އިންޑިޔާގެ ވިޔަފާރިވެރިއެއްގެ އަތުން އެތައް މިލިއަން ފައިސާއެއް ފޭރިގަނެފައިވާ ސުކޭޝް ޗަންދުރަޝޭކަރު ވަނީ ބޮލީވުޑުގެ ގިނަ ފަންނާނުންނަށް އަގުބޮޑެތި ހަދިޔާތަކެއް ދީފައެވެ.

މި ހަދިޔާތަކުގެ ސަބަބުން މި ފަންނާނުން ވަނީ މި މައްސަލައިގެ ތެރޭގައި ހިމެނިފައެވެ. މީގެތެރެއިން އެއް ފަންނާނަކީ ނޯރާ ފަތޭހީއެވެ. މި މައްސަލައާއި ގުޅިގެން ނޯރާ ފަތޭހި ވަނީ އެތައް ފަހަރެއްގެ މަތިން އީޑީ އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން އެތައް ވާހަކައެއް ދެއްކިފައިވާއިރު ސުކޭޝްއާއި ނޯރާ އަގުބޮޑެތި ހަދިޔާތަކާއި ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކެއް މިހާރު ވަނީ ލީކުވެފައެވެ. މި ޗެޓްގައި އެންމެ އަގުބޮޑު ކާރުތަކާއި އަދި ހަދިޔާ ދޭ ސަބަބުތަކާއި ބެހޭގޮތުން ވެސް ވާހަކަ ދައްކާފައިވެއެވެ.

އެއް ޗެޓް ލޮގުގައި ރޭންޖު ރޯވަރ ކާރެއް ނޯރާއަށް ކަމުދޭތޯ ސުކޭޝް ސުވާލު ކޮށްފައިވެއެވެ. އޭގެ ޖަވާބުގައި އެއީ ވަރަށް ކަމުދާ ކާރެއް ކަމަށާއި ވަރަށް ބޭނުންވާ އަދި ވަރަށް މޮޅު ކާރެއް ކަމަށް ނޯރާ ބުނެފައިވެއެވެ.

އެހެން ޗެޓް ލޮގެއްގައި ސުކޭޝް ވަނީ ނޯރާއަށް ހަދިޔާ ދޭ ސަބަބު ބުނެދީފައެވެ. މިގޮތުން ސުކޭޝް ހަދިޔާ ދިނުމުން ނޯރާއާއި އޭނާގެ އެޖެންސީއިން ދެކެނީ ކިހިނެއް ތޯ ސުވާލު ކޮށްފައިވެއެވެ. އަދި ސުކޭޝް އެ ހަދިޔާތައް ނޯރާއަށް ދެނީ ގަޔާވާ މީހަކަށް ހިތުން ރުހުމުން ދޭ ހަދިޔާއެއްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެއެވެ.

އަދި އިތުރު އެހެން އެއްވެސް މަގުސަދެއް ނެތް ކަމަށް ވެސް މި ޗެޓް ލޮގުގައި ސުކޭޝް ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސުކޭޝް ވަނީ ބީއެމްޑަބްލިޔު ކާރެއް ނޯރާއަށް ހަދިޔާ ކޮށްފައެވެ.