އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ބްރިސްބޭންގައި ދެ މަތިންދާ ބޯޓު އެކްސިޑެންޓް ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެގައުމުގެ ގަޑިން މިއަދު ހެނދުނު 10:30 ގައި މި އެކްސިޑެންޓް ހިނގާފައިވަނީ އުތުރު ބްރިސްބޭންގައެވެ.

މިހާދިސާއާއި ގުޅިގެން ދެ މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް މަތިންދާ ބޯޓުގައި ތިބި އުމުރުން 60 އަހަރުގެ ދެމީހެކެވެ.

ދެން މި ހާދިސާގައި އަނިޔާވެފައިވަނީ 70 ގެ އަހަރުތަކުގެ މީހެކަށް ކަމަށާއި އޭނާއަކީ ދެން އެކްސިޑެންޓްވި މަތިންދާ ބޯޓު ދުއްވަން ހުރި މީހާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުން ދެ މަތިންދާބޯޓެއް ބިންމައްޗަށް ވެއްޓިފައިވާ މަންޒަރު ފެނިގެންދެއެވެ. އަދި މަތިންދާބޯޓުގެ ބައެއް ބައިތައް ވެސް ނެއްޓި، ހަލާކުވެފައިވާ މަންޒަރު ފެނިގެންދެއެވެ.

ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ދެ މަތިންދާބޯޓު ޖެހިފައިވަނީ މާ މަތިންނެއް ނޫނެވެ. ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.