ރާޖް ކުމާރު ހިރާނީ އަކީ މިހާރު ބޮލީވުޑުގައި ހުރި އެންމެ ވަރުގަދަ އެއް ޑައިރެކްޓަރެވެ. ގިނަ ބަޔަކަށް ނޭގުނުކަމުގައިވިޔަސް، އޭނާއަކީ ބްލޮކްބަސްޓަރ ފިލްމު ނޫނީ އުފައްދާ ޑައިރެކްޓަރެއް ނޫނެވެ. އޭނާ ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކަށް ބަލާލުމުން މިކަން ކިތަންމެ ރަނގަޅަކަށްވެސް އެނގިގެންދާނެއެވެ. ސީކުއެލް އެއްގެ ގޮތުގައި ނެރެފައިވާ "މުންނާބާއީ" އާއި ވަކި ވަކިން ނެރުނު "ޕީކޭ" އަދި ދާދި ފަހުން ނެރުނު "ސަންޖޫ" އަކީ އެކަމުގެ ހެއްކެކެވެ.

ބޮލީވުޑުގައި އެފަދަ ދެވަނައެއް ނެތް ސަންޖޭ ދަތުގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދު ފިލްމާއެކު ރާޖު ކުމާރު ހިރާނީގެ ނަން އަނެއްކާވެސް ވަނީ އަރައިގެން ގޮސްފައެވެ. ހަމައެހެންމެ، އެނަމާއިއެކު، ރަންބީރު ކަޕޫރުގެ ނަންވެސް ވަނީ އަރައިގެން ގޮސް، އަނެއްކާވެސް ދާއިރާގައި އިތުބާރު ހިފޭ ނަމަކަށް ވެގެން ގޮސްފައެވެ.

ނަތީޖާއެއްގެ ގޮތުން، ހިރާނީ އިތުރު ފަސް ފިލްމަކުން، ރަންބީރު އަށް ފުރުސަތު ދޭނެކަމަށް ހިރާނީ ވަނީ ބުނެފައެވެ. މިއީ ސަންޖޫ އިން ލިބުނު ކާމިޔާބުކަން ޔަޤީނެވެ. ސަންޖޫ ވެގެން ގޮސްފައިވަނީ ފާއިތުވި 10 އަހަރު ތެރޭގައިވެސް، ބޮލީވުޑުން އެންމެ ރަނގަޅު ފިލްމުތަކުގެ ތެރެއިން އެއް ފިލްމަށެވެ.

އިންޑިޔާގެ ނޫހެއްކަމުގައިވާ "ޑީއެންއޭ" އިން ބުނެފައިވާ ގޮތުގައި، ހިރާނީ މިހެން ބުނެފައިވަނީ ރަންބީރު ކަޕޫރު، ސަމާސާއަކަށް ހިރާނީ އަށް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަންބީރު، ހިރާނީ ގާތުގައި އަހާފައިވަނީ، އޭނާގެ އެންމެ ސުޕަރހިޓް ފިލްމުތަކުގައި ހަރަކާތްތެރިވި ސަންޖޭ ދަތު އާއި އާމިރު ޚާނާއެކު ދެ ފިލްމު އުފައްދާފައިވާ ފަދައިން، ރަންބީރު ކަޕޫރާއެކުވެސް ދެ ފިލްމު އުފައްދާނަންތޯއެވެ.

އޭގެ ޖަވާބުގައި ހިރާނީ ބުނެފައިވަނީ ރަންބީރާއެކު ފަސް ފިލްމު އުފައްދާނެކަމަށް ކަމުގައިވެސް، ޑީއެންއޭ އިން ބުނެފައިވެއެވެ.

ހިރާނީ ޑައިރެކްޓް ކޮށްފައިވާ ސަންޖޫ އަށް އެތައް ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު