އިންޑިއާގެ ބޮލީވްޑްގެ ފިލްމްތަކުން އާއްމުންގެ މަގުބޫލްކަން ހޯދި ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ އެމެރިކާގެ ނިކް ޖޯނަސްގެ ގުޅުން މީސް މީޑިއާ އިން ބަލާ މީހަކަށް ފެންނާނީ އުފަލާއި، މަޖަލާއި، އޯގާތެރިކަމާއި އަޅާލުމެވެ. ނަމަވެސް ދެފަންނާނުންގެ ކަންކަން ބަލަމުންދާ މީހުންނަށް ސިހުން ގެނުވި ޚަބަރަކަށް ވެގެން ގޮސްފައި ވަނީ ދެތަރިން ވަރިވާން އުޅޭ ޚަބަރެވެ.

މިޚަބަރު ފެތުރިގެން އައީ ޕްރިޔަންކާގެ އިންސްޓަގްރާމް ބައޯ އިން ނިކްގެ ނަން ކަނޑާލުމުންނެވެ. އެއީ ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހި ގުޅުން ނިމުމަކަށް އަންނަން އުޅޭ ކަމުގެ އިޝާރާތެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މިކަމާއި ގުޅޭ ގޮތުން ނިކް ވެސް އަދި ޕްރިޔަންކާ ވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ނަމަވެސް އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ވެބްސައިޓް "ބްލީވުޑް ލައިފް" އަށް މައުލޫމާތު ދިން ޕްރިޔަންކާގެ ގާތް މީހަކު ބުނީ އިންސްޓަގްރާމްގެ ބައޯއަށް ބަދަލެއް ގެނައުމުގައި ވަކި ހާއްސަ ކަމެއް ނެތް ކަމަށެވެ. "އެއީ އެއްވެސް ކަމެއް ދިމާވެގެން ގެނައި ބަދަލެއް ނޫން. ދެފަންނާނުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް. އެމީހުން ވަރަށް އުފަލުގައި އުޅެމުން އެބަދޭ." އޭނާ ބުންޏެވެ.

ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ވެސް ވަނީ ޕްރިޔަންކާ އާއި ނިކްގެ ގުޅުމުގައި މައްސަލައެއް ނެތް ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. "އެމީހުންގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ޚަބަރެއް." މަދޫ ބުންޏެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރ 01 ވަނަ ދުވަހު އެވެ.