ނެޓްފްލިކްސް އިންކް ބޭނުންކުރާ މީހުންގެ ތެރެއިން 11،000 މީހުންނަށް އެ އެޕްލިކޭޝަން ޑައުންވި ކަމަށް އައުޓޭޖް ޓްރެކިން ވެބްސައިޓް ޑައުން ޑިޓެކްްޓަރ އިން ބުނެފިއެވެ.

ބައެއް އެޕްލިކޭޝަންތަކާއި ވެބްސައިޓްތައް ޑައުންވާ މިންވަރު ޑައުން ޑިޓެކްޓަރ އިން ދެނެގަންނަނީ ބޭނުންކުރާ ފަރާތްތައް ހިމެނޭ ގޮތަށް ގިނަ ވަސީލަތްތަކުން ސްޓޭޓަސް ރިޕޯޓްތައް ނަގައިގެންނެވެ.

ބައެއް ފަރާތްތަކުން ވަނީ މީސް މީޑިއާގައި ނެޓްފްލިކްސްއަަށް ވަނުމުގައި ދަތިތަކެއް ދިމާވެފައިވާކަން ހިއްސާ ކޮށްފައެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ ބައެއް ފަރާތްތަކަށް ނެޓްފްލިކްސް ހިދުމަތް ކެނޑިގެން ދިޔައެވެ.

ހާއްސަކޮށް މި ހިދުމަތް މެދު ކެނޑުނު ވަގުތަކީ އެތައް ބަޔަކު ޝޯވއަކަށް އިންތިޒާރުކޮށްގެން ހުރި ވަގުތެވެ. އެއީ މަޝްހޫރު ސިލްސިލާ "ލަވް އިޒް ބްލައިންޑް" ގެ ރީޔޫނިއަން ދައްކުވައިދޭ ލައިވް އިވެންޓެއްގެ ތެރެއިން ދިމާވި ކަމެއް ކަމަށް ވެއެވެ.

މިއާއެކު ނެޓްފްލިކްސް އިން ވަނީ މައްސަލައެއް އުޅޭ ކަމަށް ގަބޫލުކޮށް މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

"ލަވް އިޒް ބްލައިންޑް ލައިވް ރީޔޫނިއަން" އަޅުގަނޑުމެން ރާވާފައި އޮތް ގޮތަށް ނުފެނުމުން ވަރަށް ބޮޑަށް ހިތާމަކުރަން. މިހާރު މި ފިލްމު ދެއްކުމަށް ކުރަން ޖެހޭ ކަންކަން މި ދަނީ ކުރަމުން، ވަރަށް ބޮޑަށް މައާފަށް އެދެން". ނެޓްފްލިކްސްގެ ޓްވީޓްގައި ވެއެވެ.