ސިޑިއަކުން ވެއްޓި ދެކުނު ކޮރެއާގެ މަޝްހޫރު ބަތަލާ ޕާކް ސޫ ރިޔުން މަރުވެއްޖެއެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔަ ސީރީޒްއަކީ ސްނޯ ޑްރޮޕްއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ މަރުވީ އިއްޔެގެ ވަގުތެއްގައި ސިޑިން ވެއްޓިގެންނެވެ. އޭނާ މަރުވިއިރު އުމުރަކީ 29 އަހަރެެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އެކްސިޑެންޓް ހިނގާފައި ވަނީ ޖެޖޫ އައިލެންޑްގައި އޭނާ ޕާފޯމް ކުރަން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.

އެ ގައުމުގެ އެހެން މީޑިއާކުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ރިޔުން އެނބުރި ގެއަށް ދިއުމަށް ސިޑިން ފައިބަނިކޮށް ވެއްޓިގެންނެވެ.

މި ހާދިސާ ހިނގުމާއެކު ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޑޮކްޓަރުން ވަނީ އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށް ބުނެފައެވެ.

އަދި މިހާރު އޭނާގެ އާއިލާއިން ވަނީ އޭނާގެ ގުނަވަންތައް ހަދިޔާ ކުރުމަށް ނިންމާފައެވެ.

ޕާކް ސޯ ރިޔުންގެ މަންމަ ސޫމްޕީއަށް ބުނީ ހަމައެކަނި އޭނާގެ ސިކުނޑި މަރުވެފައި އޮތް ކަމަށާއި އަދިވެސް އޭނާގެ ހިތް ތެޅެމުންދާ ކަމަށެވެ.

"އޭނާގެ ގުނަވަންތައް ވަރަށް ބޮޑަށް ބޭނުންވާ މީހަކު ހުންނާނެ. މަންމައާއި ބައްޕަގެ ހައިސިއްޔަތުން އަހަރެމެންނަށް ހިތްހަމަޖެހުން ލިބިގެން ދާނީ އޭނާގެ ހިތް އެހެން މީހެއްގެ ހަށިގަނޑުގައި ތެޅެމުންދާކަމަށް އެނގުމުން.".

1994 ވަނަ އަހަރު އުފަންވި ރިޔުން އަކީ 2018 ވަނަ އަހަރު މިއުޒިކަލް "އިލް ޓެނޯރް" އިން ދާއިރާއަށް ނުކުތް ބަތަލާއެކެވެ. އޭގެ ފަހުން އޭނާ ވަނީ ގިނަ މިއުޒިކަލްތަކުން ފެނިގެން ގޮސްފައެވެ.