ދެކުނު ކޮރެޔާގެ ޑުރާމާތައް ބަލާ ފަރާތްތަކުން އެންމެ ދެކެން ބޭނުންވި އެއް ކައިވެންޏަކީ ދެކުނު ކޮރެޔާގެ އެންމެންގެ ''ކްރަޝް'' ސޯންގް ހައެ ކިޔޮއާއި ސޯންގް ޖޫންކީގެ ކައިވެންޏެވެ.

2017 ވަނަ އަހަރު ކުރެވުނު މި ކައިވެނި 18 މަސްދުވަސް ފަހުން ރޫޅިގެން ދިޔުންވީ އެތައް ބަޔަކަށް އަޖައިބު ކުރުވަނިވި ކަމަކަށެވެ.

ސޯންގް ޖޫންކީ ވަރިވުމަށް ބޭނުންވި ކަމަށް އެއިރު ބުންޏެވެ. ވަރީގެ ފޯމުގައި ސޮއި ކުރުމަށް ސޯންގް ހައެ ކިޔޮއަށް ސޮއިކުރުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށް އެއިރު ޚަބަރުތަކުގައިވެއެވެ.

ނަމަވެސް މި ކައިވެނި ނިމުމަކަށް އައީ ކީއްވެކަން އެއްވެސް މީހަކަށް ނޭނގެއެވެ. އަދި ވަރިވާން ބޭނުންވީ ސޯންގް ޖޫންކީ ކަމުގައިވާތީ އޭނާއަށް އެތައް ބައެއްގެ ނުރުހުން ވެސް ލިބުނެވެ.

މި ދެ ފަންނާނުން ވަރިވިތާ ދެ އަހަރު ފަހުން ވަރިވީ އަސްލު ސަބަބު ވަކީލަކު ހާމަކޮށްފިއެވެ. މި ދެމީހުން ވަރިވާން ޖެހުނީ ސޯންގް ޖޫންކީގެ އާއިލާއާއި ސޯންގް ހައެ ކިޔޮ ނުގުޅުމެވެ.

ޖޫންކީއަކީ އާއިލާ ދެކެ ވަރަށް ލޯބިވާ، މައިންބަފައިންނާއި އާއިލާއަށް ވަގުތު ދީ ހުރިހާ ހަފުލާތަކެއްގައި ވެސް ބައިވެރިވެ އުޅޭ މީހެކެވެ. ނަމަވެސް ހައެ ކިޔޮއަކީ ބައްޕަގެ ލޯބިން މަހުރޫމުވެފައިވާ އަދި އެންމެ ކުރިއްސުރެ އެކަނި ދިރިއުޅެމުން އައި މީހަކަށް ވާތީ އާއިލީ އެއްވުންތައް ފަދަ ކަންތައްތައް ހައެ ކިޔޮއަށް އުދަނގޫވީއެވެ.

ހައެ ކިޔޮ ދެކޭގޮތުގައި އެކަމުގެ ސަބަބުން އޭނާގެ މިނިވަން ކަމަށް ވެސް ބުރޫއަރައެވެ. ނަމަވެސް ވަރިއާއި ހިސާބަށް ގޮސްފާނެ ކަމަށް ފަހަރެއްގައި ވެސް ހީކޮށްފައި ނުވެއެވެ.

ނަމަވެސް ޖޫންކީގެ އާއިލާއާއި ނުގުޅޭ މީހަކާއި އެއްކޮށް އުޅެން އޭނާ ބޭނުން ނުވާތީ އެ ކައިވެނި ނިމުމަކަށް ގެނައީ ކަމަށް ވަކީލު ބުނެފައިވެއެވެ.