ބޮލީވުޑުގެ ފިލުމުތަކަށް ހިތްގައިމު ''އައިޓަމް ސޯންގް'' ލަވަތައް ކުޅެދީފައިވާ ނޯރާ ފަތޭހީގެ އެންމެ ބިރުވެރި ތަޖުރިބާ ހިއްސާ ކޮށްފިއެވެ.

ނޮވެމްބަރ 25 ވަނަ ދުވަހު ނެރުމަށް ތާވަލު ކުރެވިފައިވާ މިލަޕް ޒަވޭރީގެ ''ސަތްޔަމަމޭޖަޔަތޭ 2'' ގެ ''ކުސު ކުސު'' ލަވައަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ލަވައެކެވެ.

ނަމަވެސް މި ލަވަ ވެގެން ދިޔައީ ނޯރާގެ އެންމެ ބިރުވެރި ތަޖުރިބާއަށެވެ. މި ލަވައާއި ބެހޭގޮތުން ވާހަކަ ދައްކަމުން ނޯރާ ބުނެފައިވަނީ މި ލަވައިގައި ބޭނުން ކުރި ހެދުމެއްގެ ސަބަބުން މިއީ އޭނާގެ އެންމެ ބިރުވެރި ތަޖުރިބާ ކަމަށެވެ.

''ސެޓުގައި އުޅޭއިރު ކުދިކުދި އަނިޔާ ވޭ. ތަނެއް ހަން މަށައިގެން ދިޔުން، ތަނަކުން ލޭ އައުން، ފަދަ ކަންތައްތައް. ނަމަވެސް މި ފަހަރު ސެޓުގައި ހިނގި މި ކަންތައްތަކަކީ އެންމެ ބިރުވެރި ކަންތައް. ބޮލުގައި އަޅާފައި އިން ވެއިލްއާއި ކަރުގައި އަޅާފައިވާ ފަށް ގުޅިފައިވާތީ ނަށާއިރު ވެއިލްގެ ބަރުން ފަށް އިނީ ކަރަށް ވަރަށް ބާރުކޮށް. ފަށް ކަރަށް ބާރުވެ ނޭވާލާން ވެސް އުދަނގޫވި. ކަރުގައި އެބަހުރި ނިޝާން ވެސް'' ނޯރާ ބުނެފައިވެއެވެ.

އެ ބިރުވެރި މަންޒަރު ސިފަކޮށްދެމުން ނޯރާ ބުނެފައިވަނީ ކަރަށް ވާންވި ވަގުތު އޭނާއަށް ހީވީ މީހަކު އޭނާގެ ކަރުގައި ވާފަށެއް އައްސާފައި ދަމައިގަތްހެން ކަމަށެވެ.

ނަމަވެސް ވަގުތު ކުޑަތަންވުމުގެ ސަބަބުން ބްރޭކެއް ވެސް ނުނަގާ ލަވައިގެ ޝޫޓިން ނިންމާލީ ކަމަށް ވެސް ނޯރާ ބުނެފައިވެއެވެ.

މި ފިލުމަކީ ޖޯން އަބްރަހަމްގެ އެކްޝަން ފިލުމެކެވެ.