އެއްމާބަނޑު ދެދަރިން ލިބެން އުޅޭ ކަމަށް ފިރިމީހާ ރަންބީރު ކަޕޫރް ބުނީ މަޖަލަކަށް ކަމަށް ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.

އާލިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެ މީހުނަށް އެއްމާބަނޑު ލިބެން އުޅޭ ކަމަށް ރަންބީރު ބުނީ މަޖަލަކަށް ކަމަށެވެ. އަދި އެހެން ބުނެވުމުން ރަންބީރު މިހާރު ކުށްވެރިވެފައިވާ ކަމަށް ވެސް އާލިއާ ބުންޏެވެ.

އާލިއާ ބުނީ އެ މީހުންގެ ދަރިފުޅާއި ގުޅޭގޮތުން އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށާއި މި ވަގުތު ސަޕޯޓަރުންގެ ކިބައިން އެދެނީ ރަންބީރާއި އާލިއާ އަދި އެ މީހުންގެ ދަރިފުޅަށް ހެޔޮދުއާ ކޮށްދިނުމަށް ކަމަށެވެ.

ޝަމްޝެރާ ފިލްމުގެ ޕްރޮމާޝަނަށް ރަންބީރު ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ ބުނާ ތިން ކަމެއްގެ ތެރެއިން އެއްކަމަކީ ތެދު ކަމަށެވެ.

ރަންބީރު ބުނި ތިން ކަމަކީ އޭނާއަށް ލިބެން އުޅެނީ އެއްމާބަނޑު ދެކުދިން ކަމަށާއި އޭނާ ރޫހާނީ ފިލްމަކުން ވަރަށް އަވަހަށް ފެންނާނެ ކަމަށާއި އޭނާ މަސައްކަތުން ބޮޑު ޗުއްޓީއެއް ނަގަން އުޅޭ ކަމަށެވެ.

ރަންބީރުގެ ސަޕޯޓަރުން ގަބޫލް ކުރާ ގޮތުގައި އޭގެ ތެރެއިން ތެދަކީ އޭނާއަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭ ކަމަށެވެ.

އެއީ ރަންބީރު ގިނަ މަސައްކަތްތަކެއް ހުރުމުން މަސައްކަތުން ޗުއްޓީ ނުނަގާނެ ކަމަށާއި އަދި އޭނާ ވަނީ ވަރަށް ފަހުން ރޫހާނީ ފިލްމަކުން ފެނިފައިވުމުން ނެވެ.

އާލިއާ ބަނޑު ބޮޑުކަން އިއުލާން ކުރީ އޭނާގެ ފިރިމީހާ ރަންބީރް ކަޕޫރްއާ އެކުގައި ހޮސްޕިޓަލްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.

އެ ފޮޓޯއިން ފެންނަނީ އާލިއާ ބަނޑުގެ އަލްޓްރާ ސައުންޑް ހަދާ މަންޒަރެވެ. އަދި ސްކްރީނުން އެ މީހުންގެ ދަރިފުޅުގެ ފޮޓޯ ފެނެއެވެ. އެ ފޮޓޯ އިން ފެންނަ ކުއްޖާ ވަނީ ހިތް އިމޯޖީ ލައި ފޮރުވައިފައެވެ.