ތުރުކީ އަށް ނިސްބަތްވާ ރުމޭސާ ގެލްގާ ނަމަކަށް ކިޔާ އަންހެނަކު ދުނިޔޭގެ އެންމެ ދިގު މީހާގެ ޝަރަފު ހޯދައިފިއެވެ.

ގިނެސް ވޮލްޑް ރިކޯޑް ފޮތުން ރުމޭސާ ގެލްގާ ޖާގަހޯދާފައިވާއިރު އޭނާގެ އިސްކޮޅުގައި ހަތް ފޫޓު 0.7 އިންޗި ހުރެއެވެ. މިހާރު ދުނިޔޭގައި ހުރި އެންމެ ދިގު މީހާގެ ޝަރަފު އޭނާ ވަނީ ހޯދާފައިއެވެ.

ރުމޭސާ އަށް އާދަޔާ ހިލާފު ދިގު އިސްކޮޅެއް ލިބިފައި ވަނީ އޭނާ ވީވާ ސިންޑްރޯމް ހުރުމުންނެވެ. މި ސިންޑްރޯމް އާއި އިތުރު އެހެން ހާލަތްތަކުގެ ސަބަބުން އޭނާގެ އިސްކޮޅު ދިގުވެއެވެ.

މިއީ 24 އަހަރުގެ ގެލްގާ ވޮލްޑް ރިކޯޑު ފޮތުން ޖާގަ ހޯދި ދެވަނަ ފަހަރެވެ. އެގޮތުން 2014 ވަނަ އަހަރު އޭނާ ވަނީ ދުނިޔޭގެ އެންމެ ދިގު ނޫކަށި ފުރައިގެ ޒުވާނާގެ ޝަރަފު ހޯދައިފައެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރަމުން އައީ އޭނާ ފަދަ އެހެން މީހުން ބާރުވެރިކުރުވައި މުޖްތަމައު އަށް ނެރުމަށް މަސައްކަތް ކުރުމުގައެވެ.

ކޮޅަށް ހުރުމަށް އުނދަގޫ ވުމުގެ ސަބަބުން ގެލްގާ އަބަދުވެސް އުޅެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ގެލްގާ އަށް ދެވަނަ ފަހަރު އެވޯޑް ލިބުމުން ގިނެސް ވޮލްޑް ރިކޯޑް އިން ވަނީ އެކަން ފާހަގަވެސް ކޮށްފައެވެ. އަދި އޭނާ ކުރާ ހިތްވަރަށް އެފަރާތުން ވަރަށް ބޮޑަށް ތައުރީފް ކުރިކަންވެސް ފާހަގަ ކުރެވެއެވެ.

ދުނިޔޭގެ އެންމެ ދިގު ފިރިހެން މީހާ އަކީވެސް ތުރުކީ އަށް ނިސްބަތްވާ މީހެކެވެ. ސުލްތަން ކޮސެން ނަމަކަށް ކިޔާ އެމީހާގެ އިސްކޮޅުގައި 8 ފޫޓު 2.8 އިންޗި ހުރެއެވެ. އޭނާގެ އިސްކޮޅު ބަލާފައި ވަނީ 2018 ވަނަ އަހަރުގައެވެ.