ބޮލީވުޑުގެ މަޝްހޫރު އެކްޓަރ ރަންވީރު ސިންގް ގެ ފަރާތުން ޓައިގަރ ޝްރޯފް ބޭނުންވަނީ ރަންވީރުގެ އަންހެނުން ދީޕިކާ ޕާޑުކޯން ކަމަށް ޓައިގަރ ބުނެފިއެވެ.

ބޮލީވުޑުގެ ގިނަ ފަންނާނުން ތަކެއްގެ ބައިވެރިވެ އެމީހުންގެ އަމިއްލަ ވާހަކަތަކާއި މަސައްކަތުގެ ވާހަކަތައް ހިއްސާ ކުރާ ޝޯއެއް ކަމުގައިވާ ''ކޮފީ ވިތު ކަރަން'' ގެ ހަތްވަނަ ސީޒަންގައި ޓައިގަރ ޝްރޯފްއާއި ކްރިތީ ސަނޫން ބައިވެރިވި އެޕިސޯޑުގައި ޓައިގަރ ވަނީ ރަންވީރުގެ ފަރާތުން އޭނާ އެންމެ ބޭނުންވާ އެއްޗެއް ހިއްސާ ކޮށްފައެވެ.

މި އެޕިސޯޑުގައި ރަންވީރުގެ ފަރާތުން ޓައިގަރ އެންމެ ބޭނުުންވަނީ ކޮން އެއްޗެއްތޯ ޝޯ ހުށަހަޅައިދޭ ކަރަން ޖޯހަރް ސުވާލު ކުރިއެވެ.

މި ސުވާލަށް ޖަވާބުދެމުން ޓައިގަރ ބުނެފައިވަނީ އެއީ ރަންވީރުގެ އަންހެނުން ދީޕިކާ ކަމަށެވެ. ދީޕިކާ ބޭނުން ވަނީ ކިހިނެއް ވެގެން ތޯ ކަރަން ސުވާލު ކުރުމުން ޓައިގަރ ބުނެފައިވަނީ އެއީ ދީޕިކާ ހުނަރުވެރި ކަމުން ކަމަށެވެ.

ހުނަރުވެރި ކަމުގެ އިތުރުން ދީޕިކާއަކީ ވަރަށް ރީތި މީހަކަށް ވާތީ ކަމަށް ވެސް ޓައިގަރ ބުނެފައިވެއެވެ.

ޓައިގަރއަކީ އެކްޓް ކުރުމުގެ އިތުރުން ނެށުމާއި ލަވަކިޔުމާއި އެކްޝަން ސީންތައް ކުޅުމުގައި ވެސް ފާހަގަ ކޮށްލެވޭ ފަންނާނެކެވެ.

މީގެއިތުރުން އިންސްޓަގުރާމުގައި ޓައިގަރ ހިއްސާ ކުރާ ޖިމްގެ ފޮޓޯތަކާއި ވީޑިއޯ ތަކަކީ އެކަން ކުރުމަށް ބޭނުންވާ ގިނަ ބަޔަކަށް ލިބޭ ހިތްވަރެކެވެ.

ޓައިގަރގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިފައިވަނީ ''ހީރޯޕަންތީ 2'' ން ތާރާ ސުތާރިއާއާއި އެކުގައެވެ.