ބޮލީވުޑްގައި މަޝްހޫރުކަން ހޯދާފައިވާ ސްރީލަންކާގެ ރީތީގެ ރާނީ ޖެކޮލިން ފެނާންޑޭޒް 365 ޑޭސްގައި މާސިމޯ ގެ ރޯލު ކުޅެދިން މައިކެލް މޮރޯން އާއި އެކު ފިލްމެއްގެ ޝޫޓިންގ ކުރިޔަށް ގެންދަން ފަށައިފިއެވެ.

މައިކެލް އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު ތަރުހީބަކާއި އާދަޔާއި ހިލާފު މަޝްހޫރުކަމެއް ލިބިފައިވާ ތަރިއެކެވެ. އިޓަލީއަށް ނިސްބަތްވާ މައިކެލް މޮރޯންގެ ރީތި އަޑާއި ވީޑިއޯ ލަވަތަކުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން އޭނާ އަށް ލިބިގެން ދިޔައެވެ. ގިނަ ބަޔަކަށް އޭނާ ރީތިވެގެން އެ ވާހަކަދައްކަމުން ދާއިރު، އޭނާ އާއި އެކު ޖެކޮލިން ފިލްމެއްގެ ޝޫޓިންގ ކުރިޔަށް ގެންދަން ފަށާފައިވާތީ، އާންމުންގެ ސަމާލުކަން ވަނީ ޖެކޮލިންއަށް އަމާޒުވެފައެވެ.

މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ޖެކޮލިން އާއި މައިކެލް އެކުގައި ފިލްމެއް ކުޅޭކަމުގެ އަޑުތައް ގަދަވެފައިވަނީ މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާއި ގުޅިގެންނެވެ. އެ ވީޑިއޯއިން ފެނިގެންދަނީ ޕޯސް އަކަށް ތައްޔާރުވެލައިގެން ޖެކޮލިން އާއި މައިކެލް ހުއްޓައެެވެ. ކަޅު ސޫޓެއްގައި މައިކަލް ހުރިއިރު، ޖެކޮލިން ލައިގެން ހުރީ އަޅި ކުލައިގެ ހެދުމެކެވެ.

ދެމީހުން އެކުގައި ތިބިއިރު، ބެލެވޭ ގޮތުގައި މިހާރު ޝޫޓިންގ ކުރިޔަށްދާ ކަމަށްބުނާ ފިލްމުގައި ދެމީހުން ފެނިގެންދާނީ ލޯބިވެރިންގެ ގޮތުގައެވެ.

މި އަޑުތައް ގަދަވެފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސުކޭޝް ޗަންދްރަޝެކަރް މީހެއްގެ އަތުން 200 ކަރޯޑް ފޭރުނު މައްސަލައާ ގުޅިގެން ކުރިޔަށް ގެންދާ މި ތަހުގީގަށް ބޭނުންވާ މައުލޫމާތު ދިނުމަށް މިދިޔަ ހުކުރު ދުވަހު ޖެކޮލިން ކޯޓަށް ހާޒިރުވާން އެންގުމާއި ގުޅިގެން އާންމުންގެ ސަމާލުކަން އޭނާއަށް ލިބިފައިވަނިކޮށެވެ.