ބަތަލު އަދި ފިލްމު ފްރޮޑިއުސާ ފަރްހާން އަހްތަރް ޕްރޮޑިއުސްކުރާ ފިލްމު "ޖީ ލޭ ޒަރާ" ނުކުޅެން ހޮލީވުޑްގައި އަރަމުންދާ ތަރި ޕްރިޔަންކާ ޗޯޕްރާ ނިންމައިފިއެވެ.

ދަރިފުޅު ލިބުމަށްފަހު ޕްރިޔަންކާ އެ ފިލްމުގައި މަސައްކަތް ނުކުރާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނަމުންދިޔައިރުވެސް، އޭނާ ވަނީ އެ ފިލްމް ދޫކޮށްނުލާނެ ކަމަށް މީގެ ކުރީގައިވެސް ބުނެފައެވެ.

އެހެން ނަމަވެސް، މި ފަހަކަށް އައިސްފައި ޕްރިޔަންކާ ވަނީ ބޮލީވުޑްއަކީ ވަރަށް ތަފާތު ކުރުން ބޮޑު ތަނަކަށްވުމުން ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ހިތްނުވާ ކަމަށް ބުނެފައެވެ. އަދި އޭނާގެ ހަމުގެ ކުލައަށް ބަލާ ބަސް ބުނުމާއި ފިރިހެން ބަތަލުންނާއި ތަފާތުކުރުން ފަދަ ކަންތައްތަކީ ބޮލީވުޑް ދޫކޮށްލަން ޖެހުނު މައިގަނޑު ސަބަބުގެ ގޮތުގައި ޕްރިޔަންކާ ބުނެފައިވެއެވެ.

"ޖީ ލޭ ޒަރާ" ގައި ޕްރިޔަންކާގެ އިތުރަށް ކެޓްރީނާ ކެއިފްއާއި އާލިއާ ބަޓްވެސް ކާސްޓްކުރުމަށް ހަމަޖެހިފައިވެއެވެ. އެހެން ނަމަވެސް، ޕްރިޔަންކާ މި ފިލްމު ދޫކުރި ޚަބަރަށްފަހު، ކެޓްރީނާވެސް މި ފިލްމުގައި ބައިވެރިނުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެނަސް، މިކަމާއި ދޭތެރޭ އާލިއާ ބަޓްގެ ޚިޔާލެއް އަދި ލިބިފައި ނުވެއެވެ.

ޕްރިޔަންކާ އެންމެ ފަހުން ކުޅެފައިވާ ބޮލީވުޑު ފިލުމަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ނެރުނު ''ދި ވައިޓް ޓައިގަރ'' އެވެ.

''މީގެ ކުރީގައި ޖީލޭ ޒަރާ'' ގެ ޝޫޓިންގެ މަސައްކަތްތައް މި އަހަރުގެ ފަހުކޮޅު ފެށޭނެކަމަށް ބުނެފައިވެއެވެ. އެކަމަކު، ފިލްމުގެ ލީޑް ރޯލްތަކަށް އައި ބަދަލަށްފަހު، މި ފިލްމުގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށޭނެ ކަމާއި ދޭތެރޭ ސުވާލު އުފެދެއެވެ.