ބޮލީވުޑް ފިލްމުތަކުގައި ދައްކާ އައިޓަމް ނަމްބަރުތައް ނުވަތަ ޑާންސް ނަމްބަރު ތަކަށް އެވޯޑް ކެޓެގަރީއެއް ނެތުމުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ނޯރާ އެކަމާއި ދޭތެރޭ ސުވާލު އުފައްދާފައިވަނީ ދާދި ފަހުން ހިންދީ ފިލްމު އިންޑަސްޓްރީން ދޭ އެންމެ ހައިބަތު ހުރި އެވޯޑް ހަފްލާގައި ވަރުން ދަވަންއާއި އެއްކޮށް ޑާންސް ނަމްބަރއެއް ހުށަހެޅުމަށް ފަހުގައެވެ.

އޭނާގެ އެންމެ ހިޓް ނެށުންތައް ފެނިގެންދާ "ގަރްމީ ގަރްމީ" ނަމަކަށް ކިޔާ މި ލަވައިގައި އޭނާއާއި ވަރުން ގެ ނެށުމަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. އެހެން ނަމަވެސް، އޭނާއާއި ބެހޭގޮތުން ދެކެވޭ އެކި ޒާތުގެ ވާހަކަތަކަށް ފަރުވާލެއްނެތި ނޯރާ ވަނީ އައިފާ އެވޯޑްސްގައި ވަރުންއާއި އެކީ ކުއިކް ސްޓައިލްގެ ހުށަހެޅުމެއް ހުށަހަޅައިފައެވެ.

"އަޅުގަނޑުމެންގެ ބައެއް ފިލްމްތައް މަޝްހޫރުވެގެން ގޮސްފައި މިވަނީ އެމީހުންގެ ޑާންސް ސްޓައިލްތަކުގެ ސަބަބުން. އެކަމަކު ބޮލީވުޑް މިއަދު އޮތް ގޮތަށް މަސައްކަތްކޮށްދިން އައިކޮނިކް ޑާންސްތަކަށް ދުވަހަކުވެސް އެވޯޑެއް ދީފައެއް ނުވޭ. އަޅުގަނޑު އުންމީދު ކުރަން ކޮންމެވެސް ދުވަހަކުން އެކަން ބަދަލުވާނެ ކަމަށް.". ދާދި ފަހުން ބޭއްވި އައިފާ އެވޯޑަށް އިޝާރާތްކޮށް ނޯރާ ބުންޏެވެ.

މިހާރު ފިލްމުތަކުގައިވެސް ކޮންމެވެސް ވަރަކަށް މަސައްކަތްކުރަމުންދާ ނޯރާއަކީ މޮރޮކޯއާއި ކެނެޑާއަށް ނިސްބަތްވާ ނެށުންތެރިޔެކެވެ. މުސްލިމް އާއިލާއަކަށް އުފަން ނޯރާ ވަނީ އޭނާގެ އާއިލާގެ ނުރުހުމާއި އެކުވެސް ބޮލީވުޑް ފިލްމުތަކުގެ ލަވަތަކުގައި މަސައްކަތްކުރަން ފަށައިފައެވެ. އެގޮތުން، ނޯރާ އިންޑިއާގައި އެންމެ ފުރަތަމަ މަޝްހޫރުކަން ހޯދާފައިވަނީ ހިންދީ ފިލްމު ކުޅޭ ބަތަލު ޖޯން އަބްރަހަމް އިސް ރޯލަކުން ފެނިގެންގޮސްފައިވާ "ސަތްޔަމޭވް ޖަޔަތޭ" ފިލްމުގެ އައިޓަމް ލަވަ "ދިލްބަރް ދިލްބަރް" ގައި އޭނާ ދައްކުވައިދިން ހުނަރުވެރި 'ބެލީ ޑޭންސިންގ' ނެށުމުންނެވެ.

ބޮލީވުޑް ފިލްމުތަކުގެ އިތުރަށް މިއުޒިކް ވީޑިއޯ، އެވޯޑް ޝޯ، ކޮންސަޓް ޓުއާ އަދި ވިޔަފާރި އުސޫލުން ލިބޭ މަސައްކަތްތަކުގައިވެސް ނޯރާ ނަށާދީފައިވެއެވެ. ނިމިދިޔަ ފީފާ ވޯލްޑް ކަޕަށް ޚާއްސަކޮށް އުފެއްދި ލަވައެއްގައިވެސް ނޯރާ ހަރަކާތްތެރިވެފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައިރާން

    ކަނބުލޯ ދޭންވީ ކޮން އެވޯޑެއް. ދޭންވީ އެވޯޑަކާއެކީ އަންގާލާ! ތި އެވޯޑަށް ކިޔަން މަށަށް ފެންނަ ނަން ބުނެފާނަން. އެއީ ބޮޑު ބެރުގައި ހިމެނޭ ނެށުމެއް. ފޫގަޅާފައި ފޫކޮޅުގައި ތަޅަތަޅާފައި ނަށާއިރު އެކިޔާ ނަން ތިޔަ އެވޯޑަށް ކިޔަން ކަމުދާނެ ކަމަށް ފެންނަނީ.