ތުއްތު ކުދިން ބެލެހެއްޓުމާއި އެ ކުދިންގެ ކަންތައްތައް ބެލެހެއްޓުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. ވަކީން ހާއްސަކޮށް ތުއްތު ކުދިންނަށް ކާންދިނުމަކީ ފަސޭހަކަމެއް ނޫނެވެ.

ނަމަވެސް މޯބައިލް ފޯނު، ޓީވީ، ޓެބްލެޓްސް ފަދަ އެއްޗެއް ދީގެން ކުއްޖާގެ ސަމާލުކަން އެކަމަށް ހުއްޓުވައިގެން ކާން ދިނުމަކީ ގިނަ ބެލެނިވެރިން ކުރާ، އަދި ކުދިންނަށް ކާން ދިނުމުގައި ގެންގުޅޭ އުކުޅެކެވެ.

ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކާންދޭއިރު، މިފަދަ ސްކްރީންތައް ދެއްކުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ކުއްޖާ ކެއުމަށް ޝައުގުވެރިކަން ގެއްލި ވަކި ބާވަތެއްގެ ކެއުމަށް އަނބުރުވާލާ ކަމެކެވެ.

އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ސަންޝައިން ކޯސްޓާއި، ޔުނިވާސިޓީ އޮފް ކުއީންސްލޭންޑުން ކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ ކުޑަކުދިންނަށް ކާންދޭންއިރު މިފަދަ ސްކްރީންތައް ދައްކާނަމަ ކުދިން ކެއުމަށް ބޮޑާހާކާނެ ކަމަށެވެ.

އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ކޮށްފައިވާ މި ދިރާސާއިން ދައްކާގޮތުގައި ކުދިންނަށް އެންމެ ފައިދާ ކުރަނީ ކައި ވަގުތު މޯބައިލް ފޯނު، ޓީވީ، އައިޕޮޑްސް ފަދަ ސްކްރީންތައް ނުދެއްކުމުންނެވެ.

އާއިލާއާއި އެކު އެއް ސުފުރާމަތީގައި ކައިހަދާ ކުދިން ކެއުމަށް ބޮޑާހާކާ މިންވަރު ދަށްވާނެ ކަމަށް މި ދިރާސާ އިން ދައްކައެވެ. މީގެއިތުރުން ކުއްޖާ ކައި ހިތްވާ އެއްޗެއް އަހައި، ކާން ތައްޔާރު ކުރުމުގައި ކުއްޖާ ވެސް ބައިވެރި ކުރުވާނަމަ ކެއުމަށް ބޮޑާހާކާ މިންވަރު މަދުވާނެއެވެ.

ކާ ވަގުތުތަކުގައި މިފަދަ ސްކްރީންތަކަށް ބެލުމަކީ ކުއްޖާ ވަކި ކާއެއްޗެއް ކެއުމަށް ނުވަތަ ނުކެއުމަށް ބާރުއަޅައި، ކާތަކެއްޗަށް ފާޑުކިޔާ ކުއްޖަކަށް ވެދާނެ ކަމަކަށެވެ.

ސްކްރީންތަކަށް ބަލައިގެން ކުއްޖާ ކައި ނަމަ ތަފާތު ބާވަތުގެ ކާނާ ކެއުމަށް ފޫހިވެ، ކެއުމުގައި ހޭދަކުރާ ވަގުތު ވެސް އިތުރު ކަމަށް މި ދިރާސާއިން ދައްކައެވެ.