ބޭނުންކުރާ ފަރާތްތަކުން އިތުރު އެހެން އުފެއްދުމެއް ބޭނުންކުރޭތޯ ބެލުން" ދައްކާގޮތުން ވަރަށް ގިނަ އައިފޯން ބޭނުންކުރާ ފަރާތްތަކުން އައިފޯންގެ އިތުރުން އެޕަލްގެ އުފެއްދުންތައް ބޭނުންކުރެއެވެ.

އެމެރިކާގެ އެންމެ ބޮޑު ޓެކް ކުންފުނި އެޕަލްގެ އުފެއްދުންތަކަށް ގިނަ ބަޔަކު ޝައުގުވެރިކަން ހުންނަނީ އެތަކެތި ބޭނުންކުރަން ފަސޭހަވެފައި އެކަތި އަނެކައްޗާ ގުޅުވައިދޭގޮތް ފަސޭހަވާތީއެވެ.

ގިނަ ފަރާތްތަކުން އައިފޯންގެ އިތުރުން އައިޕެޑް، އެޕަލް ވޮޗް، އަދި އެއާޕޮޑްސް ވެސް ގެންގުޅެއެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 84 އިންސައްތަ މީހުން އައިފޯން އާއި އެއްކޮށް އައިޕެޑް ގެންގުޅެއެވެ. އަދި ތިންބައިކުޅަ ދެބައި މީހުން އެޕަލް ވޮޗް ބޭނުންކުރެއެވެ.

އެމެރިކާގައި ހެދި މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 40 އިންސައްތަ މީހުން އެއާޕޮޑްސް ބޭނުންކުރެއެވެ. އައިފޯން ގެންގުޅޭ އެންމެންވެސް ކޮމްޕިއުޓަރެއް ގެންގުޅޭއިރު އޭގެ ތެރެއިން 41 އިންސައްތަ މީހުން ގެންގުޅެނީ މެކް އެކެވެ.

އެޕަލްގެ ޓީވީ އަކީވެސް ގިނަ ގޭގޭގައި މިހާރު ބޭނުންކުރާއެއްޗަކަށްވާއިރު 39 އިންސައްތަ މީހުންގެ ގޭގައި އެޕަލް ޓީވީ ހުރެއެވެ.

ސީއައިއާރްޕީ އިން ހިންގި މި ދިރާސާގައި ބައިވެރިވެފައި ވަނީ 900 މީހުންނެވެ. މި މީހުންނަކީ ފާއިތުވި 12 މަސްދުވަހު އެޕަލް އައިފޯން ގަނެފައިވާ މީހުންނެވެ. ގިނަ ފަރާތްތަކުން އެޕަލްގެ އުފެއްދުންތަކަށް އިތުބާރު ކުރަނީ އެ އުފެއްދުންތަކުގެ ސެކިއުރިޓީ ހައިވެފައި ބޭނުންކުރަން ފަސޭހަވެފައި ގިނަ ފީޗާތައް ހިމެނޭތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެ އެއްޗެހި ނުގެންގުޅެ އައިފޯނެއް ބޭނުމެއް ނުކުރެވެޔޭ ، މޮޔަވާހަަކަ ދައްކަން.

    1
    1