ކުރީގައި ބޮލީވުޑް ފިލްމުތަކުގައި ހަރަކާތްތެރިވި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑް ސީރީޒް "ސިޓަޑެލް"ގެ ދެވަނަ ސީޒަނެއް އުފައްދަން ނިންމައިފި ކަމަށް އިއުލާންކޮށްފިއެވެ.

ސްޕައި ތްރިލަރ އެއް ކަމަށްވާ ސިޓަޑެލް އަކީ ޖޯޝް އަޕެލްބޯމް އާއި ބްރަޔާން އޯހް އުފައްދާފައިވާ ވެބް ސީރީޒް އެކެވެ. މި ސީރީޒްގެ ދެވަނަ ސީޒަންގައިވެސް ޕްރިޔަންކާ އާއި ރިޗާޑް މެޑެން ފެނިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ. މި ސީރީޒްގައި ޕްރިޔަންކާ އާއި، ރިޗާޑް މެޑެން ފެންނާނީ ނާދިއާ ސިންގް އަދި މޭސަން ކޭން ކިޔާ އޭޖެންޓުންގެ ރޯލުންނެވެ. އަދި ދެވަނަ ސީޒަން ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ރޫސޯ ބްރަދާސްއެވެ.

އެކި އެކި ޑައިރެކްޓަރުން މަސައްކަތްކޮށްފައިވާ މި ސްޕައި ތްރިލާއަށް މިކްސްޑް ރިވިއުސް ލިބުނަސް، އެމޭޒަން ޕްރައިމް ވީޑިއޯގެ ބެލުންތެރިންގެ މެދުގައި ހޯދި މަޤްބޫލުކަމާއި ގުޅިގެން މި ސީރީޒް ފްރެންޗައިޒްކޮށް އެކި ޤައުމުތަކަށް ދޫކޮށް ސްޕިންއޯފްތައް އުފައްދަން އެމޭޒަން އިން ނިންމިއެވެ. އޭގެ ތެރޭގައި މެކްސިކޯ، އިންޑިއާ އަދި އިޓަލީވެސް ހިމެނެއެވެ.

ސިޓަޑެލްގެ ހިންދީ ސްޕިން އޯފް ސީރީޒް އުފައްދާނީ ރާޖް އާއި ޑީކޭ އެވެ. ހިންދީ ސީރީޒްގައި ލީޑް ރޯލުތަކުން ފެނިގެންދާނީ ވަރުން ދަވަން އާއި، ސަމާންތާ ރޫތް ޕްރަބޫއެވެ.

އަދި ހަމައެއާއިއެކު، މި ހިނގާ އަހަރުގައި "ސިޓަޑެލް: ޑަޔާނާ" ނެރުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.