ސައިންސުވެރިން ދުނިޔޭގެ އެންމެ ދުވަސްވީ ދަރިފަނި ހޯދާފައި ވަނީ މިޔަންމާ އިންނެވެ.

މީގެ 100 މިލިއަން އަހަރުކުރީގެ ދަރިފަންޏެއްގެ ގޮތުގައި ބެލެވޭ މި ދަރިފަނި ހޯދާފައި ވަނީ މީގެ 500 މިލިއަން އަހަރު ކުރިގައި އުޅުނު ކަނޑުގެ ދިރުމެއްގެ ފޮސިލް އިންނެވެ. މި ދިރުމަކީ އިހި، ކަކުނި ފަދަ ކަނޑުގެ ދިރުންތަކުގެ އާއިލާ އަށް ނިސްބަތްވާ މިހާރުވެސް ބައެއް ކަނޑުތަކުން ފެންނަ ދިރުމެކެވެ.

ރޯޔަލް ސޮސައިޓީ ޕްރޮސޫޑިންސް ޖާނަލްގައި ޝާއިއު ކޮށްފައިވާ ލިއުމެއްގައިވާގޮތުން އެންމެ ދުވަސްވީ ދަރިފަނި ހޯދާފައި ވަނީ ކަނޑުގައި ދިރިއުޅޭ އަންހެން ދިރޭއެއްޗެއްގެ ހަށިގަނޑުގެ ތެރެއިންނެވެ. އެ ހޯދުނު އިރު ދަރިފަނި އޮތީ އޭގެ ހަށިގަނޑުގެ ތެރޭގައި ދަރިމައިވާން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ސައިންސުވެރިން ބުނެއެވެ.

ލުޑްވިކް މެކްސިމިލަން ޔުނިވަރސިޓީގެ ތަޖުރިބާކާރުން ބުނާގޮތުގައި އެންމެ ގިނަ ދުވަސްވީ ދަރިފަންޏަކީ އާދަޔާ ހިލާފަށް ބޮޑު ދަރިފަންޏެކެވެ. މި ދަރިފަނި އުފެއްދުމަށް އެ ޖަނަވާރު ގިނަ އަދަދެއްގެ ހަކަތަ ބޭނުންކުރަން ޖެހޭނޭ ކަމަށްވެސް އެފަރާތުން ބުނެއެވެ.

މިޔަންމާގައި ހުރި ފޮސިލްތައް ހޯދުމަށް ސައިންސުވެރިން ދިރާސާކުރާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު މިހާތަނަށް މި ދިރާސާއަށް ވަނީ ބޮޑު ކާމިޔާބީއެއްވެސް ލިބިފަ އެވެ. އެގޮތުން ބޮއް، ހަރުފަ އަދި އެހެން ޖަނަވާރުންގެ ގުނަވަންތައްވެސް ވަނީ ދިރާސާގައި ހޯދާފަ އެވެ.

މީގެ ކުރިން އެންމެ ދުވަސްވީ ދަރިފަނީގެ ގޮތުގައި ހޯދިފައިވާ ދަރިފަންޏަކީ 17 މިލިއަން އަހަރުގެ ދަރިފަންޏެކެވެ. މި ދަރިފަނި ހޯދާފައި ވަނީ ޗައިނާގެ ނަންޖިންގުގެ ޗައިނީސް އެކެޑަމީ އޮފް ސައިންސުގެ ތަޖުރިބާކާރުންނެވެ.