ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާގެ ރާޖަސްތާނުގެ ތާރީހީ އިމާރާތެއްގައި ކެޓްރީނާ ކެއިފު އާއި ވިކީ ކޯޝަލް ވަނީ ކައިވެނި ކޮށްފައެވެ.

ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މި ކައިވެނީގެ ހަފުލާގައި ކެޓްރީނާ ލައިގެން ހުރި ކައިވެނީގެ ހެދުމަކީ އޭނާގެ މަންމައަށް ހާއްސަ ކުރެވިފައިވާ ހެދުމެކެވެ.

ކެޓްރީނާއާއި ވިކީގެ ކައިވެނީގެ އެކި ހަފުލާތަކުގެ ފޮޓޯތައް މީސް މީޑިޔާގައި ހިއްސާ ކޮށްފައެވެ. މި ފޮޓޯތަކުގެ ތެރެއިން ވެއިލްއަކާއި އެކު ފިޔާތޮށި ކުލައިގެ ސާރިއެއްގައި ހުރެ ނަގާފައިވާ ފޮޓޯތަކަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

ކެޓްރީނާގެ މަންމަގެ ގައުމުގެ ސަގާފަތާއި އިންޑިޔާގެ ސަގާފަތަށް ހާއްސަކޮށްގެން ތައްޔާރު ކުރެވިފައިވާ މި ސާރި ތައްޔާރު ކުރުމަށް ހޭދަވީ 1800 ގަޑިއިރު ނުވަތަ 75 ދުވަހެވެ.

ކެޓްރީނާގެ މި ހެދުން ފަރުމާ ކޮށްފައިވާ ޑިޒައިނަރ ސަބަޔަސާޗީ ބުނެފައިވަނީ މި ސާރި ހާއްސަ ކުރެވިފައިވަނީ ބްރިޓިޝް އާދަކާދައަށް ކަމަށެވެ. އަދި ހެދުން ތައްޔާރު ކުރުމަށް 75 ދުވަސް ހޭދަވި ކަމަށެވެ.

ކެޓްރީނާއާއި ވިކީގެ ކައިވެނީގެ ހުރިހާ ހަފުލާތަކެއްގެ ހެދުންތައް ވެސް ފަރުމާ ކޮށްފައިވަނީ ސަބަޔަސާޗީއެވެ.

ކައިވެނީގެ ކުރިން ކެޓްރީނާ އަދި ވިކީ ވެސް ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. ހުރިހާ ތައްޔާރީތަކެއް ވެސް ކުރެވެމުން ދިޔަ ނަމަވެސް އެކަންތައްތައް އޮތީ މީޑިއާއަށް ސިއްރު ކުރެވިފައެވެ.

ނަމަވެސް ކައިވެނި ކުރުމަށް ފަހު ކެޓްރީނާ އަދި ވިކީ ވެސް ވަނީ ކައިވެނީގެ ފޮޓޯތައް އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

ކައިވެނީގެ ކަންތައް ނިންމާ ވަރަށް އަވަހަށް ފިލުމު ޝޫޓިންގެ މަސައްކަތްތައް މި ދެ ފަންނާނުން ވެސް ފަށާނެއެވެ.