ބޮލީވުޑުގެ މެގަ ސްޓަރ އަމީތާބު ބައްޗަންގެ ދަރި އެކްޓަރ އަބީޝެކް ބައްޗަން ކުޅުނު ފިލުމު ''ގުރޫ'' ގެ ސެޓުން ވަގަށް ނެގީ ހަމައެކަނި އައިޝްވާރިޔާ ކަމަށް އަބީޝެކް ބުނެފިއެވެ.

2007 ވަނަ އަހަރުގެ ފިލުމު ''ގުރޫ'' އަކީ އަބީޝެކް ބައްޗަންއާއި އައިޝްވާރިޔާ ލީޑު ރޯލުން ފެނިފައިވާ ފިލުމެކެވެ.

''ގުރޫ'' ގެ ސެޓުން އައިޝްވާރިޔާ ވަގަށް ނެގި ކަމަށް އަބީޝެކް ބުނެފައިވަނީ ރިތޭޝް ދޭޝްމުކް ހުށަހަޅައިދޭ ޝޯ ''ކޭސް ތޮ ބަންތާ ހޭ'' ގައެވެ.

ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއް ދައްކުވައިދޭ މި ޝޯގެ ޓްރެއިލާގައި އެކި ފަންނާނުންނާއި ކުރާ ސުވާލުތަކުގެ އުސްއަލިތައް ދައްކުވައިދީފައިވެއެވެ. މި ޓްރެއިލާގައި އަބީޝެކްގެ އިތުރުން، ސޮނާކްޝީ ސިންހާ، ސަންޖޭ ދަތު، ޝާހިދު ކަޕޫރު، ޕަންކަޖް ޓްރިޕާތީ، ވިކީ ކޯޝަލް ފަދަ ފަންނާނުން ދައްކުވައިދެއެވެ.

އެގޮތުން އަބީޝެކްއާއި ސުވާލު ކޮށްފައިވަނީ ސެޓުން އެއްޗެހި ނަގައިގެން ގެންދާ މައްސަލައާއި ބެހޭގޮތުންނެވެ.

''ސެޓުން ވަރަށް ގިނަ އެއްޗެހި ވަގަށް ނަގައިގެން ގެންދަމެއްނު. ފިލުމު ގުރޫގެ ސެޓުން ވެސް.....'' ޝޯ ހުށަހަޅައިދޭ ރިތޭޝް މި ސުވާލު ކުރުމުން އަބީޝެކް ބުނެފައިވަނީ ފިލުމު ''ގުރޫ'' ގެ ސެޓުން އޭނާ ގެއަށް ގެންގޮސްފައިވަނީ ހަމައެކަނި ފިލުމުގެ ބަތަލާ އައިޝްވާރިޔާ ކަމަށެވެ.

އަބީޝެކްއާއި އައިޝްވާރިޔާ ކައިވެނި ކޮށްފައިވަނީ 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. މި ދެ ފަންނާނުންނަށް ވަނީ އަންހެން ދަރިއަކު ވެސް ލިބިފައެވެ. އެއީ އަރާދިޔާ ބައްޗަންއެވެ.

އަބީޝެކްގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިފައިވަނީ ފިލުމު ''ދަސްވީ'' އިންނެވެ.