އެމެރިކާގެ ނިއު ޖާޒީގައި ނުވަ ވަނަ ބުރިން ފުންމާލި މީހެއްގެ ފުރާނަ ސަލާމަތްވެއްޖެއެވެ.

ނިއުޔޯކް ޕޯސްޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި މި މީހާ ވެއްޓި ޖެހުނީ އެ އިމާރާތުގެ ތިރީގައި ޕާކް ކޮށްފައި އޮތް ބީއެމްޑަބްލިޔު ކާރެއްގެ މައްޗަށެވެ. އެމީހާ ކާރު މައްޗަށް ވެއްޓުމުން އެ ކާރު ވަރަށް ބޮޑަށް ވަނީ ފުނޑުފުނޑުވެފައެވެ.

މި މީހާ ވެއްޓިފައި އޮއްވައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ މަތިން އެއްޗެއް އައި އަޑަށް ބަލާލިއިރު މީހަކު އޮތީ ކާރު މައްޗަށް ވެއްޓިފައި ކަމަށެވެ. އެ އަޑު އިވިފައި ވެއްޓުނީ މީހެއް ކަމަކަށް ފުރަތަމަ ގަބޫލު ވެސް ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ.

އެހެން މީހަކު ބުނީ ފިރިހެން މީހާ ފުންމާލުމަށް ފަހު، ފެށީ ހަޅޭއްލަވަން ކަމަށެވެ. އެމީހާ ވެއްޓުމުގެ ސަބަބުން އެއް އަތް ވަނީ ބިންދައިގެން ގޮސްފައެވެ.

ވެއްޓުނު މީހާ ތެދުވެ ހުރެގެން އެހެން މީހުންގެ އެހީތެރިކަމަށް އެދެން ފެށުމުން 911 އަށް ބަޔަކު ގުޅި ކަމަށްވެއެވެ.

އިމަޖެންސީ ޓީމުން ވަރަށް އަވަހަށް އައިސް އެމީހާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. މި ހާދިސާ ހިނގި ގޮތް ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، ޒުވާނާ ވައްޓާލީ ކަމަކަށް މިހާތަނަށް އައިއިރު ތުހުމަތު ކުރެވިފައެއް ނެތެވެ.

އެމީހާ އަކީ އޭނާ ވެއްޓުނު އިމާރާތުގެ އެއްވެސް ތަނެއްގައި މަސައްކަތްކުރާ މީހެއް ނޫނެވެ. އެހެންވެ އޭނާ އެ އިމާރާތަށް އަރައިގެން އުޅުނީ ކީއްވެކަމެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު