ބޮލީވުޑް އެކްޓަރު ރަންބީރް ކަޕޫރާއި އެކްޓްރެސް އާލިއާ ބަޓް ޑޭޓް ކުރަމުންދާކަމަށް ވަރަށް ފަހުން ރަންބީރް އިންޓަވިއުއެއްގައި ބުނެފައިވާއިރު، ދިރިއުޅޭ ގެ ކައިރީންނާއި ޕަބްލިކް ރެސްޓޯރެންޓްތަކުންނާއި އަދި އެނޫންވެސް އާންމު ތަންތަނުން މި ދެމީހުން ވަނީ އެތައް ފަހަރަކު ފެނިފައެވެ. މި ދެ ފަންނާނުންގެ ގުޅުމެކޭ އެއްވަރަށް ދެފަރާތު އާއިލާއިން ލިބޭ އެއްބާރުލުމާއި ރުހުން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މީގެ ކުރިން ރަންބީރް ވަނީ އާލިއާގެ ބައްޕަ މަހެޝް ބަޓް އާއިވެސް ބައްދަލު ކޮށްފައެވެ. މި ބައްދަލުވުމާއި ގުޅިގެން މަހެޝް ބުނެފައިވަނީ މީޑިއާއިން މި ބައްދަލުވުމާއި ގުޅޭގޮތުން ނިންމާ ނިންމުމެއް ނިންމުމަށާއި އޭނާ ރަންބީރްއާއި މެދު ހިތްހަމަ ޖެހޭ ކަމުގައާއި ރަންބީރް ދެކެ ލޯބިވާ ކަމަށެވެ.

ހަމަ މި ގޮތަށް، ރަންބީރްގެ އެންމެ ފަހުން ނިކުތް ފިލްމު "ސަންޖޫ" ގެ ސްޕެޝަލް ސްކްރީނިންގައި އެންމެ ފުރަތަމަ ބުރުގައި ބައިވެރިވި މީހުންގެ ލިސްޓުގައި އާލިއާގެ މަންމަ ސޯނީ ރަޒްދާން ހިމެނެއެވެ. އަދި ސޯނީ ވަނީ މީސްމީޑިއާގައި އެ ފިލްމަށް ތައުރީފްވެސް ކޮށްފައެވެ.

ކޮންމެއަކަސް، މިހާވަރުން މި އާއިލީ ބަދަހި ގުޅުމުގެ ވާހަކަ ނިންމާލެވޭކަށް ނެތެވެ. އާލިއާގެ މަންމަ ސޯނީ އާއި ރަންބީރްގެ މަންމަ ނީތު ކަޕޫރްގެ ގުޅުމަކީ ވެސް ވަކި ބަލިކަށި ގުޅުމެއް ނޫނެވެ. މީސްމީޑިއާގައި ވެސް މި ދެމައިންގެ ގުޅުން ވަރަށް ވަރުގަދައެވެ. އެގޮތުން ދެމީހުން އެކަކު އަނެއްކަކުގެ އިންސްޓަގްރާމް ފޮޓޯތަކަށް ކޮމެންޓްކޮށްވެސް ހަދައެވެ.

އާލިއާއާއި ރަންބީރްގެ ކުރިއަށް ފިލްމު "ބްރަމަސްތްރާ"ގެ ޝޫޓިންއަށް އެ ދެމީހުން މިވަގުތު ހުރީ ބަލްގޭރިއާގައެވެ.