ޖަޕާނުގެ ކޮޝީނޯ ބީޗަށް މޫދަށް އެރުނު ހަ މީހަކަށް ކޯމަހެއް ހަމަލާދީފިއެވެ.

"ޑެއިލީމެއިލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަޕާނުގެ ރިސޯޓެއްގެ މޫދަށް އެރުނު ބަޔަކަށް ފާއިތުވި ހަފްތާގެ ތެރޭގައި އެކި ދުވަސްތަކުގެ މަތިން ކޯމަހެއް ވަނީ ހަމަލާދީފައެވެ.

ކޯމަހަކީ އާންމުކޮށް މީހުންނަށް ހަމަލަދޭ ދިރުމަކަށް ނުވާއިރު، ފާއިތުވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހަމީހަކަށް ހަމަލާދިނީ އެއް ކޯމަހަކަށް ވެދާނެ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ކޮޝީނޯ ބީޗަށް މޫދަށް އެރުނު މީހުންނަށް ކޯމަސް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތައްވެސް އެގައުމުގެ މީޑިއާތަކުން އަންނަނީ ހާމަކުރަމުންނެވެ.

އެއް ވީޑިއޯއިން މީހަކު އެ ކޯމަހުގެ ކިބައިން ސަލާމަތް ވުމަށް އޮޅުލާ މަންޒަރު ފެނެއެވެ. އަދި އެއްވެސް ގޮތަކުން ކުރި ނުލިބުމުން މޫދުތެރޭގައި ބާރަށް ފަތަން ފަށައެވެ. ނަމަވެސް ކޯމަހަށް އެމީހާ އަތުވެ ގައިގަ ދަތް އަޅާ މަންޒަރު ފެނެއެވެ.

މިހާތަނަށް ހަމީހަކަށް ހަމަލާދީފައި ވާއިރު އޭގެ ތެރެއިން ބައެއް މީހުންނަށް ހަމަލާދީފައި ވަނީ ކޯމަސް ކައިރިވާ ވަގުތު އެސޮރުގެ ފޮޓޯނަގަން އުޅުމުގެ ތެރޭގައެވެ. ކޯމަސް ހަމަލާދިން ބައެއް މީހުން ޒަހަމްވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ޖަޕާނުގެ ނޫޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކޯމަހަކީ އާންމުކޮށް މީހުންނަށް ގެއްލުންދޭ އެއްޗެއް ނޫނެވެ. ނަމަވެސް މީގެ ކުރިންވެސް ކޯމަސް ހަމަލާދިނުމުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ކޯމަހަކީ ފަތުރުވެރިންގެ ޝައުގުވެރިކަންވެސް ބޮޑު އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު