ބޮލީވުޑްގެ މަޝްހޫރު ކަން ހޯދަމުން އަންނަަ ފަންނާނުންގެ ތެރޭގައި ހިމެނޭ ނޯރާ ފަތޭހީ އޭނާގެ ފުރަތަމަ ފިލްމު "ރޯރް: ޓައިގާސް އޮފް ދަ ސަންދަރުބަންސް" ގެ ސެޓުގައި އޭނާގެ ކޯ-ސްޓާރާ އެކު ބަންގްލަދޭޝްގައި ހިނގި ނުބައި ކުރިމަތިލުމެއްގެ ހަނދާންތައް ހިއްސާ ކޮށްފިއެވެ.

އެކަމުގެ ތަފްސީލް ހިއްސާކުރަމުން ނޯރާ ބުނީ ފިލްމުގެ ޝޫޓިން ޖަންގަލީގައި ކުރަމުން ދަނިކޮށް އޭނާގެ ކޯ ސްޓާރަކު އޭނާއާއެކު އުޅެން ނުޖެހޭ ގޮތަށް އުޅުނު ކަމަށެވެ.

އެކަމާ ރުޅި އައިސްގެން އޭނާގެ ގައިގައި ތަޅައިގަތް ކަމަށް ނޯރާ ބުންޏެވެ. އަދި އެކަމުގެ ބަދަލުގައި އޭނާވެސް ޖެހި ކަމަށް ނޯރާ ބުނިއިރު، ފަހުން އެ ދެމީހުންގެ ދެމެދުގައި ޒުވާބެއް ހިނގި ކަަމަށްވެސް ބުންޏެެވެ.

ކަޕިލް ޝަރުމާގެ ކޮމެޑީ ޗެޓް ޝޯގައި ނޯރާ މިކަން ހިއްސާކުރީ އޭނާގެ ފިލްމު "އެން އެކްޝަން ހީރޯ" ޕްރޮމޯޓް ކުރަމުން ދަނިކޮށެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަޔޫޝްމަން ކުރާނާ އާއި ޖައިދީޕް އަހްލާވަތު ހިމެނެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އަކްޝޭ ކުމާރު، ދިޝާ ޕަޓާނީ، ސޯނަމް ބަޖްވާ ފަދަ ތަރިންނާ އެކު ނޯރާ މިހާރު ވަނީ އެންޓަޓައިނާސް ޝޯއަށް ސިޓީތަކަށް ޒިޔާރަތް ކުރަން ތައްޔާރުވެފައެވެ. ޝެޑިއުލްގައިވާގޮތުން އެޓްލާންޓާ، ޓެކްސަސް، ފްލޮރިޑާ އަދި އޯކްލޭންޑް ފަދަ ސިޓީތަކަށް އެ މީހުން ދަތުރު ކުރާނެެއެވެ.