އިންޑިއާގެ ކާމިޔާބު މަހުޖަން ރާކޭޝް ޖުންޖުންވާލާ މަރުވެއްޖެއެވެ.

ދަލާލް ސްޓްރީޓްގެ ބިގް ބުލްގެ ނަމުގައި މަޝްހޫރު ރަކޭޝް ޖުންޖުންވާލާ މަރުވީ އޭނާގެ އުމުރުން 62 އަހަރުގައެވެ. އޭނާ އަކީ އިންޑިއާގެ އެންމެ އާ އެއާލައިން އަކާސާގެ ޕްރޮމޯޓް ކުރުމުގައި ހަރަކާތްތެރިވެފައިވާ އިންވެސްޓަރެކެވެ.

ޖުންޖުންވާލާ މަރުވި އިރު އޭނާގެ އަންހެނުންނާއި ތިން ދަރިން ދުނިޔޭގައި އެބަތިބިއެވެ. ނަމަވެސް އޭނާ މަރުވި ސަބަބެއް އަދި ނޭނގެއެވެ. އޭނާގެ މަރާ ގުޅިގެން އިންޑިއާގެ ބޮޑެތި ސިޔާސީ ފަރާތްތަކާއި ވިޔަފާރި ވެރިން ވަނީ މީސް މީޑިއާގައި ހިތާމަ ފާޅުކޮށްފައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޓްވިޓާ މެދުވެރިކޮށް ރަކޭޝް ޖުންޖުންވާލާގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައެވެ. ރާކޭޝް ޖުންޖުންވާލާ އަކީ އަގުހުރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓްވިޓާގައި ލިޔުއްވާފައިވެއެވެ.

އިންޑިއާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާކޭޝް ޖުންޖުންވާލާ ވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ބަލިވުމުގެ ސަބަބުން ހޮސްޕިޓަލްގައި އެނދުމަތިކޮށްފައެވެ. އޭނާ އެންމެ ފަހު ނޭވާލީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައެވެ.

ޖުންޖުންވާލާގެ ބައްޕާފުޅަކީ އިންކަމް ޓެކްސް އޮފިސަރެކެވެ. ޖުންޖުންވާލާ ހިއްސާގެ ބާޒާރަށް ފުރަތަމަ ނުކުވެވަޑައިގަތީ އޭނާ ކޮލެޖުގައި ހުންނެވި އިރު އެންމެ 5،000 ރުޕީސް(1011 ރުފިޔާ)ގެ ރައުސުލްމާލަކާއެކު އަދި ސެންކްސް ގެ އަގަކީ 150 ރުޕީސް(30 ރުފިޔާ) އެވެ.

"އިންޑިއާގެ ވޮރެން ބަފެޓް" ގެ ނަމުން މަޝްހޫރުވެފައިވާ ޖުންޖުންވާލާގެ މިލްކިއްޔާތުގައި 40،000 މިލިއަން ޑޮލަރު ހުރި ކަމަށް ފޯބީސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު