ފިލުމީ ދުނިޔޭގައި އެންމެ އުހުގައި ފިޔަ ޖަހާ އެއް ތަރި ކަމުގައިވާ ބޮލީވުޑު އަދި ހޮލީވުޑުގެ ބަތަލާ ޕްރިޔަންކާ ޖޯޕްރާ ޖޯނަސްގެ އެންމެ އަގުބޮޑު ގަހަނާއަކީ އޭނާގެ ކައިވެނީގެ އަނގޮޓިއެވެ.

ޕްރިޔަންކާ މީޑިއާތަކަށް އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އޭނާއަށް އެންމެ ހާއްސަ، އެންމެ ރީތި އަދި އެންމެ އަގުބޮޑު ގަހަނާއަކީ 2.1 ކްރޯރް އިންޑިއަން ރުޕީސްގެ އަނގޮޓިއެއް ކަމަށެވެ.

އެ އަނގޮޓި އޭނާއަށް އެންމެ ކަމުދާ ގަހަނާއަކަށް ެވެފައިވަނީ އެއީ އޭނާގެ ކައިވެނީގެ އަނގޮޓި ކަމުގައި ވާތީއެވެ.

މީގެއިތުރުން ޕްރިޔަންކާ އެންމެ ލޯބިވާ މީހުންނަކީ އޭނާގެ ސުވަރުގެ ކަމަށް ވެސް އިންޓަވިއުގައި ބުނެފައިވެއެވެ.

ލޮސް އެންޖަލެސްގައި ފިރިމީހާ ނިކް ޖޯނަސްއާއި އެކު އިންޑިޔާގެ ހާއްސަ ދުވަހެއް ކަމުގައިވާ ''ދިވާލީ'' ފާހަގަ ކުރުމަށް ފަހު ޕްރިޔަންކާ މިހާރު ވަނީ އޭނާގެ ފިލުމީ މަސައްކަތް ކުރުމަށް ދުބާއީއަށް ގޮހެވެ.

ވޯގް އެރެބިއާއަށް ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި ޕްރިޔަންކާގެ އެންމެ އަގުބޮޑު ގަހަނާއަކީ ކޮބައިތޯ ސުވާލު ކުރުމުން ސަމާސާ ރާގަކަށް ޕްރިޔަންކާ ބުނެފައިވަނީ އެއީ އޭނާގެ ކައިވެނީގެ އަނގޮޓި ކަމަށް ނުބުނެފި ނަމަ އޭނާގެ ފިރިމީހާ ނިކް އޭނާ މަރާލާނެ ކަމަށެވެ.

ނަމަވެސް އެއީ އޭނާ މަޖަލަކަށް ބުނި އެއްޗެއް ކަމަށާއި އަސްލު ވެސް އޭނާގެ އެންމެ އަގުބޮޑު ގަހަނާއަކީ އޭނާގެ ކައިވެނީގެ އަނގޮޓި ކަމަށް ބުނެފައިވެއެވެ. އެއީ އެތައް ހަނދާންތަކެއް އެކުލެވޭ އަދި ވަރަށް ހާއްސަ ގޮތަކަށް ލިބިފައިވާ އަނގޮޓިއެއް ކަމަށް ވެސް ބުނެފައިވެއެވެ.

ޕްރިޔަންކާއާއި ނިކް ކައިވެނި ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.