ކައިވެނީގެ ހަފްލާތަކަކީ މިހާރަކަށް އައިސް ގިނަ ބަޔަކު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުން އަންނަ ހަފްލާއެކެވެ. ދެމީހުންގެ ޒަވާޖީ ހަޔާތް ފަށާއިރު، އާއިލާއާއި ރައްޓެހިން ބައިވެރިކޮށް ކުލަގަދަ ހަފްލާއެއް ނުބޭއްވޭނަމަ ގިނަ ބަޔަކަށް ކަމުވެސް ނުދެއެވެ. އަގުބޮޑުކޮށް ކައިވެނީގެ ހަފްލާއަށް ހާއްސަކޮށް ހެދުން ހޯދުމާއި، ހަފްލާގެ ކަންކަން ފޯރީގައި ދެމީހުންވެސް ކުރަމުން އަންނައިރު ހަފްލާ ބާއްވާނެ ތަނެއް ހޯދުމަކީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މިހާރަކަށް އައިސް ރާއްޖޭގައި އާންމުވެފައިވަނީ ގޮނޑުދޮށުގައި ކައިވެނީގެ ހަފްލާ ބޭއްވުމެވެ. ޒަވާޖީ ހަޔާތެއް ފަށާއިރު ކައިވެނީގެ ހަފްލާގެ ކަންކަން އެންމެ ފުރިހަމައަށް ކުރުމަކީ ކޮންމެ ބަޔަކުވެސް އެދޭ ކަމެކެވެ. އެގޮތުން ބައެއް މީހުންގެ ކައިވެނީގެ ހަފްލާތައް ކަނޑު އަޑީގައި ވެސް އަންނަނީ ބާއްވަމުންނެވެ.

މިއީ އެފަދަ ޖޯޑެއްގެ ކައިވެނީގެ ހަފްލާއެއްގެ ވާހަކައެވެ. 'ކަޕްލް ރޮމޭންސް'ގެ ނަމުގައި ފޭސްބުކްގައި ލޯބިވެރިންގެ ފޮޓޯއާއި ކުއޯޓްސް ހިއްސާކުރަމުން އަންނަ ޕޭޖަކުން އިއްޔެ ވަނީ ކަނޑުއަޑީގައި ބާއްވާފައިވާ ކައިވެނީގެ ހަފްލާއެއްގެ ފޮޓޯތައް ހިއްސާކޮށްފައެވެ. އެ ފޮޓޯތައް ބަލާލަން ވަރަށް ހިތްގައިމެވެ.

ފަސް ފޮޓޯގަނޑު ހިއްސާ ކޮށްފައިވާއިރު، އެ ފޮޓޯތަކުން ފެނިގެން ދަނީ 'ބްރައިޑް' އާއި 'ގްރޫމް' އަދި ރަސްމީ ހެދުން އަޅައިގެން ހުރި މީހެކެވެ. ބެލެވޭ ގޮތުގައި ރަސްމީ ހެދުމުގައި ހުރި މީހަކީ ކައިވެނި ކޮށްދިނުމަށް ހަފްލާގައި ބައިވެރިވެފައިވާ އޮފިޝަލެކެވެ. ފޮޓޯތަކުން ފެނިގެންދާ ގޮތުން ތިން މީހުން ވެސް ތިބީ އޮކްސިޖެން ފުޅި އަޅައިގެންނެވެ. ކަނޑު އަޑީގައި ހުދު ކުލައިގެ ވަށް މޭޒެއް ބަހައްޓާފައިހުރި އިރު މޭޒު މަތިން ކޭކެއް ފެންނަން ހުއްޓެވެ.

މި ޕޯސްޓުގައި މިއީ ކޮން ގައުމެއްގައި ބާއްވާފައިވާ ހަފްލާއެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.

ރާއްޖެއާއި އެހެން ގައުމުތަކުގައި ވެސް ބައެއް މީހުން ކަނޑު އަޑީގައި ކައިވެނީގެ ހެދުމުގައި ފޮޓޯ ނަގަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހައްމަދޫ

    ބޭކާރު ކަންތައް.