ނިންޖަކީ ފުރިޙަމަ ސިއްޙަތެއްގައި ހުރުމަށް ކޮންމެހެންވެސް ބޭނުންވާ މުޙިންމު ކަމެކެވެ. ރަނގަޅަށް ނިދި ނުލިބުމާއި ސިއްޙީ އެތައް ނުރައްކަލަކާ ގުޅިފައިވާއިރު، ހަމަ ނިދި ލިބުމަށްޓަކައި ކުރެވިދާނެ ގިނަ ކަންކަންވެއެވެ. ހަމަ އެހެންމެ ނިދުމުގައި ސިއްޙަތަށް ފައިދާ ކުރަނިވި ގޮތްތައްވެސް ވާއިރު، ގަޔަށް ދޫކޮށް ހުންނަ ހެދުން ލައިގެން ނިދުމަކީ ސިއްޙީ ފައިދާތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން ދިރާސާތަކުން އެނގެއެވެ.

މީގެ ކުރީން ކުރިއަށްގެންދިޔަ އެފަދަ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި، އެއްވެސް ގަޔަށް ދޫކޮށް ހުންނަ ހެދުން ލައިގެން ނިދުމަކީ ސިއްޙަތު ރަނގަޅުކޮށް ދިނުމުގެ އިތުރުން، ހަމަނިދި ލިބުމުގައިވެސް މުޙިންމު ދައުރެއް އަދާކުރާ ކަމެކެވެ.

ހަމަ އެހެންމެ މިގޮތަށް ނިދަން އާދަކުރުމުން، ހަށިގަނޑުގައި ދައުރުވާ 'ކޯޓިސޯލް' ނަމަކަށްކިޔާ މާއްދާ، ވަކި މިންގަނޑެއްގައި ހިފަހައްޓައި ދިނުމަށް އެހީއަކަށްވެއެވެ. މި މާއްދާ ހިފެހެއްޓުމެއް ނެތި، ހަށިގަނޑުގައި އިތުރުވާނަމަ ނިދި ލިބުމުން މަހުރޫމުވާގޮތް ދިމާވެއެވެ. ހަމަ އެހެންމެ މީހާގެ ބަރުދަން އިތުރުކޮށް ދިފާއީ ބާރު އެކަމުގެ ސަބަބުން ދަށްވެދެވެ.

ގަޔަށް ދޫކޮށް ހުންނަ ހެދުން ލައިގެން ނިދުމާއި ގުޅިފައިވާ އެހެނިހެން ސިއްޙީ ބައެއް ފައިދާތައް:

ބައްޓަން ރީތިކޮށް ހެދިބޮޑުވުމަށް އިތުރު އެހީއެއް

ހެދިބޮޑުވުން ގުޅިފައިވަނީ ހަމަ އެކަނި މިގޮތަށް ނިދުމަކާއި ނޫނެވެ. ނަމަވެސް ހަމައެކަނި ހެދިބޮޑުވުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ކާނާ ބޭނުން ކުރުމަކީ އެކަން ކާމިޔާބުވާނޭ ގޮތެއް ނޫނެވެ. ދިރާސާތައް ދައްކާގޮތުގައި ދޫކޮށް ހުންނަ ހެދުން ލައިގެން ނިދުމަކީ، ހެދިބޮޑުވުމަށް ބޭނުންވާ ހޯމޯން ހަށިގަނޑުގައި އިތުރުކޮށްދޭ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑުގެ ބައްޓަން ރީތިވާ ކަމަށްވެސް ބައެއް ދިރާސާވެރީން ބުނެއެވެ.

ބަލިތަކާއި ދުރުކޮށްދިނުން

ތަޖުރިބާކާރުން ބުނާގޮތުގައި ދޫކޮށް ހުންނަ ހެދުން ލައިގެން ނިދުމަކީ، ހަކުރުބައްޔާއި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމުގެ އިތުރުން ކަށީގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަމެކެވެ. މިގޮތަށް ދިމާވަނީ މިކަމުގެ ސަބަބުންް ހަށިގަނޑުގެ ދިފާއީ ނިޒާމަށް ހެޔޮ އަސަރުކޮށް، ގެއްލުންވެފައިވާ ޓީޝޫތައް އެކަމުން އާކޮށްދިނުމަށް އެހީއަކަށް ވާތީއެވެ.

ފިރިހެނުންގެ ދަރިފަންޏަށް ރަނގަޅު އަސަރު ކުރޭ

ގަޔަށް ދޫކޮށް ހުންނަ ހެދުން ލައިގެން ނިދާ ފިރިހެނުންގެ ދަރިފަންޏަށް، އެކަމުގެ ސަބަބުން ހެޔޮ އަސަރުކުރާ ކަމަށް ދިރާސާތަކުން މީގެ ކުރީން ދައްކާފައިވާއިރު، އެއީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމުގެ ދުޅަހެޔޮކަންވެސް އިތުރުކޮށްދޭ ކަމެއްކަން އެނގެއެވެ. މިގޮތަށް ދިމާވަނީ ބާރު އެއްޗެހި ލައިގެން ނިދަން އޮތުމުގެ ބަދަލުގައި ދޫ ހެދުން ލައިގެން ނިދުމުން، ހަށިގަނޑުގައި ލޭ ދައުރުވަށް ފަސޭހަވާތީއެވެ.