ކުޅަދާނަ ނެށުންތެރިޔާ އަދި ހިންދީ ފިލްމުތަކުން މަގްބޫލުކަން ހޯދާފައިވާ ބަތަލާ ނޯރާ ފަތޭހީ އޭނާ އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއް އުފައްދާފިއެވެ.

މިއީ ނޯރާގެ އަޑުން ނެރޭ ފުރަތަމަ ލަވައެވެ.

މި ލަވައިގެ ވީޑިއޯގައިވެސް ކެނެޑާއަށް ނިސްބަތްވާ ނޯރާގެ ހުނަރުވެރި ނެށުމާއި އެކްޓިންގ ފެނިގެންދާނެއެވެ. މި ލަވައިގެ ނަމަކީ "ސެކްސީ އިން މައި ޑްރެސް"އެވެ. މި ލަވައިގެ ޓީޒަރއަށް ފުދޭ ވަރެއްގެ ތަރުހީބެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"މިއުޒިކް ވީޑިއޯ ޝޫޓްކޮށް ޕްރޮޑިއުސް ކުރުމަކީ ވަރަށް ތަފާތު ތަޖުރިބާއެއް. އަހަރެންގެ ޓީމުން އެކަމަށް ހުރިހާ ކަމެއް މަސައްކަތެއް ކުރި. އަހަރެމެން ވަރަށް ލެޓިން ޕޮޕް ވައިބް އެއް ބެހެއްޓިއިރު ނެށުންތެރިން އެހާ ރަނގަޅަށް ޕާފޯމް ކުރި. މި ލަވައަށް އެންމެން ނަށައި ހުރިހާ ރައްޓެހިންނާ ހިއްސާކުރާތަން ފެނުމުން އަހަރެން އިތުރަށް އުފާވި.". އޭނާގެ މަސައްކަތާއި ދޭތެރޭ ހިތްހަމަޖެހޭކަން ފާހަގަކުރަމުން ނޯރާ ބުނެފައިވެއެވެ.

ޕޮޕް ޖޯންރާގެ މި މިއުޒިކް ވީޑިއޯ ޑައިރެކްޓްކޮށްފައިވަނީ މޮރޮކޯގެ މަޝްހޫރު ޑައިރެކްޓަރު އަބްޑެރާފިއާ އެލް އަބްޑިއުއީ އަދި ކޯރިއޮގްރަފީ ހަދާފައިވަނީ ރަޖިތު ދޭވްއެވެ. މޮރޮކޯއަށްވެސް ނިސްބަތްވާ ނޯރާގެ މި ލަވައަކީ ހިންދީ ލަވައެއް ނޫނެވެ.

ނޯރާއަކީ ނިމިދިޔަ އަހަރުގައި ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕަށްފަހު ބައިނަލްއަގްވާމީ ގޮތުން މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ. އެހެންކަމުން، އޭނާގެ މި ލަވައަށް ވަރަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.