ބޮލީވުޑުގެ ބަތަލާ ކަންގަނާ ރަނައުތުގެ ސަބަބުން އެކްޓަރ އަނިލް ކަޕޫރާއި އޭނާގެ އަންހެނުން ސުނީތާ ކަޕޫރު ވަކިވެފައިވާ ކަމުގެ އަޑުތައް މީސް މީޑިޔާގައި ގަދަވެއްޖެއެވެ.

މި ދުވަސްވަރަކީ ބޮލީވުޑުގެ ފަންނާނުންގެ ވަރިއާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުންދާ ދުވަސްވަރެކެވެ. އެގޮތުން ސަމަންތާ ރުތު ޕުރަބޫއާއި ނަގާ ޗައިތަންޔާ ވަނީ މިދިޔަ އޮކްޓޫބަރު މަހު ވަރިވެފައިވާކަން ހާމަކޮށްފައެވެ.

ދާދި ފަހުން ޕްރިޔަންކާގެ އިންސްޓަގުރާމު ނަމުން ''ޖޯނަސް'' ކަނޑައިލުމުން ޕްރިޔަންކާއާއި ނިކް ވެސް ވަރިވާން އުޅޭ ކަމުގެ ހަބަރުތައް ފެތުރުނެވެ. ނަމަވެސް އެއީ ހަގީގަތެއް ނެތް ވާހަކަތަކެކެވެ.

މި ވާހަކަތަކުގެ ތެރެއިން އިތުރު ވެގެން ދިޔައީ އަނިލް ކަޕޫރާއި އޭނާގެ އަންހެނުން ސުނީތާ ވަކިވާން އުޅޭކަމުގެ ހަބަރުތަކެވެ.

އަނިލް ކަޕޫރާއި ބެހޭގޮތުން މި އަޑުތައް ފެތުރިފައިވަނީ ކަރަން ޖޯހަރު ހުށަހަޅައިދޭ ޝޯ ''ކޮފީ ވިތު ކަރަން'' ގައި އަނިލް ކަޕޫރު ދިން ޖަވާބަކާއި ގުޅިގެންނެވެ.

މި ޝޯގައި ''ރެޕިޑް ފަޔަރ ރައުންޑް'' ގައި އަނިލް ކަޕޫރަށް އަމާޒުކޮށް ކަރަން ސުވާލު ކޮށްފައިވަނީ އަނިލްގެ އަންހެނުން ދޫކޮށްލާނީ ކޮން އަންހެނަކަށްޓަކައި ތޯ ސުވާލު ކޮށްފައެވެ.

ސަންޖޭ ދަތުއާއި ކަންގަނާ ރަނައުތު ބައިވެރިވެފައިވާ މި ޝޯގައި ކަރަންގެ ސުވާލަށް ޖަވާބުދެމުން އަނިލް ކަޕޫރު ބުނެފައިވަނީ އެ އަންހެނަކީ ކަންގަނާ ކަމަށެވެ.

އަނިލް މިހެން ބުނެފައިވަނީ އެ ޝޯގައި އެވަގުތު އިން ހަމައެކަނި އަންހެނަކީ ކަންގަނާ ކަމުގައިވާތީ މަޖަލަކަށް ކަމަށް ރިޕޯޓް ބުނެއެވެ.

އަނިލްގެ މި ޖަވާބުގެ ސަބަބުން މީސް މީޑިޔާގައި އެ އަޑުތައް ވަރަށް ބޮޑަށް ގަދަވެފައިވާކަން ފާހަަގަކޮށްލެވެއެވެ.