"މިއީ ހަޤީޤީ ހާދިސާއަކަށް ބިނާކޮށް އަސްލު ނުގެއްލޭނެ ގޮތަށް ލިޔެފައިވާ ވާހަކައެވެެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމަކީ އަސްލު ނަންނަމެއް ނޫނެވެ"

އެއިރު އަހަރެންގެ އުމުރުން 18 އަހަރެވެ. ރަށުން އޯލެވެލްއާއި ހަމައަށް ކިޔެވުމަށް ފަހު އަހަރެން މާލެ ބަދަލުވީ މަތީ ތައުލީމު ހާސިލް ކުރުމުގެ ފޮނި އުންމީދުގައެވެ.

މާލޭގެ ތޮށްޖެހިފައިވާ މާހައުލަކީ އަހަރެން އެހާ ގަޔާވާ މާހައުލެއް ނޫނެވެ. އެހެންކަމުން އަހަރެން ގިނަ ވަގުތު ހޭދަކުރަނީ ގޭގައެެވެ. ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ އަހަރެން ގެއިން ބޭރަށް ނުނިކުންނަމެވެ. އަހަންނަކީ މާލެއަށް އައު ކުއްޖެއް ކަމުން އަހަރެންގެ އެހާ ގިނަ ރަށްޓެހިންނެއް މާލޭގައެއް ނުތިބެއެވެ. އެހެންކަމުން އެކުގައި ބޭރަށް ގޮޮސްލާނެ ރަށްޓެއްސެއްވެސް އަހަރެންގެ ނުހުރެއެވެ.

އަހަރެން ދިރިއުޅެމުން އަންނަ ގެ ހުންނަނީ މާލޭގެ ނަން މަޝްހޫރު ގޭންގެއް ވަރަށް ގިނައިން އެއްވެ އުޅޭ ހިސާބެއްގައެވެ. އެހެންކަމުން ބައެއް ފަހަރު ގެއިން ބޭރަށް ނުކުންނަ އިރު އެ ގޭންގަށް ނިސްބަތްވާ މީހުންގެ ފުރައްސާރަ އަހަންނާއި ކުރިމަތިވެއެވެ.

"މަންޖޭ މިކޮޅު ބަލާލަބަލަ. ހާދަ ލޯތްބޭ. މަންޖެ ނަންބަރު ދޭންވީނު" މި ފަދަ އެތަކެއް ޖުމްލަތަކެއް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަހަރެން އަޑުއަހަން ޖެހެއެވެ.

ބައެއް ދުވަސް ދުވަހު އަހަންނަށް މިކަން މަޖާ ކަމަކަށް ވާއިރު އަނެއްބައި ދުވަސް ދުވަހު އަހަރެން ހުންނަނީ ބިރުން ފިއްކަޑައިގެންދާ ވަރުވެފައެވެ. އެއީ ބައެއް ދުވަސް ދުވަހު އަހަންނަށް ގޮވަމުން ބައެެއް މީހުން އަހަރެންގެ ފަހަތުންވެސް އަންނާތީއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އާދައިގެ މަތިން މިއަދުވެސް އަހަރެން ގެއިން ނުކުތީ ކަންމަތީ ފިހާރައަށް ކެއްކުމަށް ބޭނުންވާ އެއްޗެއް ގަތުމަށެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އެއްކަހަލަ ޕާޓޭ މީހުން ކައިރީގައި ހުރި ޒުވާނެކެވެ. ފުރިހަމަ ހަށިގަނޑެކެވެ. ނަަލަ ހިނިތުންވުމެވެ. އަހަންނަށް އެ ޒުވާނާއަށް ގެއްލިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ފަހަރުގައި އަހަންނަށް އޭނާ ކަމުދިޔައީ ކަމަށް ވެދާނެއެވެ. އަހަރެން އެ ޒުވާނާއާއި ދިމާއަށް ބަލަން ހުރިކަން އޭނާއަށް ވެސް ފާހަގަވި ކަހަލައެވެ. އަަހަންނަށް ހަނާ އަޅާލަމުން އަހަންނާ ދިމާއަށް އެ ޒުވާނާ އެބަ އާދެއެވެ. އަހަންނަށް ހުރި ފިޔަވަޅު މަތިން ގުޑާލަންވެސް ނުކެރުނެވެ. ގަނެފައިހުރު ލަދެއްގެ ބޮޑު ކަމުންނެވެ. އެ ޒުވާނާ އަހަންނާއި އެއް ހަމައަކަށް އައިސް އަހަންނަށް ގޮވާލިއެވެ. އަދި ބުންޏެވެ.

" އަހަންނަށް ގޮވިންތަ؟"

"ނޫން. މްމް އާން .. " ދޭނެ ޖަވާބެއް ނޭނގި ހުރެ ތުރުތުޅު އަޅަމުންދާ ހާލުގައި އަހަރެން ބުނީމެވެ.

" ސޮރީ ނޭނގޭނު. މާވަރަކަށް ބަލާތީ އަހަރެން ހީކުރީ އަހަންނަށް ގޮވަނީ ކަމަށް. ބައިދަވޭ ޔޫ އާ ބިއުޓިފުލް" އެއް މިޔަކަނުން ހީލުމަށް ފަހު އެ ޒުވާނާ ބުންޏެވެ. އަދި އަހަންނާއި ދިމާއަށް ބަލާލާފައި އެއް ލޯ މަރާލައިފައި ދަނީއޭ ބުނުމުގެ ގޮތުން ހަނާ އަޅާލިއެވެ.

އަހަންނަށް ހުރެވުނީ ކުއްލި ސިހުމެއްގެ ތެރޭގައެވެ. އެ ޒުވާނާ އަހަރެން އެ ޖެއްސީ ކޮން ޖާދޫއެއްގައި ހެއްޔެެވެ. ކޮންމެހެނަކަސް އަހަންނަށް އެ ޒުވާނާ ވަރަށް ކަމު ގޮސްފިއެވެ. ވަރަށް ވަރަށް ކަމުގޮސްފިއެވެ.

އެ ޒުވާނާ ދިޔުމުން އަހަރެން ފިހާރައަށްވަދެ ކެއްކުމަށް ބޭނުންވާ އެއްޗެހި ގަނެގެން ގެއަށް ދިޔައީމެވެ.

ގެއަށް އައިސް ވަތް ތަނުން އަހަރެންގެ ފޯނަށް މެސެޖެއް އައެވެ.

"ހެލޯ ބިއުޓިފުލް" މެސެޖުގައި ވަނީ އެހެންނެވެ.

ނުދަންނަ ނަންބަރަކަށް ވާތީ އަހަރެން މާ ބޮޑަކަށް އަޅައެއް ނުލަމެވެ. އިރުކޮޅެއް ފަހެވެ. ފޯނު ރިންގްވާން ފަށައިފިއެވެ.

ގުޅީ އެއްކަހަލަ ނުދަންނަ ނަންބަރުންނެވެ.

" ހޮލޯ މައީ. އިޓްސް މީ. ދެންމެ ވާހަކަ ދެއްކީމެއްނު" ފޯނު ނެގުމާއި އެކު އެ ޒުވާނާ ބުންޏެވެ.

އަަހަންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަދި އެހާމެ އުފާވެސް ވިއެވެ. އެހެންކަމުން އެ ޒުވާނާއާއި ވާހަކަ ދެއްކުމަށް އަހަރެން އެކަހެރި ވެލީމެވެ.

2 ގަޑިއިރުގެ ފޯނު ކޯލަކަށް ފަހު އަހަރެމެން ފޯނު ކޯލު ނިންމާލީ ދިމާވުމަށް ގަޑިއެއް ކަޑައެޅުމަށް ފަހުގައެވެ.

އެރެއެވެ. އަހަރެން ތައްޔާރުވަމުން ދިޔައީ އެ ޒުވާނާ (އަކްރަމް) އާއި ދިމާވުމަށެވެ. އަތުގައި އޮތް އެންމެ ތރީތި ހެދުން ލައިގެން ތައްޔާރުވެލީމެވެ. އެެހިނދެވެ. އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅީ އަކްރަމްއެވެ.

"އަހަރެން މިހުރީ ތިރީގައި. މައީގެ އިންތިޒާރުގައި" އެހެން ބުނުމުން މިދަނީއޭ ކިޔާ އަހަރެން ފޯނު ބޭއްވީމެެވެ.

އަދި އަވަސްކޮށްލައިގެން ތިރިއަށް ދިޔައިރު އަކްރަމް ހުރީ ގަޑިއަށް ބަލާލަ ބަލާއެވެ.

" ލަސްތަ؟" އަހަރެން ސުވާލު ކުރީމެވެ.

"ނޫން ލަހެއް ނޫން. ދެން ހިނގާ ދާން" އެހެން ބުނުމަށް ފަހު ސައިކަލަށް އެރުމަށް އަހަންނަށް އިޝާރާތްކޮށްލިއެވެ.

ސައިކަލުގެ ފަހަތަށް އެރުމުން އަކްރަމް ސައިކަލް ދުއްވާލިއެވެ. މާލޭ ތެރޭގައި ބުރު ޖަހާލުމަށް ފަހު އަހަރެމެން މަޑުކޮށްލީ މީހުން މަދު އަނދިރި މަގެއްގައެވެ. އަދި އެތާނގައި ތިބެ ދެމީހުން ދެމީހުންނަށް އެތަކެއް ވާހަކައެއް ހިއްސާކުރީމެވެ.

އެ ދުވަހަށް ފަހު ގަވައިދުން އަހަރެން އަކްރަމާއި ދިމާ ކުރަމެވެ. އެކި ދުވަހު އެކި މަންޒިލް ތަކުންނެވެ. މިގޮތުގައި އުޅެމުން އަހަރެމެން ލޯބީގެ ގޮތުން ގުޅުނީމެވެ. އަހަރެން އަކްރަމް އާއި ލޯބީގެ ގޮތުން ގުޅުނު އިރު އޭނާއާއި ބެހޭ ހުރިހާ މައުލޫމާތެއް ވަރަށް ރަނގަޅަށް އެގެއެވެ.

އަކްރަމް އަކީ ގޭންގަކަށް ނިސްބަތްވާ މީހެކެވެ. މަސްތުވާތަކެތިވެސް ބޭނުން ކުރެއެވެ. މި ހުރިހާ ކަމަކާއި އެކުވެސް އަހަރެން އަކްރަމް ބަލައިގަތީ އަހަރެން އަކްރަމްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ދުނިޔެ ދައުރުވަމުން ދެއެވެ. އަހަންނާއި އަކްރަމްގެ ގުޅުމަށް 3 މަސް ވަނީއެވެ. އަހަންނަށް މިހާރު އަކްރަމް އާއި ނުލާ ދިރި ނޫޅެވޭނެ ކަހަލައެވެ.

އެއްދުވަހެއްގެ ރެއެވެ. އަހަރެން ދިޔައީ އަކްރަމް އާއި އެކު އޭނާގެ ރަށްޓެއްސެއްގެ އުފަންދުވަސް ފާހަގަކުރުމަށެވެ. ހެންވޭރު ދަނޑާއި އިންވެގެން ހުރި ގެއެވެ. އުފަންދުވަސް ފާހަގަކުރަނީ އެގޭގެ އެންމެ މަތީގައި އޮންނަ ޓެރަސްގައެވެ.

ގޭގެ އެންމެ މަށްޗަށް އަހަރެމެންނަށް ދެވުނު އިރު އެތަން ހީވަނީ ޑިސްކޯ ޕާޓީއެއް ހެނެވެ. ޖަހާފައި ހުރީ ޑިސްކޯ ލަވައެވެ. މަސްހުނިވެގެން ބައެއް މީހުން ނަށާއުޅެއެވެ. އަދި ގިނަ އަދަދެއްގެ ޕާޓޭއިން އެތަނުގައި ތިއްބެވެ. އަހަރެމެން އައިސް ވަނުމާއި އެކު އެތަނުން މީހަކު އަހަރެމެންނަށް މަރުހަބާ ކިއެވެ. އަދި ޕާޓީގައި ބައިވެރިވުމަށް އެދުނެވެ.

އަހަންނާއި އަކްރަމް ފިޔަވައި އެތާނގައި ދެން ތިބި އެންމެން ތިބީ ހަމައިގައި ނޫންކަން އެމީހުންގެ ހަރަކާތްތަކުން އަހަންނަށް ކަށަވަރުވިއެވެ. އިރުކޮޅެއް ފަހެވެ. އެތަނުން މީހަކު އައިސް އަކްރަމްއަށް ކުޑަ ތަށްޓެއް ދިނެވެ. އެ ތަށި އެމީހާ ދިނުމުން އަދި އެއް ތަށި ގެނެސް ދިނުމަށް އެދުނެވެ.

އެ މީހާ އިތުރު ތަށްޓެއް ގެނެވުމުން ބޯލާށޭ ކިޔާ އަހަންނަށް ދިނެވެ.

"މީ ކޯޗެއް؟" އަހަރެން ސުވާލުކުރީމެވެ.

" ބޭބީ. ތީ މާބޮޑު އެއްޗެއް ނޫން. މާ ބޮޑު ކަމެއް ނުވާނެ. ފެނޭނު މިތާނގައި އުޅޭ އެހެން މީހުންވެސް. އެމީހުންވެސް ޗިލްއެއްނު" އެހެންބުނުމަށް ފަހު އަކްރަމް އޭނާގެ ތަށި ބޯލިއެވެ. އަކްރަމް އާއި އެކު އަހަރެންވެސް އެ ބުއީމެވެ. ހުތް ރަހައެއްލާ އެ ބުއިން ބުއިމަށް ފަހު އަހަރެންގެ ބޮލަށް ބަރުވާން ފެށިއެވެ. އަދި އަަހަންނަށް ދުނިޔެ އަނދިރިވާން ފެށިއެވެ. އެގޮތުގައި އިރުކޮޅެއް ވުމަށް ފަހު އަހަރެން ހަމައަކަށް އެޅުނެވެ.

ވަރަށް ދަން ވަންދެން ޕާޓީކުރަން ތިބެފައި އަހަރެމެން ގެއަށް އައީމެވެ. އެ ރޭގެ ފަހުން ކޮންމެ ހަފްތާއަކު އަކްރަމް އަހަރެން ގޮވައިގެން އޭނާގެ ރަށްޓެހިންނާއި އެކު ޕާޓީކުރުމަށް ދެއެވެ. އެހެން އުޅުމުގެ ތެރޭގައި އަހަންނަށް ރަގަނޅަށްވެސް އެމީހުން ބޯ އެއްޗެއްސަށް ހޭނިއްޖެއެވެ. އެއީ ރާލާއި ބިޔަރުކަން އެނގިހުރެއެވެ.

އެއް ރެއެވެ. ޕާޓީކުރުމުގައި އަހަރެމެން ހޭބޯނާރާ އުޅުނު ރެއެވެ. ކުއްލިއަކަށް ފުލުންގެ ފައުޖެއް އަހަރެމެން ތިބި ތަނަށް ވަނެވެ. އަދި އެތާނގައި އެވަގުތު ތިބި އެންމެން ހައްޔަރުކުރިއެވެ.

އެއިރު ގިނަ މީހުން ތިބީ ހަމަ ހޭގައެއް ނޫނެވެ. ފުލުހުން އަހަރެމެން ގެންގޮސް ފުރަތަމަ ބޭތިއްބީ ފުލުސް އޮފީހުގައެެވެ. އޭގެ އިރުކޮޅެއް ފަހުން އަހަރެމެން ގެންދެވުނީ ދޫނިދޫއަށެވެ.

އަދި އެތަނަށް ގެންގޮސް އެކި މީހުން އެކި ގޮޅިއަށް ލިއެވެ. އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. އަދި ރޯން ފެށުނެވެ. ނަމަވެސް މާ ލަސްވެއްޖެއެވެ.

އޭގެ ދުވަސްކޮޅެއް ފަހަރެވެ. އަހަރެން މާލެ ގެންދެވުނެވެ. އަދި ކޯޓަށް ގެންގޮސް އަހަރެންގެ ޝަޜީއަތް ކުރިއަށް ގެންދިޔައެވެ. ކޯޓުން ނިންމީ އަހަރެން ތިން އަހަރު ދުވަހަަށް ޖަލަށް ލުމަށެވެ. އަހަރެން މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދިގެން އުޅޭކަން އެނގުމުން އަހަންނަށް އަޅާލާނެ ތިމާގެ މީހެއް އަދި ރަށްޓެއްސެއްވެސް ނުވިއެވެ.

ޖަލުގެ ކުޑަ ގޮޅީގައި އެކަނިމާއެކަނި އަހަރެން އޮންނަން ޖެހުނީއެވެ. ލޯބިވާ އާއިލާއާއި ދުރުގައެވެ. މީރު ކާއެއްޗެހި ކެއުމާއި މަޖާކުރުން ފަދަ ކަންކަމުން އަހަރެން މިއަދު މިވަނީ މަހްރޫމް ވެފައެވެ.

މި ގޮތުގައި ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ޖަލުގައި ތިން އަހަރު ހޭދަކުރުމަށް ފަހު އަހަރެން މިނިވަން ވިއެވެ. އަހަރެން މިނިވަންވި ނަމަވެސް އަހަންނަށް އަޅާލާނެ މީހަކު ނެތެވެ. އެންމެން އެވަނީ އަހަރެން މަތިން ފޫހިވެފައެވެ. އަހަރެން އުޅެން މިޖެހެނީ އެކަނި މާއެކަންޏެވެ. މިއަދާ ހަމައަށްވެސް އަހަރެންގެ ހާލަކީ މިއީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަންތި މަރީގެ ދޮންބެ

    އަދި ރަނގަޅުވާނެ ﷲގެ ހަޒްރަތައް ތައުބާވެ ނުބައި އަމަލުތަކުން ދުރުވެ ދުޢާކުރުން ގިނަކުރީމަ ރަނގަޅުގޮތް މިންވަރު ކުރައްވާނެ އުންމީދު ކަނޑާނުލާ ކުރިޔަށް ދިއުން އެއީ ބުއްދިވެރި ގޮތަކީ އަހަރުމެން މިތިބީ އެހީތެރިވާން ކޮންޓެކްޓް ކުރެވޭނެ ގޮތެއްވެސް އޮތްނަމަ ދެއްތޯ އެހީތެރިކަމެއް ފޯރުކޮށް ދެވޭނީ އުންމީދު ކުރަން ދިމާވާނެ ކަމަށް

    33
    1
  2. ޙަދީޖާ

    މިހާރު އިސްލާހު ވި ކަމަށް އުއްމީދުކުރަން.

    32
  3. އަދުރޭ

    ހެލޯ ބިއުޓިފުލް، ޔޫއާރ ސްޓިލް ބިއުޓިފުލް

  4. ކިޔު

    ހާސްނުވޭ..!!ސަބަބުތަކެއް މެދުވެރިވެގެން ތިގޮތަށް އެންމެން ތިބާ އެކަނިވެރިކޮށް ލިޔަސް މާތްﷲ ތިބާއާއެކު އަބަދުވެސް ވޮޑިގެންވޭ. ތައުބާވެ މާތްﷲ އެންގެވި ގޮތަށް އުޅެން ފަށަން މަސައްކަތްކުރޭ.. އިންޝާﷲ އޭރުން ހީނުރާގޮތަކަށް ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެ. ފާއިތުވި ދިރިއުޅުމަކީ ވިސްނާ ފިކުރުކުރާ ބަޔަކަށް އެތައްބައިވަރު އިބްރަތްތެރި ފިލާވަޅުތަކެއް ލިބިދޭ އެއްޗެއް. ދިރިއުޅުމުން އަހަރެންނަށް ދަސްވި އެއްޗަކީ ހަޔާތަށް އަންނަ ކޮންމެ މީހަކީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ތިމާ ދޫކޮށްފަ ދާނެ މީހެއްކަމާއި ހެއްދެވި ފަރާތަށްވުރެ ބޮޑަށް އެހެން އެއްވެސް ފަރާތެއްދެކެ އެވަރަށް ލޯބި ނުވުން........ އަދި ހެއްދެވިފަރާތަކީ ހުރިހާ ހާލަތެއްގަވެސް ތިމާއާއި އެކު ހުންނާނެ ހަމައެކަނި ފަރާތްކަން..

  5. Anonymous

    ބޭނުންތަ މަށާ އިންނަން...؟؟