މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ބަނޑުބޮޑުކަން އެނގުނު ތާ މާގިނަ ދުވަހެއް ނުވެ ދަރިފުޅު ބައިގެން ދިޔަ ކަމަށް ބްރިޓްނީއާއި އޭނާގެ ބަ ސެމް އަސްގަރީ ބުނެފިއެވެ.

ބްރިޓްނީއާއި ސެމް ލޯބީގެ ގޮތުން ގުޅުނީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. އަދި މި އަހަރުގެ އޭޕްރީލް މަހު ބްރިޓްނީ ބަނޑުބޮޑު ކަމަށް ވެސް ވަނީ އިއުލާނު ކޮށްފައެވެ.

ނަމަވެސް ދާދި ފަހުން ބްރިޓްނީއާއި ސެމް އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ދެމީހުންގެ ދަރިފުޅު ބައިގެން ގޮސްފައިވާ ކަމަށެވެ.

''މާބަނޑު ދުވަސްވަރުގެ ކުރީކޮޅު އަހަރެންގެ ދަރިފުޅު ބައިގެން ދިޔަކަން ވަރަށް ފުން ހިތާމައާއި އެކު ހިއްސާ ކުރަން. މިފަދަ ވަގުތަކީ ކޮންމެ މަންމައަކާއި ބައްޕައަކަށް ވެސް ވަރަށް ހިތްދަތި ވަގުތުކޮޅެއް. މި އުފާވެރި ޚަބަރު އެންމެންނާ ހިއްސާ ކުރުން ލަސްކޮށްލެވުނު ނަމައޭ ހިތަށް އަރާ. ނަމަވެސް އަހަރެމެންނަށް ލިބުނު އުފާވެރިކަން އެންމެންނާއި ވެސް ވީ އެންމެ އަވަހަކަށް ހިއްސާކޮށްލަން ބޭނުންވީ. އަހަރެމެން އެކަކު އަނެކަކު ދެކެ ވާ ލޯތްބަކީ ލިބޭ ހިތްވަރެއް. އަހަރެމެންގެ މި އާއިލާއަށް އިތުރު މެމްބަރުން ގެނައުމަށް އަބަދުވެސް މަސައްކަތް ކުރާނަން'' ބްރިޓްނީއާއި ސެމް ހިއްސާކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވެއެވެ.

މި ޕޯސްޓު ނިންމާލަމުން ބުނެފައިވަނީ އާއިލާއެއް ބިނާކުރުމުގައި މިހާރަށް ލިބިފައިވާ މިންވަރަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އަނެއްކާ ވެސް ވަރަށް އަވަހަށް މިފަދަ އުވާފެރި ކަމެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ހިތާމަވެރި ވަގުތުގައި އެންމެންގެ ފަރާތުން ލިބޭ ސަޕޯޓަށް ޝުކުރުވެރިވާ ކަމަށް ވެސް މި ދެމަފިރިން ބުނެފައިވެއެވެ.