އިންޑިއާގެ ޖަލޯރް އަވަށުގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރެއް، ޓީޗަރުގެ ތަށިން ފެން ބުއިމުން ޓީޗަރު ރުޅިގަދަ ވެގެން ކުރި އަނިޔާގެ ސަބަބުން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވަނީ ޖަލޯރް އަވަށުގައި ހިންގަމުން އަންނަ ޕްރައިވެޓް ސްކޫލެއްގައެވެ.

އެހާދިސާ އާއި ގުޅިގެން ކުއްޖާގެ ލޮލަށާއި ކަންފަތަށް ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އެއަވަށާއި 300 ކިލޯމީޓަރު ދުރުގައި އޮންނަ އަހުމަދުއާބާދުގެ ހޮސްޕިޓަލަކަށެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކުއްޖާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިހާދިސާ އާއި ގުޅިގެން ކުއްޖާގެ އާއިލާއާއި ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ ޓީޗަރު ކުއްޖާއަށް އަނިޔާކޮށްފައިވަނީ ޓީޗަރުގެ ތަށިން ކުއްޖާ ފެން ބުއި މައްސަލައިގައި ރުޅިގަދަ ވެގެން ކަމަށެވެ.

އަނިޔާ ލިބުނު ކުއްޖާ މަރުވުމާއި ގުޅިގެން ރާޖަސްތާނުގެ ޗީފް މިނިސްޓަރ އަޝޮކް ގެލޮޓް ވަނީ ކުއްޖާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. އަދި އޭނާ ވަނީ ކަމާއި ބެހޭ އިދާރާތަކުން ހާދިސާ ހިނގިގޮތް ތަހުގީގުކޮށް އެކަމުގައި އެކަމުގައި ހިމެނޭ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.

"ވީއެންމެ އަވަހަށް މަރުވި ކުއްޖާގެ އާއިލާއަށް އިންސާފު ހޯދައިދޭނެ. އަދި މިހާރު ކުއްޖާގެ އާއިލާއަށް ފަސް ލައްކަ ރުޕީސް ދިނުމަށް ވެސް ވަނީ ހަމަޖެހިފައި" އޭނާ ބުންޏެވެ.

މިހާދިސާ އާއި ގުޅިގެން ތުހުމަތު ކުރެވުނު ޓީޗަރު މިވަގުތު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކުރުމާއި ގުޅިގެން އެގައުމުގެ ގިނަ ރައްޔިތުން ވެސް ވަނީ އޭނާއަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކަމެއް ވާއިރަށް މަރާނުލިޔަސް ފުދޭނެ.

    17
    2