ބޮޑު މަހެއް ގޮތަށް އިން މަތިންދާ ބޯޓެއް ފެނިގެން އެތައް ބައެއްގެ ސަމާލުކަން އެއަށް ހުއްޓުނެވެ. ބޮޑު މަހެއްގެ ދެ ލޮލާއި ހިނިތުންވެގެން ހުރި މަންޒަރު ފެންނަ އެ މަތިންދާ ބޯޓު ގިނަ ބަޔަކަށް ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެއާބަސް ބެލޫގާ އެކްސްއެލް އިން މިދިޔަ ބުރާސްފަތި ދުވަހު ބްލެގްނެކް އިން ސައުތް ފްރާންސްއަށް ދަތުރުކުރި އެ ފްލައިޓަށް އެތައް ބައެއްގެ ސަމާލުކަން ލިބުނުއިރު، އެއީ އެ މަތިންދާ ބޯޓު އޮޕަރޭޓަރުން އަލުން ޕެއިންޓްކޮށްގެން ނެރުނު މަތިންދާ ބޯޓެކެވެ. އެ ބޯޓުގެ ކުލަ ބަދަލުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.

2014 ވަނަ އަހަރު އޮޕަރޭޝަންސްތައް ފެށި ބެލޫގާއެކްސްއެލްގެ އާ ޕެއިންޓް މަތިންދާ ބޯޓަކީ ބެލޫގާ ވޭލްއަށް ނިސްބަތްކޮށް ކުރި ޕެއިންޓެކެެވެ. އެ ޑިޒައިންގައި އެ ބޯޓު ޕެއިންޓް ކުރުމަށް ނިންމީ 200000 މީހުންގެ ވޯޓަކުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެ މަތިންދާ ބޯޓު މީސް މީޑިޔާގައި ދައުރުވާން ފެށުމާއެކު އެތައް ބަޔަކު އެ ފޮޓޯތަކަށް ލައިކްދީ ކޮމެންޓް ކުރަން ފެށިއެވެ.

ބެލޫގާ އެކްސްއެލް އިން އެ އެއާބަސްގެ ފުރަތަމަ ދަތުރުކޮށްފައި ވަނީ 11 ގަޑިއިރުގެ ދިގު ދަތުރެކެވެ. އެ ދަތުރު ވަރަށް ފުރިހަަމަ ކަމާއެކު ނިންމާލުވުނުކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

އެ މަތިންދާ ބޯޓަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ބޮޑުތި މަތިންދާ ބޯޓުތަުކުގެ ތެރެއިން އެ ބޯޓެވެ.

ކިޔުންތެރިންގެ ހިޔާލު