މިއީ ރާއްޖޭގެ ރަށެއްގައި މީގެ ކުރިން ހިނގި ހަޤީޤީ ހާދިސާއެކެވެ.

ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތަކަށް ގެއްލިފައި އަހަންނަށް އިނދެވުނީ ފުން ޚިޔާލެއްގެ ތެރޭގައެވެ. ޖެހެމުންދާ ކޮންމެ ވައިރޯޅިއަކާއިއެކީ އަހަރެންގެ އިސްތަށިގަނޑު ރޫޅެމުން މޫނުމަތީގައި ހޭކެމުންދާއިރުވެސް އެކަމަށް ސަމާލުކަމެއް ނުދެވި އިންދާ އިރު އޮއްސެން ފެށިއެވެ. އުޑުމައްޗަށް އަނދިރިކަން ފެތުރެން ފެށުމުން މޫނު ފޮހެލާފައި ބައިސްކަލަށް އަރައިގެން ގެއަށްދިޔުމަށް ދުއްވާލީމެވެ.

ގެއިން ގޮނޑުދޮށަށް ދާން މިނެޓެއްވެސް ނުވާނެއެވެ. ނަމަވެސް ގޮނޑުދޮށާއި ތަންކޮޅެއް ދުރު، މީހުންނަށް ނުފެންނަ ހިސާބެއްގައި އަހަރެން އަބަދުވެސް އިންނަން ބޭނުންވާތީ އާންމުކޮށް މިތަނަށް އަންނަނީ ބައިސްކަލުގައެވެ. އަހަރެންނަކީ ގޭގައި ހުރި އެންމެ ހަގު ކުއްޖާކަމުން ގެއިން ބޭރަށް ނިކުމެފައި ތަންކޮޅެއްވެސް ލަސްވެއްޖެނަމަ މަންމަ އަހަރެން ހޯދަން ފަށާނެވެ. މިހެންވެ އިރުއޮއްސުމުގެ ކުރީން ގެއަށް ވަންނަން ޖެހެއެވެ. ދޮންބެ ސްކޫލް ނިންމާފައި ވަޒީފާއަށް ދިޔަ ނަމަވެސް ދޮންތައަކީ އަހަރެން ގޮތަށް ސްކޫލަށްދާ ކުއްޖެކެވެ. އެކަމަކު ދޮންތަ ބޭރަށްގޮސް ލަސްވެގެން މަންމަ ގުޅައިގެން އެއްޗެހި ނުކިޔާތީ އަހަރެން އެކަމާ ވަރަށް ޝަކުވާވެސް ކުރަމެވެ. އެކަމަށް ކޮންމެ ފަހަރަކުވެސް މަންމަ ބުނަނީ އަހަރެން އަދި ކުޑަ ކަމަށެވެ. އުމުރުން 7 އަހަރެއްކަމަކު، އަހަރެން ކުޑައެއް ނޫނޭ ބުނެ ޝަކުވާކުރުން ހުއްޓައެއް ނުލަމެވެ.

އެދުވަހު ގެއަށް ދިޔައިރު މަންމައާއި ގެ ކައިރި އަވައްޓެރިއަކު ތިބީ ޖޯލިފަތީގައި ވާހަކަ ދައްކާށެވެ. މަންމަ ސުވާލެއް ކޮށްފާނެތީ އަވަސް ކޮށްލާފައި ބައިސްކަލު ބަހައްޓާފައި ގެއަށް ވަނީމެވެ. އަދި ކޮޓަރިއަށް ވަދެ ފެންވަރާލާ ވުޟޫކޮށްލީމެވެ. މަޣުރިބު ނަމާދަށް ބަންގި ގޮވުމުން ނަމާދުކޮށް ބަގަރާ ސޫރަށް ކިޔަވަން ފެށީމެވެ. އިރުކޮޅަކުން ދޮންތަ ކޮޓަރިއަށް ވަނެވެ. އަދި "މަންމައާއި ބައްޕަ އެބަ ޒުވާބުކުރޭ!"

އެހެން ބުނުމާއި އެކު އަހަރެންނަށް އިސްޖަހާލެވުނެވެ. އަހަރެން ފެންކަޅިވާންފެށިއެވެ. ހިތަށް އެރިއެވެ. މިނޫން ދުވަހެއް ނެތީބާއެވެ. ދޮންތަ އަހަރެންގެ އަތުގައި ހިފާފައި "ނުރޯށޭ!" ބުނުމަށްފަހު ކޮޓަރިން ނިކުތެވެ. އަހަރެންވެސް ޚަތތިމު ބާއްވާފައި ދޮންތަ ފަހަތުން ނިކުތީމެވެ. މަންމަ އާއި ބައްޕަގެ އަޑު ވަރަށް ގަދައެވެ. ދެމީހުން ތިބީ ބަދިގޭގައެވެ. އަހަރެންނާއި ދޮންތަ ދުރުގައި ބަލަން ތިބީމެވެ. "މިތާގަ ހުންނާތި، މިދަނީ ފޯނު ހޯދަން،" ދައްތަ ބުނެލިއެވެ. އަހަރެން ބޯޖަހާލައިފައި އާއެކޭބުނެލީމެވެ.

ސްކޫލް ނުނިމޭތީ އެކަކުވެސް ފޯނެއް ނުގެންގުޅެމެވެ. ޒުވާބުކުރާނަމަ މަންމަ ފޯނު ހޯދައިގެން އަބަދުވެސް ދޮންބެއަށް ގުޅަމެވެ. ދޮންބެއަށް ގުޅިއަސް އެކަމެއް ހުއްޓޭތީ އެއް ނޫނެވެ. އެކަމަކު ހާސްވެގެން ގުޅަނީއެވެ. "ނުފެނުނު ފޯނެއް" އިރުކޮޅެއް ފަހުން އައިސް ދޮންތަ ބުނެލިއެވެ. ދޮންތަ ހުރީ ވަރަށް ހާސްވެފައި އެވެ. އަހަރެންނަށް ބިރުން ފެށުނީ ރޯށެވެ.

މަންމައާއި ބައްޕްގެ ޒުވާބުގެ އަޑު ތަންކޮޅެއް މަޑުވެއްޖެއެވެ. އެކަމަކު މިހާރު ބަދިގޭގައި ފެންނާކަށް ނެތެވެ. ދޮންތަ އަހަރެންގެ އަތުގައި ހިފާފައި ކޮންތާކުތޯ ތިބީ ބަލަން ހިނގައިގަތް ތަނާ އިވުނީ އެއްޗެހިތަށް އުކާ އަޑެވެ. ކޯޗެއް ކަމެއް ނޭނގެއެވެ.

ބަދިގެ ކައިރިން ލައިފަ ދެމީހުން ދުއްވާއިގަތީ ފެންޑާއަށެވެ. ކަމަކުދާކަށް ނެތެވެ. ބައްޕަ އޭރު ހުރީ މަންމަގެ ކަރުގަ ހިފާފައެވެ. ދެމީހުން ދުވެފަ ގޮސް ބައްޕަ ކައިރި މަންމަ ދޫކުރުމަށް އެދި ރޮއެ އާދޭސް ކުރީމެވެ. "މަންމާ މަންމާ" އޭ ކިޔާ އަހަރެންނަށް ހުރެ ރޮވެނީއެވެ. މަންމަ ހުރީ ނޭވާލާން އުނދަގޫވެ ލޯ ބޮޑުވެފައި އެވެ. ދޮންތަ ބައްޕަގެ އަތުގައި ހިފާ "ދޫކުރޭ، ދޫކޫރޭ" ކިޔާ އާދޭސްކުރަން ފެށުމުން ދޫކޮއްލިއެވެ. މަންމަ ދެ ކަކޫ މައްޗަށް ވެއްޓުނެވެ. ދޮންތަ މަންމަ ގައިގައި އޮޅުލައިގަންފާ ބުންޏެވެ. "މަންމަ މިއޮތީ ހޭނެތިފަ. ދޭބަލަ ފެންތައްޓެއް ބަލައި"

ދޮންތަ އެހެން ބުނުމާއިއެކު އަހަރެން ދުއްވާގަތީ ފެންތައްޓެއް ބަލައެވެ. ބައްޕަ އެތާ ހުރެފައި އެއްޗެކޭ ނުބުނެ ނިކުމެގެން ދިޔައީ ބޭރަށެވެ. ފެންތަށި ހިފައިންގގޮސް މަންމަ މޫނުން ބުރުވަން ފެށީމެވެ. އިރުކޮޅަކުން މަންމައަށް ހޭވެރިކަން ވިއެވެ. ދެމީހުން މަންމަ ގައިގަ އޮޅުލައި ތިބެގެން ގިސްލަ ގިސްލާފައި ރޯން ފެށީމެވެ. މަންމަ މަޑުމަޑުން ތެދުވާން މަސައްކަތް ކުރުމުން، މަންމައަށް އެތެރެއަށް ވަނުމަށް އެހީތެރިވެދިނީމެވެ. އެތެރެއަށްވަދެ އަހަރެން އެނދުގައި މަންމަ ބާއްވާފައި ނިދުމަށް އެދުނީމެވެ. އެކަމަކު މަންމަ ނުނިދާނެ ކަމާއި އޮންނަނީ ކަންކަމާ ވިސްނާ އޮންނާނީ ރޯން ކަންވެސް އަހަރެންނަށް އެނގެއެވެ. ދޮންތައާއި ދެމީހުން ބަދިގެއަށް ގޮސް މަންމައަށް ޖޫސްތައްޓެއް ގިރަން ފުޅިތައް ހޯދަން ފެށީމެވެ. ދެމީހުން ވެފައިތިބި ހާސްކަމެއްގެ ބޮޑުކަމުން ފުޅިތައް ބަހައްޓިފައި ހުރި ތަނެއް ހަނދައިނެއްވެސް ނެތެވެ. އަހަރެންނަށް އަދިވެސް ރޮވެނީއެވެ.

"ދައްތާ! ބައްޕަ އަނެއްކާ އައިސް ދާނެދޯ؟" ރޮމުން ރޮމުން އަހަރެންނަށް ބުނެވުނެވެ.

"ހަނާ! ހުއްޓާލާދެން. ބައްޕަ ނާންނާނެ. ދޭ މޫނުދުވެގެން ނަމާދުކޮށްލަށް!" ދޮންތަ އަހަރެންގެ ރުއިން ހުއްޓާލުމަށް އެދުނެވެ.

ދައްތަގެ ބަސްއަހާ މޫނުދޮވެލައިގެން ނަމާދު ކުރަން ދިޔައީމެވެ. އަދި ނަމާދުކޮށް ނިމިގެން، ދޮންބެއަށް ގުޅަން ފޯނުހޯދަން ފެށީމެވެ. ގޭތެރެއާއި މަންމަ ކޮޓަރި ހޯދާ ހޯދާ ނުފެނުނެވެ. ދެން ދިޔައީ ބަދިގެއަށެވެ. ފޯނު ފެނުނީ ކާމޭޒު ދަށުގައި އޮއްވައެވެ. ފޯނުނަގައި ބަލާލިއިރު އޮތީ ސްކްރީން ތަޅައިން ގޮސްފައެވެ. ހުޅުވޭތޯ ބަލާލީމެވެ. ނަސީބު ރަނގަޅުކަމުން ފޯނު ހުޅުވިއްޖެއެވެ. ސްކްރީން ތަޅައިންދިޔަ ނަމަވެސް ފޯނުއޮތީ ހުޅުވިފައެވެ. އަވަސްއަވަހަށް ދޮންބެއަށް ގުޅާފައި ކަންތައް ހިނގިގޮތް ކިޔައިދިނީމެވެ.

ދޮންބެ ފިހާރަ ނިންމާފައި އިރުކޮޅަކުން ދާނެކަމަށް ބުނެ މާޔޫސްވެފައި ފޯނު ކަނޑައިލިއެވެ. ދޮންބެ ބައްޕަ ދެކެ ވަރަށް ބިރުގަންނާނެއެވެ. އަހަރެން ހަދާންހުންނަން ފެށިއިރު ބައްޕަ ދޮންބެ ނުކިޔަވާތީ ވަރަށް އެއްޗެހި ކިޔާނެއެވެ. ދޮންބެ ބޭރުތެރޭ ގުރޫޕަކާއެކު އުޅޭތީ އެއްދުވަހު ގެއިންވެސް ނެރެލިއެވެ. އެކަމަކު އެދުވަހު ދޮންތަ އާއި އަހަރެން ދޮންބެ ގެނުމަށް އެދި ބައްޕަ ކައިރީގައި ވަރަށް ރުއީމެވެ. އަދި ހަމަ އެދުވަހު ދޮންބެ ހޯދާފަ ގެއަށް ގެނައެވެ. ބައްޕަ ކިތަންމެ ރުޅިގަދަޔަސް އަހަރެމެން ގައިގަ ދުވަހަކުވެސް ނުޖަހައެވެ. ދޮންބެއަށް ނަފްރަތުކުތި ނަމަވެސ ދޮންތައާއި އަހަރެންނާ ދިމާލަށް ދުވަހަކުވެސް ރުޅިއައިސްގެން އެއްޗެކޭ ނުބުނެއެވެ.

މަންމައާއި ބައްޕަ ޒުވާބުކޮށް އަތް އިސް ނުކުރާ ދުވަހެއް މަދުންނޫނީ ނުފެނެއެވެ. މިކަމާ ވިސްނާފައި ނުރޯ ދުވަހެއް ނުދާނެއެވެ. ސްކޫލަށްގޮސްވެސް މަންމައަށް ކަމެއް ވެދާނެތީ އިންނަނީ ވަރަށް ކަންބޮޑުވެފައި އެވެ. ގެއަށް އައިސް ފުރަތަމަ ވެސް ބަލަނީ މަންމަ ކޮބައިތޯއެވެ. އަހަރަކަށް ފަހު އަހަރެން އަހަރެންގެ ނަތީޖާވީ ދަށެވެ. އަހަރެން މިހާރު ކިޔަވާހިތް ނުވަނީއެވެ. ގޭގައި ހިނގާ ކަންކަމުގެ ވާހަކަ އަހަރެން އެކީގައި ކިޔަވަން އުޅުނު އެކަކަށްވެސް ކުއްޖަކަށް ކިޔައެއް ނުދެމެވެ. ކިޔައިދިނަސް ކަމެއް ރަނގަޅު ނުވާނެކަން އެނގޭތީއެވެ. އަހަރެން ކިތަންމެ ކުޑަނަމަވެސ ކަންކަމާ ވިސްވާ ވިސްނާ އަހަރެން ހުންނަނީ ބޯގޮވާފަ އެވެ.

ދުވަސްތަށް އަހަރުތަކަށް ވަމުންގޮސް އަހަރެންގެ އުމުރުން 14 އަހަރު ވެއްޖެއެވެ. ދޮންތަ އޭރު ކިޔަވައި ނިމިއްޖެއެވެ. ގޭގެ ހަރަދުތައް ބެލުމަށް ދޮންބެ ރިސޯޓަކަށް ބަދަލުވިއެވެ. މަންމައާއި ބައްޕަގެ ޒުވާބުކުރުން ކުރިއަށްވުރެ ތަންކޮޅެއް މަދެވެ. އެކަމަކުވެސް އެކަމެއް ނުހުއްޓެއެވެ.

އެއްދުވަހެއްގެ ދަންވަރެވެ. ދޮންތައާއި އަހަރެން އޮތީ ނިދާފައިއެވެ. މަންމަ ހަޅޭލަވައިގަތް އަޑަށް ދެމީހުންނަށް ކުއްލިއަކަށް ހޭލެވުނެވެ. އެދުން ފުއްމާލާފައި ދެމީހުންގޮސް މަންމަ ކޮޓަރި ދޮރުހުޅުވާލީމެވެ. އޭރު ބައްޕަ އުޅެނީ ކަމަކާއި ރުޅިގަދަ ވެގެންނެވެ. ދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭގެއެވެ.

ޒުވާބުގެތެރެއިން ބައްޕަ ރުޅިއައިސްފައި މަންމަ ގައިގަ ޖަހަން އަތް އުފުލާލިއެވެ. ދޮންތައާއި އަހަރެން އޭރު ތިބީ ކޮޓަރި ދޮރުމަތީގަ އެވެ. ދޮންތަ ބާރަށް ހިނގާފައި ގޮސް މަންމަ އަތުގައި ހިފައިން ކޮޓަރިން ނެރުނެވެ. އަދި ބައްޕައާއި ދިމާލަށް ބުންޏެވެ. "ދެން އެންމެ ފަހަރަކުވެސް މަންމަ ގައިގަ ޖަހައިފިއްޔާ ޕޮލިހަށް އަންގާނަށް" ބައްޕަ ހުރީ ބުނާނެއެއްޗެއް ނޭގިފައެވެ. ރުޅިއައިސް ދޮރުލައްޕާފައި ބައްޕަ ވަނީ ކޮޓަރިއަށެވެ. އެދުވަހު ބައްޕައަށް ވިސްނޭނެ ކަމަށް އަހަރެން ހުރީ އުންމީދުކޮށްގެންނެވެ.

ކަންތައްވީވެސް އެހެންނެވެ. އެދުވަހަކީ އެކަމަށް ނިމުމެއް އައި ދުވަހެވެ. އެއަށްފަހުން މަންމައާއި ބައްޕަ ކަންކަމާއި ޒުވާބު ކުރިނަމަވެސް އަތްއިސްކޮށެއް ނަހަދައެވެ. އުމުރުން މަތިވެ އެކަމަށް ހޭނުމުން ދޮންތައަށް ބައްޕައާއި ދިމާލަށް އެހެން ބުނަން ކެރުމުން އަހަރެން ދޮންތައާއިމެދު ފަހުރުވެރިވެއެވެ. ކުރިން ދެމީހުންވެސް ތިބީ އެއްޗެކޭ ބުނީމާ މަންމައަށް ކުރާ އަނިޔާ އިތުރުވެދާނެތީ ބިރުންނެވެ. އެކަމަކު މިހާރު ބައްޕައަށް ވިސްނޭނެއެވެ. އަހަރެމެން ދަރިން މަންމަ ސަލާމަތް ކުރާނެކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮސް

    ޢަހަރުމެންގެ އެންމެ ލޯބިވާ މަންމަގެ ގައިގަ ރުޅިއައިސް އިނގިލި ހާކާލިއަސް ބައްޕައަކަށް މާފެއް ނުކުރާނަން ދުވަހަކުވެސް.

    2
    1