ނިއުޒިލެންޑުން އާދަޔާ ހިލާފަށް ބޮޑު އަދި ހުތުރު ސިފައަކަށް އޮތް އަލުތްވަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އާދައިގެ ގެއެއްގެ ބަގީޗާއިން ފެނުނު މި އަލުވި އޮތްކަންވެސް ކުރިން އެ ގޭގެ މީހުންނަށް ނޭނގޭކަމަށް ގޭގެ ވެރިފަރާތުން ބުނެއެވެ. ނަމަވެސް އެއްދުވަހަކު ބަގީޗާ ތެރެއިން ދަނިކޮށް ފައިގައި އެއްޗެއް އަޅައިގަތުމުން އެއީ ކޯޗެއްތޯ ބެލުމަށް ކުޑަކޮށް ކޮނެލުމުން އަލުވިއެއް އޮތްކަން އެނގުނެވެ.

ކޯލިން އާއި ޑޯނާ ނަމަކަށް ކިޔާ ދެމަފިރިއްގެ ގެއިން ފެނުނު މި އަލުވި އަކީ އެތައް މަހެއް ވަންދެން އެތަނުގައި އޮތް އަލުތްވެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އެ އާއިލާއިން ބުނެއެވެ.

ޑޮނާ ބުނީ ފުރަތަމަ ފައިގަ އެއްޗެއް އަޅައިގަތުމުން ހީކުރީ އެއީ ފަންގަލްއެއް ކަމަށެވެ. ނަމަވެސް ކޮންނަން ފެށުމުން އެއީ ބޮޑު އެއްޗެއްކަން އެނގުނު ކަމަށް ބުންޏެވެ. އަދި ކުޑަކޮށް އޭގެ ބޭރު ތޮށި ނޮޅައި ރަހަ ބަލާލުމުން އެއީ އަލުތްވެއްކަން އެނގުނު ކަމަށްވެސް ބުންޏެވެ.

އަލުވި އޮތް ބައްޓަމަކީ ވަރަށް އާދަޔާ ހިލާފު ބައްޓަމެއް ކަމަށް އާއިލާއިން ބުނެއެވެ. އަލުވި އޮތް ބައްޓަމަށް ޖޯކު ޖަހަމުން އާއިލާއިން ވަނީ އަލުވި ބޮލުގައި ތޮފިގަނޑެއް އަޅުގައި މަގުން ހިނގަންވެސް ގެންގޮސްފައެވެ. އަދި ފަހުން އަލުވީގެ ބޭރު ތޮށިގަނޑު ހަލާކުވާން ފެށުމުން އަލުވި އައިސްއަލަމާރިއަށް ލިއެވެ.

މި އަލުވީގެ ބަރުދަނުގައި 7.9 ކިލޯ ހުރި އިރު މިއީ މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބަރު އަލުވިއާއި އަޅައި ބަލާއިރު ބޮޑު އަލުވިއެކެވެ. އެގޮތުން 2011 ވަނަ އަހަރު ފެނުނު އެންމެ ބޮޑު އަލުވީގެ ބަރުދަނުގައިވެސް ހުންނަނީ ފަސްކިލޯ އެވެ.

ގިނެސް ވޮލްޑް ރިކޯޑު ފޮތުން ޖާގަ ހޯދުމަށް މި އަލުވީގެ މައުލޫމާތު މިހާރު ފޮނުވާފައިވާކަމަށް އާއިލާއިން ބުނެއެވެ. އަދި މި އަލުވި އަށް ރިކޯޑެއް ލިބުމަށް އެދޭކަމަށް އާއިލާއިން ބުނެއެވެ.