ގިނަ ދުވަސްތަކަކަށް ފަހު ރޯހިތު ޝެޓީ ޑައިރެކްޓްކޮށް، ލީޑް ރޯލުން އަކްޝޭ ކުމާރު ފެނިގެންދާ ފިލުމު ''ސޫރިއަވަންޝީ'' މިހާރު ނެޓްފްލިކްސްއިން ބަލާލެވޭނެއެވެ.

މިދިޔަ ނޮވެމްބަރު މަހު 5 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާފައިވާ މި ފިލުމަށް ވަނީ ވަރަށް ބޮޑު ސަޕޯޓެއް ލިބިފައެވެ. ބޮކްސް އޮފީހުގައި 200 ކްރޯރް އިންޑިއަން ރުޕީސްގެ ލިބިފައިވާ މި ފިލުމު މިހާރު އޮންލައިންކޮށް ބެލޭނެއެވެ. ނެޓްފްލިކްސްއިންނެވެ.

ތިއޭޓަރުތަކުގައި ފިލުމު އެޅުވިތާ ހަތަރު ހަފުތާ ފަހުން މި ފިލުމު ވަނީ ނެޓްފްލިކްސްއަށް ވިއްކާލާފައެވެ.

ފިލުމު ނެޓްފްލިކްސްއިން ބަލާލަން ލިބޭނެކަން އިޝްތިހާރު ކޮށްދީފައިވަނީ އަކްޝޭ ކުމާރާއި ރަންވީރު ސިންގްގެ ކުރު ވީޑިއޯއަކުންނެވެ.

ރޯހިތު ޝެޓީ ޑައިރެކްޓް ކޮށްފައިވާ މި ފިލުމުން އަކްޝޭ ކުމާރުގެ އިތުރުން ފެނިގެންދާނީ ކެތުރީނާ ކެއިފުއެވެ. އަދި މީގެ އިތުރުން މި ފިލުމުން ހާއްސަ ފެނިލުމަކުން އަޖޭ ދޭވްގަންއާއި ރަންވީރު ސިންގް ވެސް ފެނިގެން ދާނެއެވެ.

މި ފިލުމަކީ ރޯހިތު ޝެޓީގެ ފިލުމު ކަމުގައިވާ ''ސިންގަމް'' އާއި ''ސިމްބާ'' އާއި ގުޅުވަލައިގެން ތައްޔާރު ކޮށްފައިވާ ފުލުސް އޮފިސަރެއްގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ފިލުމެކެވެ.

މި ފިލުމުން އަޖޭއާއި ރަންވީރު ފެނިގެންދާނީ ''ސިންގަމް'' އާއި ''ސިމްބާ'' ގައި މި ދެ ފަންނާނުން އަދާ ކޮށްފައިވާ ފުލުސް އޮފިސަރުގެ ކެރެކްޓަރުންނެވެ.

ފިލުމު ''ސޫރިއަވަންސީ'' އިން ކެތުރީނާ ކެއިފު ފެނިގެންދާނީ ޑޮކްޓަރެއްގެ ކެރެކްޓާއިންނެވެ. އަދި އަކްޝޭގެ އަނތްބެއްގެ ރޯލު ވެސް އަދާ ކޮށްފައިވެއެވެ.

މި ފިލުމަކީ ތިއޭޓަރުތަކުގައި ނޫނީ ރިލީޒް ނުކުރުމަށް ރޯހިތު ޝެޓީ ނިންމާފައިވާ ފިލުމެކެވެ.