ބޮލީވުޑުގެ އެކްޓަރ ޓައިގަރ ޝްރޯފު މިހާރު ކުޅެމުންދާ ފިލުމު ''ގަންޕަތު'' ގެ ޝޫޓިންގެ ތެރެއިން އޭނާގެ ލޮލަށް އަނިޔާވެއްޖެއެވެ.

އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ މި ފިލުމުގެ ޝޫޓިންގެ ތެރެއިން ޓައިގަރގެ ލޮލަށް ލިބިފައިވާ އަނިޔާ ޓައިގަރ ދައްކާލައިފައިވަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައެވެ.

ސެޓުގެ ތެރެއިން ލޮލަށް އަނިޔާވެފައިވާ ފޮޓޯއެއް އިންސްޓަގުރާމު ސްޓޯރީގައި ހިއްސާ ކޮށްފައިވެއެވެ. އަދި ފިލުމު ''ގަންޕަތު'' ގެ އެންމެ ފަހުގެ ޝޫޓިންތައް ކުރިއަށް ދަނީ ކަމަށް ވެސް އޭނާގެ ސްޓޯރީގައި ލިޔެފައިވެއެވެ.

މި ފޮޓޯއިން ޓައިގަރގެ ލޯ ކައިރިއަށް ލިބިފައިވާ ގެއްލުންތައް ފެނެއެވެ.

ޝޫޓިންއަށް އިނގިރޭސިވިލާތުގައި ހުރެގެން ޓައިގަރ ވަނީ އިންސްޓަގުރާމުގައި ގިނަ ފޮޓޯތަކެއް ހިއްސާ ކޮށްފައެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރުގެ ފިލުމު ''ކަބީ ޚުޝީ ކަބީ ޣަމް'' އަށް 20 އަހަރު ފުރުމާއި ގުޅިގެން އެ ފިލުމުގައި ރިތިކް ރޯޝަނާއި ކަރީނާ ކަޕޫރު ޚާން އެކްޓް ކޮށްފައިވާ ލަވަ ''ޔޫއާ މައި ސޯނިޔާ'' އަށް ނަށާފައިވާ ވީޑިއޯއެއް ވެސް ވަނީ ހިއްސާ ކޮށްފައެވެ.

ޓައިގަރ ޝްރޯފަކީ އެކްޝަންގެ އިތުރުން ނެށުމުގައި ވެސް ވަރަށް ފާހަގަ ކޮށްލެވޭ ފަންނާނެވެ. ފިޓް ހަށިގަނޑެއް ލިބިފައިވާ ޓައިގަރގެ ހުސްވަގުތުތައް ގިނައިން ހޭދަކުރަނީ ޖިމްގައެވެ.

ފިލުމު ''ހީރޯޕަންތީ'' އިން 2014 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވެފައިވާ ޓައިގަރ ޝްރޯފު ވަނީ މިހާތަނަށް ހިތްގައިމު ފިލުމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

ޓައިގަރގެ ފާހަގަ ކޮށްލެވޭ ބައެއް ފިލުމުތަކަކީ ''ބާޣީ''، ''ވަރ''، ''ސްޓޫޑެންޓް އޮފް ދަ އިޔާ 2'' ފަދަ ފިލުމުތަކެވެ.