ބޮލީވުޑުގެ އެތައް ފަންނާނުންނަކާއި ބެހޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކުމުގައި ގިނަ ބަޔަކަށް ފާހަގަ ކުރެވިފައިވާ ކަމާލް އާރް ޚާންގެ ބަޔޮގްރަފީ އިފްތިތާހު ކޮށްދިނުމުން އަމީތާބަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މީގެ އަހަރުތަކެއް ކުރިން ކަމާލްގެ ވެބްސައިޓް ''ކޭއާރްކޭ ބޮކްސް އޮފީސް'' އިފްތިތާހް ކޮށްދީފައިވަނީ ވެސް އަމީތާބުއެވެ. އަނެއްކާ ވެސް ކަމާލްގެ ބަޔޮގްރަފީ އިފްތިތާހު ކޮށްދިނުމުން އަމީތާބުގެ ސަޕޯޓަރުން އެކަމާ ހިތްހަމަ ނުޖެހި މީޑިޔާގައި ދަނީ ތަފާތު ކޮމެންޓްތައް ކުރަމުންނެވެ.

ކަމާލްގެ ބަޔޮގުރަފީ ''ކޮންޓްރޮވާޝިއަލް ކޭއާރްކޭ'' އިފްތިތާހް ކޮށްދިނީ ބޮލީވުޑުގެ މެގަ ސްޓަރ އަމީތާބު ބައްޗަން ކަމަށް ކަމާލް ކޮށްފައިވާ ޓުވީޓެއްގައި ވެއެވެ.

''އަހަރެން ބަޔޮގުރަފީ ކޮންޓްރޮވާޝިއަލް ކޭއާރްކޭ އިފްތިތާހު ކޮށްދިނީ އަމީތާބު ބައްޗަން'' ކަމާލްގެ ޓުވީޓުގައި ލިޔެފައިވެއެވެ.

މި ޓުވީޓަށް ކޮމެންޓް ކޮށްފައިވާ ބައެއް ފަރާތްތަކުން ކަމާލްގެ މި ފޮތް ކިޔާނެ މީހަކު ނުވާނެ ކަމަށް ބުނެފައިވާއިރު ބައެއް ފަރާތްތަކުން ވަނީ އަމީތާބު މި ފޮތް އިފްތިތާހް ކޮށްދިނީތީ ހިތްހަމަ ނުޖެހޭކަން ހާމަކޮށްފައެވެ.

''ކަމާލްގެ އަތުގައި އަމީތާބުގެ ވީޑިއޯއެއް އޮތީ ތަ؟'' ''ކަމާލްގެ ފޮތް ނެރެދޭހާ ދަށު ދަރަޖައަށް އަމީތާބު ދިޔައީ ތަ؟'' މި ފޮތް ނެރެދެން އަމީތާބަށް ކޮންފަދަ މަޖުބޫރެއް ކުރިމަތި ވީތަ؟'' މިފަދަ އެތައް ސުވާލުތަކަކާއި އެކު އަމީތާބުގެ ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުންތައް ދަނީ ހިއްސާ ކުރަމުންނެވެ.

ކަމާލްގެ ފޮތް އެއްވެސް މީހަކު ނުކިޔާނެ ކަމަށް ބުނެ ކޮމެންޓް ކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ ހިލޭ އެ ފޮތް ލިބުނު ނަމަވެސް އެ ފޮތް ނުކިޔާނެ ކަމަށެވެ.

ކަމާލް ވަނީ ސަލްމާން ޚާން، ކަންގަނާ ރަނައުތު، ކަރަން ޖޯހަރް، އަނުޝްކާ ޝަރުމާ ފަދަ އެތައް ފަންނާނުންނަކާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ފަތުރާފައެވެ.