އެމެރިކާގެ 46 ވަނަ ރައީސްގެ އަދި މިހާރުވެސް ވެރިކަމުގައި ހުންނެވި ޖޯ ބައިޑަންގެ ނަމާއި ގުޅުވާފައި އަލަށް ހޯދުނު އާ ވައްތަރެއްގެ ބޯވަދިލަމަހަކަށް ނަންދީފިއެވެ.

އެމެރިކަން މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީގެ ދިރާސާކުރާ ފަރާތްތަކުން ވަނީ މީގެ 328 މިލިއަން އަހަރު ކުރިން ދިރިއުޅުނު ދިހަ ފައި ލާފައިވާ މި ބޯވަދިލަމަހަށް ’ސިލިޕްސިމޯޕޮޑީ ބައިޑެން‘ ،މި ނަން ދީފަ އެވެ.

ދިރާސާކުރާ ޓީމުން އަލަށް ހޯދުނު މި މަހަށް އެ ނަން ދޭން ނިންމީ ރައީސް ބައިޑަން މިދިޔަ އަހަރު ރައީސްކަމުގެ ހުވާ ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޓީމުގެ ޕަބްލިކޭޝަން ބަލައިގެންފައިވާތީ އެވެ.

މި ދިރާސާގެ އިސްކޮށް އުޅުއްވާ ފަރާތެއް ކަމަށްވާ ކްރިސްޓޮފަރ ވެލިން ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ބައިޑެންގެ ’އެންތްރޮޕޮޖެނިކް ކްލައިމެޓް ޗޭންޖް‘ އަށް އޭނާވެސް ތާއީދު ކުރައްވާ ކަމަށާއި ރައީސް ބައިޑަން ގެންގުޅުއްވާ ޕްލޭންތަކަށް، ސިޔާސީ ފަރާތްތަކުން ސައިންސްވެރިންގެ އަޑު އަހަންޖެހޭ ކަމަށެވެ.

މި ޖަނަވާރުގެ ފޮސިލައިޒްޑް ގަނޑުތައް ފުރަތަމަ ފެނިފައިވަނީ 1988 ވަނަ އަހަރު މޮންޓާނާ އިންނެވެ. ނަމަވެސް އޭރު މި ޖަނަވާރު ފެނިފައިވަނީ "ވެމްޕަރޯޕޮޑް" ގެ އާ ބާވަތެއްގެ ގޮތުގައެވެ.

ސައިންސުވެރިން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ހިސާބުތަކުން އާ ވައްތަރުގެ މަސްމަހާއި މެއްސާއި އާ ވައްތަރުގެ ދިރޭތަކެތި ހޯދައެވެ. އަދި މީގެ އެތައް އަހަރެއް ކުރީގައި އުޅުނު ނަމަވެސް މިހާރު އެއްކޮށް ނެތިގޮސްފައިވާ ދިރޭތަކެތި ހޯދާކަންވެސް ފާހަގަކޮށްލެވެއެވެ. މިފަދަ ދިރުންތަކަށް ނަންދެނީ ހާއްސަ ފަރާތްތަކާއި ނުވަތަ އެ ދިރުމެއް ހޯދި ފަރާތަކާއިވެސް ގުޅުވާފައި އެވެ.