ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ދެކުނު ކޮރެޔާގެ ލަވަ ބޭންޑެއް ކަމުގައިވާ ބީޓީއެސްގެ މެމްބަރު ޖަންކުކްއާއި ދެކުނު ކޮރެޔާގެ ބަތަލާ ލީ ޔޫ ބީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް މީސް މީޑިޔާގައި ވަނީ ފެތުރިފައެވެ.

މި އަޑުތައް އަރާފައި ވަނީ ދެކުނު ކޮރެޔާގެ ޔޫޓިއުބާއެއް މި ދެ ފަންނާނުން އިންސްޓަގުރާމުގައި އެއްވައްތަރެއްގެ ޕޯސްޓުތަކެއް ކުރާ ކަމާއި، ސިއްރުން ޑޭޓް ކުރާ ކަމަށް ބުނުމާއި އެކުގައެވެ.

މީގެއިތުރުން ޔޫޓިއުބާ ބުނެފައިވަނީ ޖަންކުކްގެ ބޭބެއާއި ލީ ޔޫ ބީގެ ދައްތަ ވެސް އިންސްޓަގުރާމުގައި އެކަކު އަނެކަކަށް ފޮލޯ ކުރާ ކަމަށެވެ.

މި އަޑުތައް ފެތުރުމާއި އެކު ޖަންކުކްގެ އެޖެންސީ ބިގްހިޓް އަދި ލީ ޔޫ ބީގެ އެޖެންސީ ވައި- ބްލޫމް އިން ވަނީ މި ހަބަރު ދޮގުކޮށްފައެވެ.

އަދި ބިގްހިޓްއިން ބުނެފައިވަނީ ބީޓީއެސްގެ މެމްބަރުންނާއި ބެހޭގޮތުން ދޮގު ޚަބަރު ފަތުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ވައި- ބްލޫމް އެޖެންސީ އިން ބުނެފައިވަނީ ޖަންކުކްއާއި ލީ ޔޫ ބީއާއި ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ ދެމީހުންގެ ދެމެދުގައި ރަހުމަތްތެރި ކަމުގެ ގުޅުމެއް ވެސް ނެތް ކަމަށެވެ.

ލީ ޔޫ ބީގެ އެޖެންސީއިން ވެސް ބުނެފައިވަނީ އެ އެޖެންސީގެ އެކްޓްރެސްއާއި ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރާ މީހުންނާއި ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ބީޓީއެސް ގުރޫޕުން ލީ ޔޫ ބީ ރަހުމަތްތެރިކަން އޮންނަނީ ވެސް ހަމައެކަނި ސުގާއާއި ކަމަށް ވެސް އެޖެންސީ އިން ބުނެފައިވެއެވެ.