އޮސްޓްރޭލިއާއިން ޓިކްޓޮކް ބޭން ކުރަން ނުވަތަ މަނާކުރުމާމެދު ވިސްނަމުންދާކަން ހާމަކޮށްފިއެވެ.

އެގައުމުގެ ސިޔާސީ އިސް ބޭފުޅަކު ވަނީ ވިދާޅުވެފައި ވަނީ، ޗައިނާގެ މި އެޕްލިކޭޝަން އަކީ ބޭނުން ކުރާ މީހުންގެ "ޑޭޓާ މައިނިންގ" ކުރާ އެޕްލިކޭޝަނެއް ނޫންކަން ސަރުކާރަށް ޔަގީން ނުކުރެވޭނަމަ އޮސްޓްރޭލިއާ އިން ޓިކްޓޮކް މަނާކުރުމާމެދު ވިސްނަންޖެހޭ ކަމަށެވެ.

މިދިޔަ ހަފްތާގައި ނެރުނު ސައިބަރ ސެކިއުރިޓީ ރިޕޯޓެއްގައި ބުނެފައި ވަނީ ޓިކްޓޮކް މެދުވެރިކޮށް އެހެން ސައިޓްތަކަށް ވަންނައިރު، އެ އެޕް ބޭނުންކުރާ ފަރާތްތަކުގެ ސްކްރީން ޓެޕްތައް ޓްރެކް ކުރެވޭނެކަން ހާމަކުރުމާ ގުޅިގެން އެ އެޕްލިކޭޝަން އާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ކަމަށެވެ.

ވީޑިއޯ ހިއްސާކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމަކީ "އިން-އެޕް ބްރައުޒް" ކުރުމުގެ ތެރޭގައި، ކްރެޑިޓް ކާޑުގެ ތަފްސީލާއި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ނަގައިގަންނަ ގޮތަށް މަގުފަހިކޮށްދޭ ކޯޑް ހިންގާ ޕްލެޓްފޯމެކެވެ.

އޮސްޓްރޭލިޔާގެ ލިބަރަލް ސެނެޓަރ އަދި އިދިކޮޅު ސައިބަރ ސެކިއުރިޓީގެ ތަރުޖަމާނު ޖޭމްސް ޕެޓަރސަން ވިދާޅުވީ، މި އެޕް ބޭނުންކުރުން މުޅިން މަނާކުރުން މަޝްވަރާގެ މޭޒު ދޮށަށް އަންނަންޖެހޭ ކަމަށެވެ.

ޕެޓަރސަން އަކީ، ބޭރުގެ ނުފޫޒު ފޯރުވުމުގެ ނުރައްކާތައް ދިރާސާ ކުރައްވާ ޕާލަމެންޓްރީ ޖޮއިންޓް ކޮމިޓީ އޮން އިންޓެލިޖެންސް އެންޑް ސެކިއުރިޓީގައިވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އޮސްޓްރޭލިއާގެ ސެކިއުރިޓީ ފާމެއް ކަމަށްވާ ސައިބަރސީއެކްސްގެ ސައިބަރ އިންޓެލިޖެންސްގެ ޑިރެކްޓަރ ކެތުރީން މަންސްޓެޑް ވިދާޅުވީ، ޗައިނީޒް ކޮމިއުނިސްޓް ޕާޓީއަކީ "އޮސްޓްރޭލިއާގެ ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދުމަށް ނުހަނު އެޕިޓައިޓް" ޕާޓީއެއް ކަމަށެވެ.

އޮސްޓްރޭލިއާގެ 2.5 މިލިއަނަށްވުރެ ގިނަ މީހުން ގަވާއިދުން ޓިކްޓޮކް ބޭނުން ކުރެއެވެ. މީގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ 15 އަހަރު ނުފުރޭ ކުޑަކުދިންނެވެ.