އޭލިއަންގެ ވާހަކަ ހިއްސާ ކުރުމަށް އެމެރިކާގެ އަސްކަރީ މަރުކަޒަށް ވަން ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފޮކްސް35 ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފްލޮރިޑާއަށް އުފަން އުމުރުން 29 އަހަރުގެ ކޮރޭ ޖޯންސަން އެމެރިކާގެ އަސްކަރީ މަރުކަޒަށް ވަދެފައިވަނީ ވެސް ވަގަށް ނަގާފައިވާ ވެހިކަލެއްގައެވެ.

ފްލޮރިޑާގައި ހުންނަ "ޕެޓްރިކް ސްޕޭސް ފޯސް ބޭސް" އަށް ވަދެ އޭނާ ވަނީ އޭނާ އަކީ އެމެރިކާގެ ރައީސް ޖޯބައިޑެންގެ ފަރާތުން މިޝަނެއްގައި ދިޔަ މީހެއް ކަމަށް ބުނެފައެވެ. އަދި އޭނާ އެތަނަށް ގޮސްފައިވަނީ "ޗައިނީސް ޑްރެގަން" އާއި ހަނގުރާމަ ކުރަމުން އަންނަ އޭލިއަނުންގެ ވާހަކަ ހިއްސާ ކުރުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް، ބްރެޑްވާޑް ކައުންޓީ ޖަލެއްގައި ބަންދު ކޮށްފައިވާއިރު، އޭނާގެ މައްޗަށް އުފުލާފައިވަނީ އިންޖީނުލީ އުޅަނދެއް ވަގަށް ނެގުމުގެ ކުށުގެ ދައުވާއެވެ.

އޭނާ ހައްޔަރު ކުރި ވާހަކަ މީސްމީޑިއާގައި ފެތުރެން ފެށުމާއި އެކީ ގިނަ ބަޔަކު އަންނަނީ އޭލިއަނުންނާއި ޑްރެގަން އާއި ހަނގުރާމަ ކުރުމުން މޮޅުވެފައިވަނީ ކޮންބައެއްތޯ ސުވާލުކޮށް އެކަމަށް ޖޯކު ޖަހާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އޭލިއަނުންނާއި ޑްރެގަނުންގެ ހަނގުރާމަ އަކީ ހައިރާން ކަމެއް ލިބިގެންވާ ކަމެއް ކަމަށް ބުނެފައެވެ.

ޕެޓްރިކް ސްޕޭސް ފޯސް ބޭސްއަކީ އީސްޓަރން ރޭންޖްގެ މިސައިލް އަދި ރޮކެޓް ލޯންޗްތައް އޮޕަރޭޓްކޮށް ބަލަހައްޓާ ސްޕޭސް ލޯންޗް ޑެލްޓާ 45 ހުންނަ ސަރަހައްދެކެވެ. މި ތަން ހުންނަނީ ކެނެޑީ ސްޕޭސް ސެންޓަރުން ގާތްގަނޑަކަށް 28 ކިލޯމީޓަރު ދުރުގައެވެ.