އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ އެންގޯލާއިން 170 ކެރެޓްގެ ފިޔާތޮށި ކުލައިގެ ޖަވާހިރެއް ހޯދައިފިއެވެ.

ލުކަޕާ ޑައިމަންޑް ކުންފުނީގެ މައިން ކުރާ ފަރާތްތަކުން ހޯދި މި ޖަވާހިރާއި ގުޅޭގޮތުން ފާއިތުވި ބުދަ ދުވަހު އިންވެސްޓަރުންނަށް ދިން ބަޔާނެއްގައި ބުނީ އެންގޯލާގައި 300 އަހަރުގެ ތެރޭގައި ފެނުނު އެންމެ ބޮޑު ޖަވާހިރު ކަމަށް ބެލެވޭ ވަރަށް މަދުން ނޫނީ ނުފެންނަ ސާފު ޖަވާހިރެއް ހޯދާފައި ކަމަށެވެ.

މި ޖަވާހިރު ހޯދާފައި ވަނީ އެންގޯލިއާގައި ޖަވާހިރުން މުއްސަނދިވެފައިވާ އިރުއުތުރު ގެ އަވަށެއް ކަމަށްވާ ލޫލޯ މައިން އިންނެވެ. މިއީ މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް "ޕިންކް ޑައިމަންޑް" ނުވަތަ ފިޔާތޮށި ޖަވާހިރު ކަމަށް ޖަވާހިރު ހޯދި ފަރާތުން ބުނެއެވެ.

"ލޫލޯއިން ހޯދި މި ރެކޯޑާއި، ފިޔާތޮށި ކުލައިގެ ރީތި ޖަވާހިރު، ދުނިޔޭގެ މައިދާނުގައި އެންގޯލާއަކީ މުހިންމު ގައުމެއްގެ ގޮތުގައި އަދިވެސް ދަނީ ދައްކަމުން" އެންގޯލާގެ މިނަރަލް ރިސޯސަސް މިނިސްޓަރ ޑިއާމަންޓީނޯ އަޒެވޭޑޯ ވިދާޅުވިއެވެ.

މި ޖަވާހިރު ވިއްކަނީ ވަރަށް ބޮޑު އަގެއްގައި ކަމަށް ވެއެވެ. "ލޫލޯ ރޯޒް" ގެ ނަންދީފައިވާ މި ޖަވާހިރު ރީތި ބައްޓަމަކަށް ކަނޑާނެ ކަމަށް ބެލެވޭއިރު އެއަށްފަހު ޕޮލިޝްކޮށް ޖަވާހިރުގެ އަގު ހާމަކުރާނެއެވެ. އެއާއެކު ޖަވާހިރުގެ ބަރުދަން ދަށަށް ދާނެ އެވެ.

މިހާތަނަށް ދުނިޔޭގައި އެންމެ އަގުބޮޑުކޮށް ފިޔާތޮށި ޖަވާހިރެއް ވިއްކާފައި ވަނީ ހޮންކޮންގގައެވެ. އެގޮތުން 59.6 ކެރެޓްގެ "ޕިންކް ސްޓާ" ވިއްކާލީ 2017 ވަނަ އަހަރުގައި އެވެ. މި ޖަވާހިރު ވިއްކާލީ ނީލަމެއްގައި ވަނީ 71.2 މިލިއަން ޑޮލަރަށެވެ.