މިއީ މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގައިދިޔަ ހާދިސާއެކެވެ. މި ވާހަކަ ލިޔެފައި މިވަނީ، އެރަށުގައި ހިނގާދިޔަ ރަހުމުކުޑަ ހާދިސާއަކަށްފަހު، ނާމާން ކަންތައްތަކާއި ކުރިމަތިލާން ޖެހުނު ފަރާތަކުން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. ސަބަބުތަކަށްޓަކައި މި ވާހަކައަށް ވާނީ ބައެއް ބަދަލުތައް ގެނެވިފައެވެ.

އެއީ މީގެ އެތައް އަހަރެއް ކުރިއެވެ. އަހަންނަކީ އެ ޖަރީމާގައި ބައިވެރިވި މީހަކީމެވެ. އެއްވެސް ރަހުމެއް ކުލުނެއް ނެތި އަހަރެންގެ ބައިވެރިވުމާއި އެކު އެދުވަހުގައި ހިންގި އެ ޖަރީމާގެ ސަބަބުން މިއަދު މުޅި ދުނިޔެ ބަނަވެ ދިރިއުޅުން ވިއްސިވިހާލިވެ ދުނިޔެއިން ނުކުޅެދިފައިވާ މީހަކީމެވެ. މިއީ އަހަރެންގެ ކުށުން އަހަންނަށް ތަޤުދީރުވީގޮތެވެ.

އަހަންނާއި މައިޝާއަކީ ލޯބީގެ ގޮތުން ގުޅިގެން އެތައް އަހަރެއް ވަންދެން އުޅެމުން އައި ދެމީހުންނެވެ. މައިޝާއާއި އަހަރެންގެ ގުޅުން، ކައިވެނީގެ ގުޅުމަށް ބަދަލު ކުރުމުގެ ޚިލާޔެއް އަހަރެންގެ ހިތުގައި ނެތީ، އެކަމުގެ ސަބަބުން ޒުވާން އުމުރު ބޭކާރުވެގޮސްދާނޭ ކަމަށް އަހަންނަށް ޤަބޫލުކުރެވިފައި އޮތުމުންނެވެ. "ކާށި ކެވޭނީ ދަތްހުއްޓައި" ކަމުން، ބަޔަކު ކިތަންމެ ވަރަކަށް އެއްޗެހި ކިއެއްކަމަކު، އެއީ އަހަރެންގެ އިޚްތިޔާރުގައި އޮތް އަހަރެންގެ ދިރިއުޅުމާއި ބެހޭ ކަމެއް ކަމަށް ބުނަމުންނެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެން ދިޔައީ ވަގުތީ މި ޢާލަމުގެ ކުޑަކުޑަ ވަގުތުކޮޅުގެ ތެރެއަށް ގެއްލި ދީވާނާ ވަމުންނެވެ. މާދަމާ ވާނޭ ގޮތެއް ޚިޔާލަކަށް ގެންނާނޭ ވަގުތެއްވެސް އަހަންނަކަށް ނުވެއެވެ. މައިޝާއާއި އެކު އުޅެމުން އަދި އެހެން ޒުވާން އަންހެން ކުދިންނާއިވެސް އަހަރެން ދިޔައީ ގުޅުން ބާއްވަމުންނެވެ. މިކަން މައިޝާއަށްވެސް މީސް މީހުންގެ ފަރާތުން ކޮންމެވެސް ވަރަކަށް އެނގެއެވެ. އެކަމަކު އަހަރެން ދެކެ އޭނާ ވާ ލޯތްބެއްގެ ބޮޑުކަމުން އަހަންނާއި ވަކިވާން އޭނާ ނޭދެނީއެވެ.

މައިޝާއާއި އަހަރެންގެ ގުޅުމަށް ތިން އަހަރު ވީއެވެ. ފާއިތުވެދިޔަ ތިން އަހަރުގައި އަހަރެމެން އުޅެމުން އައި މިނިވަންކަމުގެ ނަތީޖާ މިއަދު ފެންނާން ފަށައިފިއެވެ. މައިޝާ ބަނޑުބޮޑުވެއްޖެ ކަމުގެ އިހުސާސް އޭނާއަށް ކުރެވިގެން އުޅޭތާ އޭރު ދުވަސްކޮޅެއް ވެއްޖެއެވެ. ރާއްޖެއިން ބޭރުގައި އަހަރެން ކިޔަވަން އުޅުނު ދުވަސްވަރު ލިބިފައި ހުރި ތަޢުލީމެއްގެ ސަބަބުން، އޭނާއަށް ވަމުންދިޔަ ގޮތް ފެނިފައި އަހަންނަށް އެކަން ޔަޤީންކުރެވެއެވެ. އަހަރެން މައިޝާއަށް އަންގާފައި އޮތީ އެކަން އިތުރު އެއްވެސް މީހަކާއި ޙިއްސާނުކޮށް ސިއްރު ކުރުމަށެވެ.

މައިޝާގެ ބަނޑަށް އޭރު ގާތްގަނޑަކަށް 6 މަސް ވެދާނެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް މާބޮޑު ބަދަލެއް ނާންނާތީ އޭނާ ހުރީ ބަލިވެކަން، ދަންނަ މީހަކަށް ނޫނީ ޝައްކެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް ދުވަސްވާ ވަރަކަށް އެކަން ބަދަލުވެގެންގޮސް އެކަން ސިއްރެއްގެ ގޮތުގައި ބޭއްވެން ނެތް ހިސާބަށް ދިޔައިރު އަހަރެން އޮތީ ކަންކުރާންވީ ގޮތް ރާވައި ނިންމާފައެވެ. އަހަރެން ނިންމީ މައިޝާ ގޮވައިގެން ކައިރީގައި އޮންނަ ފަޅު ރަށަކަށް ދާށެވެ.

އެދުވަހު އަހަރެން މައިޝާ ގޮވައިގެން ބޮއްކުރާގައި ނައްޓާލިއިރުވެސް، އަހަރެންގެ މަޤްސަދު މައިޝާއަކަށް ނޭނގޭނެއެވެ. ނަމަވެސް ދަތުރު މަތީގައި އަހަރެންގެ ރޭވުން މައިޝާއަށް ކިޔައިދިނީމެވެ. އަހަރެން ދިޔައީ އެކަމަށް ނުހަނު ތައްޔާރުވެސް ވެގެންނެވެ. މައިޝާ ފުރަތަމަ ހުރީ ބިރުންނެވެ. އޭނާ އެކަން ކުރާން އޭރު އެއްބަހެއްވެސް ނޫނެވެ. ނަމަވެސް ފަޅުރަށާއި ހަމައަށް ދެވެންދެން އަހަރެން ދިޔައީ އޭނާގެ ބޮލަށް ސަވާރުވެ ވިސްނުން ބަދަލު ކުރުވަމުންނެވެ.

ފަޅުރަށާއި ހަމައަށް ދެވުނުއިރު އަހަރެން ބޭނުންވި ގޮތްވެއްޖެއެވެ. ރޭވުމުގެ ފުރަތަމަ މަރުޙަލާ ކާމިޔާބުވީއެވެ. މައިޝާ އަހަރެން ހިންގާން އުޅުނު ޖަރީމާއަށް އެއްބަސް ކުރުވައިފީމެވެ. އަހަންނަށް އޮތް އިތުބާރެއްގެ ބޮޑުކަމުން އޭނާ ހުރީ ހަމަޖެހިލައިގެންނެވެ.

ހަވީރު ފަޅުރަށަށް ދިޔަ ގޮތަށް އަހަރެމެން ރަށާއި ދިމާލަށް މިސްރާބު ޖެހީ އަނެއް ދުވަހުގެ ހެނދުނުވެސް ވީފަހުންނެވެ. ދުނިޔެއަށް އުފަންވެސްނުވާ އަހަރެމެންގެ ދަރިފުޅު އަނިޔާވެރި ގޮތަކަށް މަރާލައި އެރަށުގައި ވަޅުލުމަށްފަހު، ދެމީހުނަށްވެސް ލިބިފައިވަނީ ސިހުމެކެވެ. އެއީ އަހަރެމެން ދުވަހަކުވެސް ތަޖުރިބާ ކުރި ފަދަ ކަމަކަށް ނުވާތީ ތިބީ ހާސްވެފައެވެ. ކުރެވުނީ ކިހައިވަރެއްގެ ކަމެއްކަން އަހަންނަށް އިހުސާސް ކުރެވުނު ނަމަވެސް، ދުނިޔަވީ ބޮޑު ލަދަކުން ސަލާމަތްވީތީ އަހަރެން ހުރީ ހިތްހަމަޖެހިފައެވެ.

އެއަށްފަހު އަހަރެން މައިޝާއާއި އެކު އޮތް ގުޅުން ނިމުމަކަށް ގެންނާން ގިނަ ދުވަސްތަކެއް ނުނަގަމެވެ. އޭނާ އަހަރެން ދެކެ ލޯބިން ވީ ގުރުބާނީ އަހަންނަށްވީ، އޭނާގެ ފުށުން "ސަލާމަތްވުމަށް" ލިބުނު ފުރުސަތަކަށެވެ. އަހަރެން މައިޝާ އާއި ވަކިވުމުން އޭނާ ވަރަށް ރޮއެ ހިތާމަކުރިއެވެ. އޭނާ އާއި އެކު ލޯބިން ދިރިއުޅުމެއް ފެށުމަށް އެދި އާދޭސްކުރިއެވެ. އަހަރެން އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓައި ދިރިއުޅުމާއިގެން ކުރިއަށްދަނިކޮށް، ރަށުން ބޭރުގައި ހުއްޓާ މައިޝާ އަމިއްލައަށް މަރުވި ޚަބަރު ލިބުނެވެ.

ދުވަސްތަކެއް ފަހުން އަހަރެން އެނބުރި ރަށަށްދިޔައީ މީގެ ގާތްގަނޑަކަށް އަށް ވަރަކަށް އަހަރު ކުރިންނެވެ. އަހަރެން ރަށަށްގޮސް ރަޙުމަތްތެރީންތަކަކާއި އެކު "އެ ފަޅުރަށަށް" ދިޔައީ މަސް ދަތުރެއްގައެވެ. މާޒީގެ ހަނދާންތައް ވަޅުލެވިފައިވީ އެރަށަށް ދިޔައިރު އަހަރެން މާބޮޑަކަށް އެކަމާއި މެދު ނުވިސްނަމެވެ. އެހެނަސް އެރަށުގެ ފަސްގަނޑުގައި ފައި ޖެހުމާއިއެކު އަހަންނާއި މައިޝާ އެރަށުގައި ހިންގި ޖަރީމާ އަހަރެންގެ ލޮލަށް ސިފަވަމުންދިޔައެވެ.

އެދުވަހު އަހަރެން އުޅުނީ އެކަމާއި ވިސްނޭވަރުން ރަހުމަތްތެރީންނާއިވެސް ވަކީންނެވެ. ފަޅު ރަށަށް އޭރު އަހަރެން އައި އިރާއި މިހާރާއި ބަލާއިރު މާބޮޑު ބަދަލެއް އައިސްފައެއް ނެތެވެ. "އެ ކުޑަކުޑަ ހަށިގަނޑު" ވަޅުލި ތަން އަދިވެސް އަހަރެންގެ ހަނދާނުގައި ވެއެވެ. އެހެންކަމުން އަހަންނާއި އެކު އައި މީހުން ދާއަޅަން މޫދަށް ފޭބި ދަނޑިވަޅު ބަލާފައި އަހަރެން ހިނގައިގަތީ ދަރިފުޅު ވަޅުލިތަން ބަލާލަން ދިއުމަށެވެ. ބޭ އިޚްތިޔާރުގައި ޖެހިލުންވެ ހުރެގެންނެވެ.

އެއީ ރަށުގެ ފުއްޓަރު ފަރާތުގައި ހުރި ބޮޑު ފުނަ ގަހެއްގެ ކައިރިއެވެ. އަހަންނަށް އެތަން ފެނުމުން ހުރެވުނީ ގަނޑުވެފައެވެ. އަރައިގަނެވުނު ފާފައިގެ ބޮޑުކަން ހިތަށް ގެނެވި ބިރުން ސިހިފައެވެ. މައިޝާވެސް މަރުވެދިޔައީ އަހަރެންގެ ސަބަބުން ކަން ހިތަށް ގެނެވި، ޒުވާން އުމުރު ހޭދަކުރެވުނު ގޮތާއި މެދު ދެރަވެ ރޮވިފައެވެ.

މިގޮތަށް ޚިޔާލާއި ފިކުރުގެ ތެރެއަށް ޣަރަޤުވަމުން ދަނިކޮށް އަހަންނަށް ފަހަތުން މީހަކު އަންނަހެން ހީވިއެވެ. އެއާއިއެކު އެނބުރި ބަލައިލިއިރު ފެންނާން ހުރީ ކުޑަކުޑަ ފިރިހެން ކުއްޖެކެވެ. އެއީ އިންސާނެއް ނޫންކަން އަހަންނަށް ޔަޤީން ކުރެވުނީ، ހަށިގަނޑުގެ ބައެއް ގުނަވަންތައް އޭނާގެ ހަށިގަނޑުން ބޭރުގައި ހުރުމުންނެވެ. އެއީ އަހަރެންގެ ދަރިފުޅުވެސް "ކޮށައި" ކުދިކުދިކޮށްލެވުނު ގޮތްބާވައެވެ.؟

އެއަށްފަހު ދެންވީގޮތެއް އަހަރެންގެ ހަނދާނަކަށް ނާދެއެވެ. ހޭލެވުނުއިރު އަހަރެން އޮތީ ގޭގައެވެ. ފޫޅުން ތިރި އޮތީ ވާވެފައެވެ. އަހަންނާއި އެކު ދަތުރުދިޔަ ރަހުމަތްތެރީން އަހަރެންގެ ގާތުގައި ތިއްބެވެ. އަދި ވީގޮތް އަހަރެންގެ ގާތުން އޮޅުންފިލުވާން މަސައްކަތްކުރިއެވެ. އަހަރެން މިއަދާއި ހަމައަށްވެސް އެވާހަކަ އެންމެނަށް ސިއްރު ކުރީމެވެ. އެކަމަކު އޭގެ ހިތިވޭން އެދުވަހުން ފެށިގެން އަހަންނަށް ލިބެމުންދެއެވެ.

އެދުވަހަށް ފަހު އަހަރެން މިއޮތީ އަޅާލާނެ މީހެއްނެތި، ނުކުޅެދޭ ޙާލުގައި އެނދުމަތިވެފއެވެ. އަހަރެންގެ ބައްޔަށް އެދުވަހަށްފަހު އެއްވެސް ބަދަލެއް ނާދެއެވެ. ފަރުވާ ހޯދަން ކުރެވެން ހުރިހައި މަސައްކަތެއްކޮށް އަހަރެން އެއްކުރި ހުރިހައި ފައިސާ ހުސްވެދިޔައިރުވެސް އަލި މަގެއް ނުފެނުނެވެ. ހަމަ އެހެންމެ ރޭގަނޑުގެ ވަގުތުތަކުގައި ނާމާންކަމާއި ބިރުވެރިކަމާއި އަހަރެން ކުރިމަތިލާން ނުޖެހޭ އެންމެ ދުވަހެއްވެސް ނާދެއެވެ. އަހަންނަށް އޭގެ ދުއްތުރާއާއި އަނިޔާ ނުލިބޭ ދުވަހެއް ނުދެއެވެ. މިއީ އަހަންނަށް ހައްޤު ޖަޒާއެވެ. ދުނިޔޭގައި އަރައިގަނެވުނު ނުބައިކަމެއްގެ ޖަޒާ އަހަންނަށް ލިބެމުން މިދަނީ ދުނިޔެ މަތިންނެވެ. މިއަދު އަހަރެން އެކަމަށް ތައުބާވެ ހިތާމަކުރިނަމަވެސް އަޖަލު ޖެހެންދެން އަހަންނަށް އިތުރު ގޮތެއް ނެތެވެ.

މި ހާދިސާއަށްފަހު އެ ފަޅު ރަށުން ކުޑަކުއްޖަކު ފެންނަކަމަށް އެރަށަށް ދާ މީހުން ބުނެ އުޅެއެވެ. އެކަން ތަޖުރިބާ ކޮށްފައިވާ ގިނަ ބަޔަކު މިއަދުވެސް އުޅެމުންދާއިރު، އެފަރާތްތަކުން ބުނަނާގޮތުގައި، އެ ރަށުން ފެންނަ ކުޑަ ފިރހެން ކުއްޖާއަކީ، މީގެ ޒަމާންތަކެއް ކުރިން އެރަށުގައި ހިންގި ލާއިންސާނީ ޢަމަލަށްފަހު ފެންނަމުންދާ ކުއްޖެއް ކަމަށެވެ. އަނެއް ބަޔަކު ޤަބޫލުކުރާގޮތުގައި އެކުއްޖާއަކީ މަރާލުމަށްފަހު ވަޅުލެވުނު ކުއްޖާގެ ސިފައިގައި ފެންނަ ޖިންނިއެކެވެ.

- ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނައިކް

  ވޯލްޓް ޑިޒްނީއަށް ފޮނުވާލަން ރަނގަޅު ވާހަކައެއް ޓޮމް އެންޑް ޖެރީ ކަހަލަ ކާޓޫނެއް ހަދަން..

  4
  22
 2. ޢަބްދުﷲ

  ޢިބްރަތުން ފުރިގެންވީ ވާހަކައެކެވެ. އޭ މުސްލިމު ޤައުމެއްގެ ލޮބުވެތި އަޚުން އުޚުތުންނޭވެ. އަހަރެމެން ދިވެހިންނަކީ ކިހާ ނަޞީބު ގަދަ ބައެއްހެއްޔެވެ. މިއޮތް އެކަހެރިކޮށް ދުނިޔޭގެ އެހެން ބައްރުތަކާ އޮތް އިރުވެސް މާތްﷲ ގެ ދީލަތިވަންތަކަމުން އަހަރެމެން އެންމެން މުސްލިމުން ކަމުގައި މާތް ﷲ ލެއްވިކަމަށްޓަކައި ޝުކރުކޮށް އަބަދާއަބަދު އެކަލާންގެއަށް ޙަމްދުކޮށް އަޅުކަންކޮށް އުޅެމާ ހިނގާށެވެ. މިވަގުތީ ފާލަމުގައި ހޭދަކުރަން މިޖެހެނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. ދާދި އަވަހަށް ނިމިގެން ހިނގައިދާނެއެވެ. ދެންއޮތީ އަބަދާ އަބަދުގެ ޖަޒާއެވެ. އެހެންޏާ ސުވަރުގެ އެހެންޏާ ނަރަކއެވެ. ޔާﷲ އަޅަމެން މުޅި ޢުމުރަށް ތެދުމަގުގެ މަތީގައި ސާބިތު ކުރައްވާނދޭވެ.

  48
  3
 3. ާއައްޔަ

  ވަރަށްވެސް ބިރުވެރި. މިއޮތީ ހުމާ ރަޖާއަޅައިގެން.

  15
  8
 4. ޢަލީ ޢާމިރު

  ބޮއްކުރާއެއްގައި ދަތުރުކުރިއޭ ބުންޏަކަސް އަދި ނުވާނެ މީގެ އެތައް އަހަރުގެ ކުރީގެ ކަމަކަށް، މުޅިވާހަކައިގެ އޮނިގަނޑު އޮތްގޮތުން ޤަބޫލުކުރެވެނީ ލިއުންތެރިއާގެ ޚިޔާލީ ވާހަކަ އެއްހެން، މިގޮތަށް މިރާއްޖޭގައި މިހާރަކަށް އައިސް ކަން ނުވާވާހަކައެއް ނޫން، އެހެނަސް، މި ވާހަކަ ހީވަނީ ހަމަ އަމިއްލަ އުފެއްދުމެއްހެން